ނ. މާފަރުން މަހަށްދިޔަ ދެމީހަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނީ ނ. މާފަރު މޮނިޓަރިން ހާލަތަށް ގެނެސް، ރަށަށް އަރައިފޭބުން މަނާކޮށްފައިވަނިކޮށް އިއްޔެގެ ވަގުތެއްގައި ދެމީހަކު މަސްދަތުރު ގޮސްފައިވާ ކަމަށެވެ.

އަދި މަސްބާނަން ގޮސް އައުމަށްފަހު، ރަށުގެ މަސްލަހަތު ގެއްލޭގޮތަށް ކަންތައް ކޮށްފައިވުމުގެ ސަބަބުން ކޯޓު އަމުރެއްގެ ދަށުން ރޭ 22:40 ހާއިރު އެދެމީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ 59 އަހަރުގެ ފިރިހެނަކާއި 44 އަހަރުގެ ފިރިހެނެކެށެވެ.

މީގެއިތުރަށް ބ. ގޮއިދޫއިން ފެހެންދޫއަށް ދިޔަ މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އޭނާ ހައްޔަރު ކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން އެއްރަށުން އަނެއްރަށަށް މީހުންދިޔުން މަނާކޮށްފައިވާ ވަގުތެއްގައި ބ. ގޮއިދޫއިން އެއަތޮޅު ފެހެންދޫއަށް ދިޔުމަށްފަހު އަނބުރާ ގޮއިދޫއަށް ދިޔުމުންނެވެ. އެއީ 40 އަހަރުގެ ދިވެހިން ފިރިހެނެއް ކަމަށާއި އޭނާ ދިޔައީ ފަތާފައިކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ، ކައުންސިލްތައް އަދި ޓާސްކްފޯސްތަކުން އަންގަމުންދާ އެންގުންތަކަށް އަމަލުކުރުމަށް ފުލުހުން އަންނަނީ ކެނޑިނޭޅި އިލްތިމާސް ކުރަމުންނެވެ. އެހެންނަމަވެސް، ހުއްދަނެތި ރަށްތަކަށް އަރައިފޭބުމުގެ އެކި މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.