• 200 ވެންޓިލޭޓަރު ހޯދަން 3 ކުންފުންޏަކާއި ހަވާލުކުރި
  • ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ އިތުބާރު ހިފޭ ބަޔަކާއި: މިނިސްޓަރ
  • މެއި މަހުގެ ނިޔަަލަށް 38 ވެންޓިލޭޓަރު ރާއްޖެ ގެނެވޭނެ: އަމީން

ކޮވިޑް-19 ގެ ރޯގާގެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމަށް، 200 ވެންޓިލޭޓަރު ހޯދަން ރާއްޖޭގެ ދެ ކުންފުންޏެއްގެ އިތުރަށް ޑުބާއީގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށާއި، އޭގެތެރެއިން 38 ވެންޓިލޭޓަރު މެއި މަހުގެ ނިޔަަލަށް ރާއްޖެ ގެނެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ، ކޮވިޑް-19 ގެ މިނާޒުކު ހާލަތުގައި އެކަށީގެންވާ ވަރަށް ވެންޓިލޭޓަރސް ހުރުމަކީ އެންމެ ބޭނުންތެރި އެއް ކަމަކަށް ވުމާއިއެކު، އެކަމާއި ގުޅޭ މައުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރާއި އަމާޒުކުރެއްވި 10 ސުވާލަށް ޖަވާބުދެއްވައި މަޖިލީހަަށް އިއްޔެ ހަވީރު އީމެއިލްކުރެއްވި ޖަވާބު ސިޓީގަ އެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމދު ނަޝީދަށް އެޑްރެސް ކުރައްވައި، ހެލްތު މިނިސްޓަރ އަމީން ފޮނުއްވެވި ސިޓީ ގައި ބުނެފައި ވަނީ، ކޮވިޑް-19 ގެ ރޯގާގެ ނުރައްކާތެރި ހާލަތަކަށް ތައްޔާރުވުމަށް ޚާއްސަ އިސްކަމެއްދީގެން 200 ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ޕޮލިސީ ކޮމެޓީން ނިންމީ 15 މަރޗް 2020 ގައި ކަމަށެވެ.

ވެންޓިލޭޓަރުގެ ސްޕެސިފިކޭޝަން ތައްޔާރުކޮށް ވެންޓިލޭޓަރު ހޯދުމަށް މަރޗު 18 ވަނަ ދުވަހު މިނިސްޓްރީން 3 ކުންފުންޏަކަށް ކޯޓޭޝަން ފޮނުވި ކަމަށާއި، އެ ކުންފުނިތަކަށް ކޯޓޭޝަން ފޮނުވީ ކުރިންވެސް މިނިސްޓްރީއަށް އިންސްޓްރޫމަންޓާއި މެޝިންތައް ގެންނަ އިތުބާރު ހިފޭ ކުންފުނިތަކަކަށް ވުމުން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެ ކުންފުނި ތަކަކީ، "އެސްޓީއޯ"، "މެޑްޓެކް މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް"ގެ އިތުރަށް "ނާޑް ޕްރައިވެޓް ލިމިޓެޑް" އެވެ. އަދި އެ ކުންފުނިތަކުން ފޮނުވި ކޯޓޭޝަން ބެލުމަށްފަހު އެއީ ރަނގަޅު ތަކެތިކަމާއި އަަދި ވަރަށް އަވަހަށް ގެންނަންޖެހޭ ތަކެތި ކަމަށްވުމުން، ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ މެޑްޓެކް އާއި، ނާޑް ކުންފުންޏަށެވެ.

ނަމަވެސް ވެންޓިލޭޓަރު ތައް އުފައްދާ ގައުމުތައް ލޮކްޑައުން ކުރުމުންނާއި، ކުންފުނިތަކުގެ މަސައްކަތްތަކަށް ދަތިވެ، އަދި ޑިމާންޑްވެސް އިތުރުވަމުންދިއުމުން ކުންފުނިތަކަށް އެތަކެތި ސަޕްލައިކުރުމުގައި ކުރިން އުއްމީދު ކުރި ގޮތަކަށް އަވަހަށް ކުރިއަށްދެވެން ނެތްކަން އެންގުމުން، މިނިސްޓްރީން ކުންފުނިތަކާއި ބައްދަލުކޮށް އަވަހަށް ސަޕްލައި ލިބޭނެ ގޮތްތަތަކަކީ ކޮބައިތޯ ބަލައި އެ ކުންފުނިތަކުން އެދުނު ލިއުންތައް މިނިސްޓްރީން ފޯރުކޮށްދިން ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރަށްވެސް އެތަކެތި ލިބުމުގައި ދަތިކަމެއް ހުރެދާނެ ކަމަށް ގަބޫލުކުރެވޭތީ، އިތުރަށް ހޯދަން ޖެހޭ ވެންޓިލޭޓަރު ތަކުގެތެރެއިން 75 ވެންޓިލޭޓަރ ހޯދުމަށް ދިވެހިރާއްޖޭގައި ހުންނަ ޑަބްލިއު.އެޗް.އޯ ގެ ކަންޓްރީ އޮފީހާއި ޔުނައިޓެޑް އެރެބިކް އެމިރޭޓްސް ޑަބްލިއު.އެޗް.އޯ ކަންޓްރީ އޮފީސް މެދުވެރިކޮށް ވެންޓިލޭޓަރުގެ އަގުބެލުމަށްފަހު އެ ގަައުމުގެ ކުންފުންޏެއް ކަމަށްވާ، "އެކްސެކިއުޓާ ޖެނެރަލް ޓްރޭޑިންގ" ގެ އަހު ހޯދުމަށްފަހު ސިންގަލް ސޯސް ޕްރޮކިއުމެންޓްގެ ގޮތުގައި 2 އޭޕްރީލް 2020ގައި މަސައްކަތް ހަވާލުކުރެވުނު ކަމަށްވެސް މިނިސްޓަރގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން ލިބުނު މައުލޫމާތުގަވާ ގޮތުން މެޑްޓެކް އާއި ހަވލުކުރި ވެންޓިލޭޓަރ ތަކުގެ ތެރެެއިން 18 ވެންޓިލޭޓަރު 1 މެއި 2020 ގަ ރާއްޖެ ގެނެވޭނެކަމަށް ވަނީ އަންގާފަ. އަދި އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ވެންޓިލޭޓަރު ތަކުގެތެރެއިން 10 ވެންޓިލޭޓަރު 15 މެއި 2020 ގައި ރާއްޖެ ގެނެވޭނެކަމަށް ވަނީ އަންގާފަ. އަދި އެކުންފުންޏާއި ހަވާލުކުރި ބާކީ ވެންޓިލޭޓރަުތައް ގެނެވޭނެ ދުވަސް ކަށަވަރުވުމުން މިނިސްޓްރީއާ ހިއްސާކުރާނެ ކަމަށް ވަނީ އަންގާފަ.
މިނިސްޓަރ އަމީން

މީގެ އިތުރަށް ނާޑް ކުންފުންނާއި ހަވާލުކޮށްފައިވާ 20 ވެންޓިލޭޓަރު އެ އުފައްދާ ކުންފުނީގެ ފަރާތުން އުފެއްދުން ލަސްވެފައިވާތީ އިތުރުގޮތްތަކެއް ހޯދަމުންދާކަން 22 އޭޕްރީލް ގައި އަންގާފައިވާ ކަމަށް ވަނީ ބުނެފައެވެ.

ޑުބާއީގެ އެގްޒެކިއުޓަރ ޖެނެރަލް ޓްރޭޑިންގ އާއި ހަވާލުކޮށްފައިވާ 75 ވެންޓިލޭޓަރުގެ ތެރެއިން 10 ވެންޓިލޭޓަރު 1 މެއި 2020 ގައި ރާއްޖެ ގެނެވޭނެ ކަމަށް އަންގާފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިވަގުތު ރާއްޖޭގައި އެކަށީގެންވާ ވަރަށް ވެންޓިލޭޓަރސް ހުރުމަކީ އެންމެ ބޭނުންތެރި އެއް ކަމަކަށް ވުމާއިއެކު، އެ މައުލޫމާތު ސާފުކުރެއްވުމަށް މިނިސްޓަރ އަމީން އާއި މެންބަރު ޚައިތަމް ކުރެއްވެވި ސުވާލުގެ ޖަވާބު ލިއުމުން ފޮނުއްވުމަށް މަޖިލީހުން އެރުވި މުއްދަތުގައި މިނިސްޓަރ އަމީން ޖަވާބުދެއްވާފައިވާ ނުވާކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމައްސަލައިގައި މިނިސްޓަރ އަމީން މަޖިލީހުގެ ގަވައިދާއި ޚިލާފުވެވަޑައިގެންފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުން އިދާރާއިން ބުނެފައިވާ ގޮތުގައި، މެންބަރު ޚައިތަމް ކުރެއްވެވި ސުވާލުގެ ޖަވާބު މިނިސްޓަރ އަމީން އީމެއިލް މެދުވެރިކޮށް ފޮނުއްވާފައި ވަނީ، އިއްޔެ ޖަވާބުދެއްވުމަށް އެރުވި ވަގުތު ހަމަވިފަހުން، އިއްޔެ އިރުއޮއްސި 6:12 ގައި މަޖިލީހުގެ އިދާރާއިން ބަޔާން ނެރެފައި ވަނިކޮށެވެ.

މިނިސްޓަރ އަމީންގެ އަރުހުން ލިއުމުން ހޯއްދެވުމަށް ފޮނުއްވޮ ޖަވާބު ލިބުނީ އިއްޔެ އިރުއޮއްސި 6:31 ގައި އީމެއިލް މެދުވެރިކޮށް ކަމަށްވެސް މަޖިލީހުގެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.