• އިރްފާން ޚާން އިއްޔެ މަރުވިއިރު ރިޝީ މަރުވީ މިއަދު

ހިންދީ ފިލްމީ ދުނިޔޭގެ ލެޖެންޑް ރިޝީ ކަޕޫރު މަރުވެފައިވަނީ މިއަދުގެ ވަރަށް ހެނދުނާއެވެ.

ރިޝީ ކަޕޫރު މަރުވެފައިވަނީ މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނިކޮށެވެ.

އުމުރުން 67 އަހަރުގެ ރިޝީ ކަޕޫރު ލޭގެ ކެންސަރުބަލީގައި ފަރުވާ ހޯދަމުންގެންދާތާ ދެއަހަރުވެއްޖެއެވެ.

ލޭގެ ކެންސަރަށް ފަރުވާހޯދުމަށް އެމެރިކާގައި އަހަރެއްހާ ދުވަސް ހޭދަކުރުމަށްފަހު ރިޝީ ކަޕޫރު އެނބުރި އިންޑިއާއަށް އައިސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުވެސް ރިޝީ ކަޕޫރު ދެފަހަރަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވެއެވެ.

އެންމެފަހުން މިދިޔަ ބުދަދުވަހުގެ ހެނދު އަނެއްކާވެސް ހޮސްޕިޓަލަށް ގެންދެވުނީ، ނޭވާލާން އުނދަގޫވެގެން ކަމަށް ރިޝީގެ އެއްބަނޑު އެއްބަފާ އެންމެ ދޮށީ ބޭބެ ރަންދީރު ކަޕޫރު ބުނެފައި ވެއެވެ.

ރިޝީ ކަޕޫރު:

ރިޝީ ކަޕޫރު މިއަދު ހެނދުނު މަރުވިއިރު، ކައިރީގައި އަންހެނުން ނީޓޫ ކަޕޫރު ހުއްޓެވެ.

އަދި ރިޝީ ކަޕޫރުގެ ޖަނާޒާގެ ކަންކަން ފުރިހަމަކޮށް ހަށިގަނޑު މިހާރުވަނީ އަންދާލާފައެވެ.

ޖަނާޒާގެ ކަންތަކުގައި އިސްކޮށް އުޅުނީ ރިޝީގެ ފިރިހެން ދަރިފުޅު އަދި މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރެވެ.

ކޮވިޑް-19 ބަލީގެ ހާލަތާ ގުޅިގެން މުޅި އިންޑިއާ ލޮކްޑައުންކޮށް، ދަތުރުފަތުރުގެ ނިޒާމުވެސް ހުއްޓުމަކަށް ގެނެސްފައިވާތީ، ރިޝީގެ ޖަނާޒާގައި ބައިވެރިވާން ފުރުސަތު ލިބުނީ އާއިލާ މެމްބަރުންނާއި، ގާތް ރަހްމަތްތެރިންގެ ޖުލްމަ 20 މީހުންނަށެވެ.

އޭގެ ތެރޭގައި ހިމެނެނީ، ރިޝީގެ އަނބިމީހާ ނީޓޫގެ އިތުރުން، އެއްބާނޑު އެއްބަފާ މީހުން ކަމުގައިވާ ރީމާ، މަނޯޖް، އަރްމާން، އާދާރް، އަނީޝާ، ރަޖީވް ކަޕޫރު، ރަންދީރު ކަޕޫރާއި، އެ އާއިލާއާ ގާތް މީހުން ކަމުގައިވާ ސައިފް އަލީ ޚާން، ކަރީނާ ކަޕޫރު، އަބީޝެކް ބައްޗަން، އާލިއާ ބަޓް، ޑރ. ޓަރަންގް، އާޔަން މުކަރްޖީ، ޖެއި ރާމް، ރޯހިޓް ދަވަން އަދި ރާހުލް ރަވާއިލްއެވެ.

ރަންބީރު ކަޕޫރު އިސްވެ ޖަނާޒާ ކުރިއަށް ގެންދިޔައިރު، ލޮކްޑައުންގެ ސަބަބުން ރިޝީގެ އަންހެން ދަރިފުޅު ރިއްދިމާ ކަޕޫރު ސާހިނީ އަކަށް ޖަނާޒާއަށް ނާދެވުނެވެ. އޭނާ ހުރީ ނިއުދިއްލީގައި ތާށިވެފައެވެ.

  • އިރްފާން ޚާން:

ހިންދީ ފިލްމީ ދުނިޔެއާއި، ހޮލީވުޑް އެތައް ފިލްމެއް ކުޅެފައިވާ، އިންޑިއާ ދުށް ވަރަށް ތަފާތު އެއް ތަރިކަމަށްވާ އިރްފާން ޚާން މުމްބާއީގެ ކޮކިލަބެން ދިރުބާއި އަމްބާނީ ހޮސްޕިޓަލްގައި އެޑްމިޓްކުރެވުނީ މި އޭޕްރީލްމަހުގެ 28 ވަނަ ދުވަހުއެވެ. އޭނާ ކޮލޯން ކެންސަރަށް ފަރުވާ ހޯދަމުންދާތާވެސް އެތައް ދުވަހެއް ވެއްޖެއެވެ.

އިރްފާން ޚާންއަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދަނިކޮށް މަރުވެފައިވަނީ އިއްޔެއެވެ. މަރުވިއިރު އުމުރަކީ 53 އަހަރެވެ.

އިރްފާން ޚާން އިއްޔެ މަރުވީ، އޭނާގެ މަންމަ ޖައިޕޫރުގައި މަރުވިތާ ހަތަރުވަނައަށް ވީދުވަހުއެވެ.

އިރްފާން ޚާން:

އިރްފާން ޚާންގެ އަނބިމީހާއަކީ ހިންދޫ ބްރަހްމިންއެކެވެ. އެދެމަފިރިންގެ ދެ ފިރިހެންކުދިން ތިބެއެވެ. އެއީ، އަޔާން ޚާން އަދި ބާބިލް ޚާންއެވެ.

އިރްފާން ޚާންއަށް ކެންސަރު ޖެހިފައިވާކަން އޭނާ ހާމަކުރީ 2018 ވަނަ އަހަރުއެވެ. އޭގެފަހުން މިދިޔަ އަހަރުގެ ތެރޭގައި އޭނާ ބޭރު ގައުމުތަކުން އެތައް ފަރުވާއެއް ހޯދާފައި ވެއެވެ

އިރްފާން ޚާން ވަރަށް ކުޑައިރު ފިލްމީ ދާއިރާއަށް ނުކުމެފައިވާއިރު، އޭނާވަނީ ހޮލީވުޑްގެ މަޝްހޫރު ފިލްމުތައްވެސް ކުޅެފައެވެ. އެގޮތުން، ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި "ސްލަމްޑޯގް މިލިއަނަރ"، "ޖުރަސިކް ވޯރލްޑް"، "ދި އެމޭޒިންގ ސްޕައިޑަރމޭން" އަދި "ލައިފް އޮފް ޕައި" ފާހަގަ ކޮށްލެވެއެވެ.

އޭނާއަށް ފިލްމީ ދުނިޔޭގެ އެންމެމަތީ ފަންތީގެ އެތައް އެވޯޑެއް ލިބިފައި ވެއެވެ.

އިރްފާން ޚާން މަރުވުމާ ގުޅިގެން ހިތާމަފާޅުކުރި ފަރާތްތަކުގެ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު އެތައް ތަރިންވެސް ހިމެނެއެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ހިތާމަފާޅުކުރައްވައި ޓްވީޓް ކުރައްވާފައި ވެއެވެ.