ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން އެ ޖަމްއިއްޔާގެ 211 މެމްބަރު ޤައުމަށް ދިނުމަށް ހަމަޖެހިފައިވާ ހަރަދުގެ ތެރެއިން ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމަށް 500،000 (ފަސްލައްކަ) ޑޮލަރު ދިނުމަށް އެޖަމްއިއްޔާއިން ނިންމައިފިއެވެ.

މިފައިސާއަކީ އެެސޯސިއޭޝަންތަކުގެ ހިންގުމުގެ ހަރަދާއި އެހެނިހެން ހަރަދުތަކަށް ފީފާއިން ކޮންމެ އަހަރަކުވެސް ދޫކުރަމުން އަންނަ ފައިސާއެކެވެ.

މިއަހަރު ފައިސާ ދިނުން އަވަސްކުރީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ފީފާގެ ސްޕޮންސަރުން ހުއްޓުމަކަށް އައުމާއި ގުޅިގެން މެމްބަރު ކުލަބުތަކަށް ވީހާވެސް އަވަހަށް އެހީވުމުގެ ގޮތުންނެވެ.

ފީފާއިން މިފައިސާ ދެނީ ދެބަޔަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ޕޭމަންޓް އަހަރު ފެށޭ ދުވަސްކޮޅު ހަވާލުކުރާއިރު ދެވަނަ ޕޭމަންޓް ހަވާލުކުރުމަށް ކުރިން ހަމަޖެހިފައިވަނީ ޖުލައި މަހުގައެވެ.

ދުނިޔޭގެ ފުޓުބޯޅައާއިބެހޭ މައި އިދާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމުތަކުގެ ފުޓުބޯޅަ އެސޯސިއެޝަންތައް ހިންގުމަށް ދެވޭ ފައިސާގެ އިތުރުން މެމްބަރު 211 ގައުމަކަށް މާލީ އެހީތެރިވާން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފީފާގެ މެމްބަރު ކޮންމެ އެސޯސިއޭޝަނަށް ހިންގުމުގެ ހަރަދުތަކުގެ އިތުރުން 500،000 ޑޮލަަރުގެ އެހީ ލިބޭނެ ކަމަށް ފީފާއިން ވަނީ ބުނެފައެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށްގެން ފުޓުބޯޅައަށް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެކަންކަމުން އަރައިގަތުމަށް ބޭނުންވާނެ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންފަންޓީނޯ ވަނީ ވިދާޅުވެފައެވެ.

ފީފާއިން ދޭ މިއެހީއަކީ އެ ޖަމިއްޔާއިން 2016 ވަނަ އަހަރު ތައާރަފްކުރި ފޯވާޑް 2.0 ޕްރޮގްރާމުގެ ފަންޑުގެ ބަޔެކެވެ.

މިފައިސާ އެފްއޭއެމަށް ލިބޭނީ ފުރަތަމަ ޕޭމަންޓު ހަރަދުކުރި ގޮތް ފީފާއަށް ހުށައަޅައިގެންނެވެ. އަދި ދެވަނަ ޕޭމަންޓްގެ ގޮތުގައި ލިބޭ ފައިސާ ހަރަދުކުރާގޮތުގެ ތަފްސީލުވެސް ހުށައަޅަންޖެހެއެވެ.