ޑެލިވަރީ ކުރުމާއި ވިޔަފާރި ކުރުމާ ގުޅޭގޮތުން މިހާތަނަށް ދެމުންދިޔަ ހުއްދަތައް އަލުން އައުކުރުމަށް ފުލުހުން އަންގައިފިއެވެ.

މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، ހުއްދަ އައުކުރާން ނިންމީ، މީގެކުރިން ހުއްދަތައް ދޭން ފެށިއިރު މާބޮޑަށް އޯގަނައިޒް ނުކުރެވި ހުއްދަތަކެއް ދެވުމާއި އަދި އެ ހުއްދަތަކުގެ ބޭނުން އެކި ފަރާތްތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި ނުހިފާކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އަދި ހަމަ އެއާއެކު، މިބަދަލު ގެންނަން ނިންމެވީ، މަގުމަތީގައި މަސައްކަތްކުރާ ފުލުހުންނަށް އެ ހުއްދަތައް ބަލައި، އެއީ ކާކަށް ދޫކުރެވިފައިއޮތް ހުއްދައެއްތޯ ބެލޭނެގޮތް ހަމަޖެއްސުމުގެ ގޮތުން ކަމަށްވެސް އަބްދުﷲ ފައިރޫޝް ވިދާޅުވިއެވެ.

އަދި އަލުން ހުއްދަތައް ދޫކުރާއިރު، ސަލާމަތީ ފީޗާރސްތައް ހިމެނޭނޭ ކަމަށާއި، އެގޮތުން ހުއްދަ ދެވިފައިވާ ފަރާތާއި، ދެވިފައިވާ ސަރަހައްދުވެސް އެއިން އެނގޭނޭ ކަމަށް ވިދާޅުވިއެވެ.

ވިޔަފާރި ހުއްދަތައް އަލުން އައުކުރަންޖެހޭގޮތަށް މި ގެންނެވި ބަދަލާއެކު ކުރިން ދޫކުރެވިފައިވާ ހުއްދަތައް 48 ގަޑިއިރަށްފަހު ބާތިލް ވެގެންދާނެ ކަމަށްވެސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވިއެވެ.

"48 ގަޑިއިރު މިދެނީ މިހާރުހުއްދަ ދެވިފައިވާ ފަރާތްތަކުން އަލުން އެޕްލައިކޮށްގެން މަސައްކަތްތައް ހުއްޓުމެއްނެތި، ރައްޔިތުންނަށް ދެމުންދާ ޚިދުމަތް ދެވޭނެގޮތް ހަމަޖެއްސުމުގެ ގޮތުން. މާދަމާ 12:00 އިން ފެށިގެން ހުއްދަތައް ބާތިލްކުރަން ފަށަނީ. އެއަށްފަހު ހުރިހާ ފަރާތަކަށްވެސް ލިބިގެންދާނީ 48 ގަޑިއިރު"
އަބްދުﷲ ފައިރޫޝް

ފައިރޫޝް ވިދާޅުވީ، އަލުން އައުކުރަން ނިންމެވީ، ވިޔަފާރީގެ އުސޫލުން އެކި ޚިދުމަތް ދިނުމަށް އެކި ފަރާތްތަކަށް ދޫކުރެވިފައިވާ ހުއްދަތައް ކަމަށެވެ. އަލުން އައުކުރަންޖެހޭ ހުއްދަތަކުގެ ތެރޭގައި، ފިހާރަތަކަށް ވިޔަފާރިކުރަން މިހާރު ދީފައިވާ ހުއްދަތައް ނުހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.