އިގްތިސާދު މިހާ ނާޒުކުކޮށް އޮތް މިވަގުތުގައި ދައުލަތުން ވަގަށް ނަގާފައިވާ ފައިސާ އަވަހަށް ހޯދުމަށް އިތުރު ހިތްވަރަކާއެކު މަސައްކަތްކުރުން މުހިންމު ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒް ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެ ޓްވީޓު ކުރައްވާފައި މިވަނީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްއާ ގުޅިގެން ރާއްޖޭގެ އިގްތިސާދު އޮތް ހާލަތާއި ގުޅޭގޮތުން މިނިސްޓަރ އަމީރު ދާދިފަހުން މައުލޫމާތު ހިއްސާކުރައްވާފއިވާ ވަގުތެއްގައެވެ.

މިނިސްޓަރ އަމީރު ވިދާޅުވެފައިވަނީ ދައުލަތުން ފިޔަވަޅު ނާޅައިފިނަމަ އިގްތިސާދީ ރިސެޝަން ވަރަށް ބޮޑުވާނެ ކަމަށެވެ.

ހަސަން ލަތީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިގްތިސާދު މިހާ ނާޒުކުކޮށް އޮތް މިވަގުތުގައި ދައުލަތުން ވަގަށް ނަގާފައިވާ ފައިސާ އަވަހަށް ހޯދުމަށް އިތުރު ހިތްވަރަކާއެކު މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.

އެގޮތުން އެމްއެމްޕީއާރްސީ ފަދަ މައްސަލަތައް އަވަހަށް ބަލައި އެފައިސާ ދައުލަތަށް މިވަގުތު ހޯދުން މަސައްކަތްކުރުން މުހިންމު ކަމަށް ވެދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން، އުފެއްދެވި ރިޔާސީ ކޮމިޝަންތަކުގެ ތެރެއިން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވާފައިވަނީ ކޮރަޕްޝަނާއި ޚިޔާނާތުގެ މައްސަލަތައް ބެލުމަށެވެ.

5 މެމްބަރުންގެ މައްޗަށް އެކުލަވާލި މިކޮމިޝަނުގެ މައްސޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މައްސަލަތައް ބެލުމެވެ.

އެކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގުކޮށްފައިވެއެވެ. އަދި ރިޕޯޓު އެކުލަވާލައި ރައީސުލްޖުމްހޫރިއްޔާއަށްވެސް ވަނީ ހުށަހަޅާފައެވެ.

ކޮމިޝަނުން އެމްއެމްޕީއާރްސީގެ މައްސަލަ ބަލާކަން ހާމަކޮށް އެމައްސަލައިގެ އެންމެފަހުގެ ތަފްސީލުތައް ހާމަކޮށްފައިވީ ނަމަވެސް ކޮމިޝަނުން ބަލަމުންގެންދާ އިތުރު އެއްވެސް މައްސަލައަކާ ގުޅުންހުރި މައުލޫމާތެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މެމްބަރު ހަސަންގެ ކަންބޮޑުވުން މިފަދަގޮތަކަށް ހުރިއިރު ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން ފިނޭސް މިނިސްޓަރު ވިދާޅުވަނީ ގެއްލެމުންދާ އިގްތިސާދު އެބަ ހޯދަންޖެހޭ ކަމަށާއި، މިވަގުތަށް ކުރަމުންދަނީ ސިއްހީ ދާއިރާއަށް ކުރަންޖެހޭ މުހިންމު ޚަރަދުތަކާއި، މުވައްޒަފުންގެ މުސާރައާއި، އެނޫންވެސް ކޮންމެހެން ކުރަންޖެހޭ ހަރަދުތައް ކަމަށެވެ.

އަދި އިގްތިސާދީ ވަޅުގަނޑުން އަރައިގަަނެވިގެން ނޫނީ އިގްތިސާދު ހަމައަކަށް ނޭޅޭނެ ކަމަށާއި، އަދި އިގްތިސާދު އިތުރަށް ގޯސްވިއަ ނުދިނުމަށް ގައުމުގައި ފައިސާ ދައުރުކުރުވަން ޖެހޭއިރު އެ މިންވަރު އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.