މާލޭގެ ލޮކްޑައުންގެ މުއްދަތު މިމަހުގެ 14 އާއި ހަމައަށް ދިގުދަންމާފައިވާއިރު، މިމުއްދަތު ނިމެންދެން ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުދަދުވަހު ބީއެމްއެލްގެ ޚިދުމަތްތައް ދިނުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ލޮކްޑައުންގެ މުއްދަތު ނިމެންދެން ކުރިއަށްއޮތް ދެހަފްތާގެ ވެސް ހޯމަ އަދި ބުދަދުވަހު އަސާސީ ބޭންކިންގެ ޚިދުމަތްތައް ރައްޔިތުންނަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިމަހުގެ 4، 6، 11 އަދި 13 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 12:00 އަށް އަސާސީ ބޭންކިންގ ޚިދުމަތްތައް ބޭންކް އޮފް މޯލްޑިވްސް އިން ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި ދުވަސްތަކުގައި ބީއެމްއެލް އިން ދިނުމަށް ނިންމާފައިވަނީ ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތާ، ޕޭ ރޯލް، މުވައްޒަފުންގެ މުސާރަޖަމާކޮށްދިނުމުގެ ޚިދުމަތާ، އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރުމުގެ އިތުރުން ލޯކަލް ބޭންކް ޓްރާންސްފަރގެ ޚިދުމަތެވެ.

ބީއެމްއެލް އިން ބުނީ އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ) ގެ ޚިދުމަތް ހޯއްދެއްވުމަށް ފުރިހަމަ ކޮށްފައިވާ ޓީޓީ އެޕްލިކޭޝަނާއި ބޭނުންވާ އެހެނިހެން ލިޔުންތައް އީމެއިލް މެދުވެރިކޮށް ފޮނުވޭނެ ކަމަށާ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެދި ހުށަހެޅޭނެ ކަމަށެވެ. އެގޮތުން ހެނދުނު 11:00 ގެ ކުރިން ލިބޭ ޓީޓީ/ލެޓަރ އޮފް ކްރެޑިޓް އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. އަދި ޕޭ ރޯލްގެ ޚިދުމަތައް އެދި ހުށަހެޅުން އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެ ކަމަށާ މި ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ލިޔުންތަކުގެ ތަފްސީލް ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ. ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ ހެނދުނު 11:00 ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާ އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ 10:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށްވެސް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ބީއެމްއެލް އިން ބުނީ އޭޓީއެމް މެދުރިކޮށް ޖަމާ ކުރާ ކްލިއަރިންގ ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހެއްގައި ކަމަށާ ހެނދުނު 11:30 ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއްނަމަ އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ. އަދި ހެނދުނު 10:00 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އޭ.ސީ.އެޗް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށާ ހެނދުނު 11:30 ގެ ކުރިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ލިބޭ އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ (100،000 ރުފިޔާއަށް ވުރެ މަތި) ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށެވެ. މީގެ އިތުރުން ހެނދުނު 11:30 ގެ ކުރިން އީމެއިލް މެދުވެރިކޮށް ލިބޭ އެމް.އާރް.ޓީ.ޖީ.އެސް ޓްރާންސްފަރ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ ކަމަށްވެސް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ބުނީ އެ ބޭންކުގެ ބްރާންޗުތަކުން ނަގުދު ފައިސާގެ އެއްވެސް މުއާމަލާތެއް ލޮކްޑައުންގެ މުއްދަތުގައި ނުކުރާނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް (ހުއްދަ ލިބިފައިވާ ފަރާތްތަކަށް) ނަގުދު ފައިސާ ނެގުމާއި ޖަމާކުރުމަށް އޭޓީއެމްގެ ޚިދުމަތް ލިބޭނެ ކަމަށެވެ. މިގޮތުން ވިޔަފާރި އެކައުންޓަކަށް ދުވާލަކު 500،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށާ އަދި އާންމު ފަރުދުންގެ އެކައުންޓަކަށް ދުވާލަކު 100،000 ރުފިޔާ ޖަމާކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެކުންފުނިން އެންމެ އިސްކަމެއްދެނީ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށް ކަމަށެވެ. އަދި އެ ބޭންކުގެ ހުރިހާ ބްރާންޗަކާއި ސަރވިސް ސެންޓަރތައް ބަންދުކޮށްފައި ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ ފުރަބަންދުގެ މުއްދަތުގަައި ގޭގައި ތިބިގެން ބޭންކިންގ ޚިދުމަތް ހޯދުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.