މިއަދު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ވާހަކަ ދައްކާއިރު މީގެ އެތައް އަހަރެއް ކުރިން ރާއްޖެ ދުށް ބިރުވެރި ޝިގެއްލާ ބަލީގެ ހަނދާން ހުރީ ތިޔައިގެ ތެރެއިން ކިތައް މީހުންތޯއެވެ. މީގެ 38 އަހަރު ކުރިން މީލާދީން 1982 ވަނަ އަހަރު ރާއްޖޭގައި ފެތުރުނު ބޭރަށްހިންގުމުގެ ނުރައްކާތެރި މި ބަލިގަނޑުގެ ތެރޭ އެތައްބަޔަކު ވަނީ މަރުވެ ގޮސްފައެވެ. މި ހަނދާން އެންމެ ބޮޑަށް ހުރި އެއެްބޭފުޅަކީ އަދްނާން ހަލީމެވެ.

މިހާރު މަސީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އަދުނާން ހަލީމަކީ ސަރުކާރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. މީގެ ތެރޭގައި ރައީސްގެ މަޝްވަރާ މަޖްލީހުގެ މެންބަރުކަމާއި ޚާއްސަ މަޖްލީހުގެ މެމްބަރު ކަމާއި އެކި އެކި ވުޒާރާތަކުގެ އިސް މަގާމުތައް ފަދަ މުހިންމު މަސައްކަތްކުރެއްވި ގައުމި ޚިދުމަތް ތެރިއެކެވެ. އެންމެ ޒުވާން ދުވަސްވަރު ދިމާވި ޝިގެއލާގެ ވަބާއިން ގައުމު ސަލާމަތް ކުރުމުގައި އިސްސަފުގައި މަސައްކަތް ކުރެއްވިއެވެ. އަދްނާން ހަލީމަކީ ގައުމީ ޚިދުމަތުގައި ހިލޭ ސާބަހަށް އެ ދުވަސްވަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ޝިގެއްލާ ނެޝަނަލް އޮޕަރޭޝަން ސެންޓަރ ޤާއިމް ކޮށްފައި ހުރީ މިހާރުގެ ޤައުމީ ދާރުލްއާސާރުގެެ ސަރަޙައްދުގައި ހުރި މާލޭ އިންޑޯ ސްޓޭޑިއަމްގައެވެ. މިބާވަތުގެ މަސައްކަތަކަށް ރާއްޖެއިން އެދުވަސްވަރަށް ލިބޭނެ އެންމެރަގަޅު ޓާސްކްފޯސް އާއި ޚިދުމަތްތެރީން ތިބީ އިންޑޯސްޓޭޑިއަމްގައިކަމަށްއެ ހަނދާންތައް އާކުރައްވަމުން އަދުނާން ވިދާޅުވި އެވެ. ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި އެހެނިހެން ވެރިންވެސް ތިއްބެވީ ޝިގިއްލާގެ ޚިދުމަތަށްނުކުމެ އެތާގައިކަމަށް އަދުނާން ވިދާޅުވި އެވެ. މި މަސައްކަތުގައި އަދުނާނުގެ ދައުރަކީ ޑޮކްޓަރުންނާއި އެކު އެކި ރަށްރަށަށް ދަތުރުކުރުމާއި އާންމުން ހޭލުންތެރިކުރުވުމާއި މިފަދަ މަސައްކަތެވެ.

ޝިގެއްލާ ކޮންްރޯލް ކުރުމަށް ކުރެވުނު ޤައުމީ މަސައްކަތުގެ ތެރޭގައި އަޅުގަނޑަށް ކުރިމަތިލާންޖެހުނު މަސައްކަތަކީ ބަލިމީހުންގިނަ ރަށްރަށަށް ޑޮކްޓަރުން ގޮވައިގެން ދަތުރުކުރުމާއި، ތަރުޖަމާނެއްގެ ގޮތުންނާއި، ޑޮކްޓަރުގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން"
އަދުނާނު

މިގޮތުން އޭރު އެންމެ ބޮޑަށް މި ބަލި ފެތުރުނު ގއ. ވިލިނގިއްޔަށް ޑޮކްޓަރަކު ގޮވައިން ގޮސް ބަލިމީހުންނަށް ފަރުވާ ދިނުމާއި ބައްޔާމެދު މީހުން ހޭލުންތެރިކުރުމާއި، ހިންގުންތެރިންނަށް އިރުޝާދު ދިނުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި އެރަށުގެ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ޙާލުބަލައި، ބަލި މީހުންގެ ހިސާބުނަގައި ހޭލުންތެރި ކުރުވުމަށް ޚާއްސަ މަސައްކަތެއް ކުރެވުނުކަމަށްވެސް އަދުނާން ވިދާޅުވި އެވެ. އޭރުވިލިނގިލީގައި ބަލިމީހުންނަށް ފަރުވާދެމުން ގެންދިޔައީ ބަލިމީހުން ގޭގޭގައި ބައިތިއްބައިގެންނެވެ.މި ހާލަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައި އަދުނާން ފާހަގަކުރެއްވީ އެވަގުތު ގއ. ހެލްތް ސެންޓަރ ގައި ހުންނެވި ހެލްތް ވޯކަރ ޢަލީ ވަޙީދު މަޤާމުން އިސްތިއުފާ ދެއްވުން ކަމަށެވެ.

އެއީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް، ހެލްތްވޯކަރަކު ނެތުމުގެ ސަބަބުން ވަރަށްބޮޑު ދަތިތަކަކާއި ކުރިމަތިލާން ޖެހުނު، ނަމަވެސް ލަސްތަކެއްނުވެ އެހެން ހެލްތްވޯކަރެއް ގއ ހެލްތްސެންޓަރަށް ގެނެވޭނޭ ގޮތް ހަމަޖެހުނު."
އަދުނާނު

އޭރުގެ ހަނދާންތައް އާކުރައްވަމުން އަދުނާން ވިދާޅުވީ ހެލްތްވޯކަރުގެ މަޤާމް ހުސްވުމުން ދެން އެމަސްއޫލިއްޔަތާއި ޙަވާލުވެގެން ދުރުވީ މަޑަވެލީ ޢަލީ ނަޞީރުކަމަށެވެ. ނަމަވެސް ދެންވެސް ދިމާވީ އެއަށްވުރެ ބޮޑު ގޮންޖެހުމެކެވެ.

ހިތާމަ އަކަށްވީ ކުރިމަތިވި އަނެއް ގޮންޖެހުމަކަށްވީ އާ ހެލްތްވޯކަރަށް ޝިގެއްލާ ޖެހުން، އެހެންކަމުން ހެލްތްވޯކަރ ޢަލީނަޞީރު ގޮވައިން އަޅުގަނޑު ތިނަދޫއަށް ދާންޖެހުނު، ހެލްތްވޯކަރ ޢަލީނަޞީރަށް ޝިގިއްލާޖެހި ފަރުވާއަށް ގެންދަން ޖެހުމުގެ ސަބަބުން އަނެއްކާވެސް ގއ. ހެލްތް ސެންޓަރުގައި ހެލްތްވޯކަރަކު ނެތި ދުވަސްކޮޅެއްދިޔަ، ނަމަވެސް ވިލިނގިލީގައި ޝިގިއްލާ ފެތުރެމުން ދިއުން އިތުރުވަމުން ދިއުމާއެކު އިތުރު ޑޮކްޓަރުން ފޮނުއްވި، އަދި ހެލްތްވޯކަރެއްގެ ގޮތުން ހއ. ހޯރަފުށީ އިބްރާހީމް ޚަލީލު ގއ. ވިލިނގިއްޔަށް ސަރުކާރުން ފޮނުއްވި" .
އަދުނާން

ހެލްތްވޯކަރ ޢަލީ ނަޞީރު ފަރުވާއަށް ތިނަދޫ ހެލްތް ސެންޓަރަށް ޓްރާންސްފަރ ކުރުމަށްފަހު ފުވައްމުލަކަށް ގޮސް އެރަށުގައި އަދުނާން ޚިދުމަތްކުރެއްވިއެވެ. އޭރުގެ ހަނދާންތައް އާކުރައްވަމުން ދިމާވި އެންމެ ހިތާމަވެރި ހާދިސާ އަދުނާން ކިޔައިދެއްވި އެވެ.

ފުވައްމުލަކު އަޅުގަނޑުމެން ތިއްބައި މިދަތުރުގެ އެންމެ ހިތާމަވެރި ޚަބަރު ލިބުނު، އެއީ އަޅުގަނޑުމެންނާއެކު ވިލިނގިލީ ގޭގެއަށް ޒިޔާރަތްކުރި ގއ. އަތޮޅުއޮފީހުގެ ކާތިބު ކޮލަމާފުށީ ނޫމަރާގޭ މުޙައްމަދު ޝަފީޤު ޝިގިއްލާގައި ނިޔާވި ޚަބަރު" .
އަދުނާން

ފުވައްމުލަކުގައި ހެލްތްވޯކަރަށާއި ހިންގުންތެރީންނަށް އިރުޝާދު ދިނުމަށްފަހު އަދުނާންމެން ދެން ދަތުރުކުރީ އައްޑުއަތޮޅަށެވެ. އައްޑުއަތޮޅަށް ގޮސް ވައިގެމަގުން ސިފައިންގެ ސެނެކާ މަތިންދާ ބޯޓުގައި އައީ މާލެއަށް، ސެނެކާ މަތިންދާ ބޯޓުގެ ދަތުރަކީވެސް ހަނދާން ނުނެތޭނޭ އާދަޔާޚިލާފު ތަޖްރިބާއެއް ކަމަށް އަދުނާން ވިދާޅުވެއެވެ.

މާލެ އައުމަށްފަހު ޖެހިގެން އައިދުވަހު ހއ. ހޯރަފުއްޓަށް ފުރީ އެރަށުގައި ޝިގެއްލާ ފެތުރުން ކޮންޓްރޯލް ނުވުމާ ގުޅިގެންނެވެ. ހޯރަފުށްޓަށް ކުރިދަތުރުގައި ނ. މަނަދޫގައި މަޑުކޮށް ހެލްތްވޯކަރާއި ހިންގުންތެރިންނާއި ބައްދަލުކޮށް އެހީތެރިކަން ފޯރުކޮށްދެއްވި އެވެ .

އެދުވަސްވަރު ހޯރަފުށީގެ ހާލަތު ސިފަކުރައްވަމުން އަދުނާން ވިދާޅުވީ އެރަށު މަދަރުސާގެ އިތުރުން އަތިރިމަތީގައި އަޅާފައި ހުރި ވަގުތީ ތަނެއްގައި ބަލިމީހުން ތިބީ އެޑްމިޓް ކޮށްފައި ކަމަށެވެ. އެރަށަށްގޮސް ބަލިމީހުންނަށް ފަރުވާ ދިނުމުގެ އިތުރުން އެރަށުގައި ރައްޔިތުންނަށް ބައްޔާއިބެހޭ މަޢްލޫމާތު ދިނުމުގެ ބައްދަލުވުމަކާއެކު މީހުން ހޭލުންތެރިކުރުމުގެ މަސައްކަތްކުރެއްވިއެވެ. މި ދަތުރުތައް ކުރައްވާ އިރު އެބޭފުޅުންގެ ރައްކާތެރިކަމަށްޓަކާ ވަނީ ފިޔަވަޅުތަކެއްވެސް އަޅުއްވާފައެވެ.

އަޅުގަނޑާއި ޑޮކްޓަރގެ ނިދުމާއިކެއުން ހަމަޖައްސާފައި ހުރީ އަޅުގަނޑުމެން ދަތުރުކުރި ސޯސަންޔޮޓްދޯނީގައި، ފާލަމުގައި ބަދެފައިވާ މި ދޯންޏަށް އެރޭނީ އަދި ފައިބައިގެން ދެވޭނީވެސް ޚާއްޞަ ސަލާމަތީ ފިޔަވަޅު ތަކެއް އަޅައިގެން"
އަދުނާން

މިދަތުރުގައި ހޯރަފުށީގައި މަސައްކަތް ކުރަމުން އެއަތޮޅު ކެލަޔަށް ގޮސް ކެލާގައި ތިބި ބަލިމީހުންނަށްވެސް ފަރުވާ ދެވުނެވެ. އަދި ހެލްތްވޯކަރަށާއި ހިންގުންތެރީންނަށް އިރުޝާދު ދެވުނެވެ.

އަދުނާން ފާހާގާކުރައްވާ ގޮތުގައި ހޯރަފުށީގައި ފެތުރެމުންދިޔަ ޝިގެއްލާ ބޭރަށް ހިންގުން ކޮންޓްރޯލް ކުރުމަށް އެރަށުގައި ހިންގިފައިވަނިީ ވަރަށް ކާމިޔާބު އޮޕަރޭޝަނެކެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރުމާއެކު އެޑްމިޓް ކޮށްގެން ފަރުވާދިން ބަލިމީހުން މާތްﷲގެ ރަޙްމަތުން ދާދި އަވަހަށް ފަސޭހަވެ ހެލްތްވޯކަރގެ އަތްމައްޗަށް ދޫކޮށްލެވުނު"
އަދުނާން

ޝިގެއްލާ ރޯގާގެ ދުވަސްވަރު ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ފެންވަރާއި، ވަސީލަތްތަކާއެކު ރާއްޖޭގައި ތިބި ދިވެހި ޑޮކްޓަރުންނާއި، އަތޮޅުތަކުގެ ހެލްތް ސެންޓަރ ތަކުގަައި ތިއްބެވި ހެލްތްވޯކަރުން ކުރެއްވި ޚިދުމަތްތަކުގެ މަތީން މިއަދު ހަނދާން ކުރަންޖެހެއެވެ. ސިއްޙީ ޚިދުމަތްތެރީންނާއި، އަދުނާން ފަދައިން ދަރުމައަށް މަސައްކަތްކުރި އެތައް ބައެއްގެ ޚިދުމަތް ޤައުމަށްވަނީ ލިބިފައެވެ. އެއީ ޝުކުރުވެރިވުން ޙައްޤު މިއަދުވެސް އެ ހަނދާން އައުކުރަން ޖެހޭނޭ ޚިދުމަތްތަކެކެވެ. ޝިގެއްލާ ބޭރަށް ހިންގުމުގައި މުޅިރާއްޖެއިން ޖުމްލަ 13752 މީހުންނަށްޖެހި، މާލެއާއި އަތޮޅުތަކުން ޖުމްލަ 197 މީހުން މަރުވިއެވެ.މި ނުރައްކާތެރިބަލިން އާންމުން ސަލާމަތްކުރުމަށް ކުރެއްވި މި ދަތުރުތަކަކީ ވަރަށް ހިތްދަތި ތަޖުރިބާ ތަކެއްކަން އަދުނާން ފާހަގަކުރެއްވިއެވެ.

ޝިގެއްލާ ކޮންޓްރޯލްކުރުމަށާއި، ބަލިމީހުންނަށް ފަރުވާ ދިނުމަށް ކުރި ޝިގެއްލާ ދަތުރަކީ ވަރަށް ހިތްދަތި ފުން އަސަރުތަކެއް ކުރި ދަތުރުތަކެއް، ވަރަށްގިނަ ކަންތައްތަކެއް ދަސްވި އެތަކެއް ތަޖުރިބާ ލިބުނު ދަތުރެއް. ރާއްޖެއަށް ކުރިމަތިވި ޝިގެއްލާ ބޭރަށްހިންގުން ކޮންޓްރޯލް ކުރުމާއި ފަރުވާދިނުމުގައި ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ފުރުޞަތު ލިބުން އެއީ އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް"
އަދުނާން

މިއީ މީގެ އެތައް އަހަރެއްގެ ކުރީގެ ވާހަކައެވެ. މިއަދުވެސް ހަމަ މިފަދައިން އަޅުގަނޑުމެންގެ ތެރޭގައި މިފަދައިން މަސައްކަތް ކުރައްވަމުންދާ އެތައް ބޭފުޅުންނެއް އެބަވެއެެވެ. އެބޭފުޅުންނަށް ޓަކައި އަޅުގަނޑުމެން ފަޚުރުވެރިވަމެވެ. ޝުކުރުވެރިވަމެވެ.