ރަސްމީ ފުޓުބޯޅަ މެޗެއްގައި ފަސް ކުޅުންތެރިން ބަދަލުކުރުމުގެ ވަގުތީ ހުއްދައެއް ދޭން ދުނިޔޭގެ ފުޓްބޯޅައާބެހޭ މައި އިދާރާ ފީފާއިން ހުށަހަޅައިފިއެވެ.

ފީފާއިން މި ބަދަލު ހުށަހެޅީ ފުޓްބޯޅަ ލީގުތަކާއި މުބާރާތްތައް އަލުން ފަށާއިރު ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުގެ ސަބަބުން ކުޅުންތެރިންގެ ސިއްހަތައް ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށެވެ.

މި ބަދަލު ގެންނަން ހުށަހެޅީ މިވަގުތަށް އެންމެ މުހިއްމީ ކުޅުންތެރިންގެ ސިއްހަތު ކަމަށްވެފައި ކުޅުންތެރިން ރިސްކަކަށް ލުމަކީ އޮޕްޝަނެއް ނޫންކަމަށް ދެކިގެންކަމަށް ފީފާއިން ބުނެއެވެ.

އާ ބަދަލާއެކު މެޗެއްގައި މުޅިއެކު ހަބަދަލު ގެނައުމުގެ ފުރުސަތު ޓީމުތަކަށް ލިބޭނެއެވެ.

އެއީ 90 މިނެޓުތެރޭ ލިބޭ ފަސް ބަދަލާއި އެއްވަރުވެގެން އިތުރުވަގުތުގެ ދެހާފު ކުޅެން ޖެހިއްޖެ ހާލަތެއްގައި ލިބޭ އިތުރު އެއް ބަދަލެވެ. މިބަދަލު ތަންފީޒުކުރަން ފީފާއިން ހުށަހެޅީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށެވެ.

މީގެއިތުރުން 2021 ގެ ޑިސެމްބަރުގެ ކުރިން ކުޅޭ ގައުމީ ޓީމުތަކުގެ މެޗުތަކުގައިވެސް އަމަލުކުރެވިގެންދާނީ މި އުސޫލަށް ކަމަށް ފީފާއިން ބުނެއެވެ.

ފީފާގެ މިނިންމުން ތަންފީޒުކުރަން ފަށާނީ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ) ގެ ރުހުން ލިބުމުންނެވެ.

އައިއެފްއޭބީއަކީ ފުޓްބޯޅައިގެ ގަވާއިދުތަކާއި އުސޫލުތައް ހެދުމުގެ ބާރު އޮންނަ އިދާރާއެވެ.

ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ ލީގުތަކާއި އެހެނިހެން ފުޓްބޯޅަ މުބާރާތްތައް ވަނީ މިދިޔަ މާޗްމަހުގެ ކުރީކޮޅުން ފެށިގެން މެދުކަނޑާލާފައެވެ.