ހޮރައިޒަން ފިޝަރީޒުން ވިއްކާ މާންދޫ މަސް ބްރޭންޑްގެ އުފެއްދުންތައް، “މޫލީ” މެދުވެރިކޮށް އޮންލައިންކޮށް ބައްލަވައިގަނެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ހޮރައިޒަން ފިޝަރީޒުން ބުނީ، މި ފިޔަވަޅަކީ މިހާރު ދިމާވެފައިވާ ކޮރޯނާވައިރަހުގެ ބަލިމަޑުކަމާއި ގުޅިގެން އެކުންފުނީގެ ކަސްޓަމަރުންނާއި އެކުންފުނީގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅެއް ކަމަށާއި، އެނިންމުމުގެ ބޭނުމަކީ ޖިސްމާނީ ގައިދުރުކަމަށް ފުރުޞަތު ދިނުން ކަމަށެވެ.

އަދި މި ނިންމުމާއެކު ކަސްޓަމަރުންނަށް ގޭގައި ތިއްބަވައިގެން މޫލީ އެޕް މެދުވެރިކޮށް 29 އޭޕްރިލްވާ އާދީއްތަ ދުވަހުން ފެށިގެން މާންދޫ މަހުގެ ބާވަތްތަކަށް އޮންލައިންކޮށް އޯޑަރ ދެއްވޭނެ ކަމަށާއި، އޯޑަރ ދެއްވުމުން ކަސްޓަމަރަކު ބޭނުންވާ ތަނަކަށް މުދާ ފޯރުކޮށްދޭނެ ކަމަށް ހޮރައިޒަން އިން ބުންޏެވެ.

އެގޮތުން ޗާނދަނީ މަގުގައި ހުންނަ ހޮރައިޒަންގެ “ސީފުޑް ޕްލަސް” ފިހާރައިން ލިބެންހުރި އުފެއްދުންތަކަށް، މޫލީ އެޕް މެދުވެރިކޮށް އޯޑަރ ކުރެއްވޭނެ ކަމަށް ހޮރައިޒަން އިން މައުލޫމާތު ދެއެވެ.

މިދަނޑިވަޅުގައި ހޮރައިޒަން ފިޝަރީޒްގެ އުފެއްދުންތައް ކަސްޓަމަރުންނާއި ހަމަޔަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދިނުމުގައި މޫލީގެ ފަރާތުން ދެއްވާ އެހީތެރިކަމަށް ހޮރައިޒަން އިން ޝުކުރު އަދާކުރެއެވެ.

މި އެޕް ޑައުންލޯޑް ކުރައްވައިގެން ހުރިހާ ރައްޔިތުންނަށްވެސް ހޮރައިޒަން ފިޝަރީޒްގެ މާންދޫ މަސްދަޅު ގަނެވޭނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއެކުވެސް ރަމަޟާން މަހާއި ދިމާކޮށް މަސްދަޅަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިދަނޑިވަޅުގައި ރައްޔިތުންނަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަށް ހޮރައިޒަން ފިޝަރީޒުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ރަމަޟާން މަހާއި ދިމާކޮށް އެކުންފުނިން ވިއްކާ މާންދޫ ދަޅު މަހުގެ އުފެއްދުންތަކުގެ އަގު ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.