ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި، އެކައުންޓެންޓުންނާއި އޮޑިޓަރުން އަދި މުޖުތަމަޢަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވޭނެ މަސައްކަތްތައް ދެނެގަތުމަށް ވެބިނަރ ސީރީޒެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފަށައިފިއެވެ.

އާންމުންނަށް ހިލޭ ބައިވެރިވެވޭގޮތަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސީރީޒްގެ ފުރަތަމަ ވެބިނަރ ރޭ ވަނީ ބާއްވާފައެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި ވެބިނަރ ސީރީޒަކީ މުޅި ދުނިޔެއަށް ދިމާވެފައިވާ މި ދަތި ޙާލަތުގައި ވިޔަފާރިތަކާއި އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި އެކައުންޓިންގ އަދި އޮޑިޓްގެ މަސައްކަތަށް އައިސްފައިވާ ކުއްލި ބަދަލުތަކުގެ ސަބަބުން މިވަގުތަށް މުހިންމު ހައްލުތަކާމެދު މަޝްވަރާކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ސީރީޒެއް ކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބުނީ ވެބިނަރ ސީރީޒް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕެނަލް ޑިސްކަޝަންތަކުގެ ގޮތުގައި މައިގަނޑު ފަސް މައުޟޫއެއްގެ މައްޗަށް ބިނާކޮށްގެން ކަމަށެވެ. މި މައުޟޫތަކުގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 އާއި އެކައުންޓިންގ އަދި އޮޑިޓިންގ، ދިމާވާ ގޮންޖެހުންތަކާއި ދަސްވި ފިލާވަޅުތައް، ގޭގައި މަސައްކަތް ކުރުން – ޓެކްނޮލޮޖީގެ ބޭނުންތެރިކަން، ސައިކޯ-ސޯޝަލް ސަޕޯޓް އަދި އެޗް.އާރް ބެސްޓް ޕްރެކްޓިސަސް އެވެ. މި ޕެނަލް ޑިސްކަޝަންތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތުދެއެވެ.

މި ސީރީޒް ކުރިއަށް ގެންދަނީ ޑިޖިޓަލް މީޑިއާ ޕާރޓްނަރ ދިރާގު އަދި އޮންލައިން ނިއުސް މީޑިއާ ޕާޓްނަރ ކޯޕަރޭޓް މޯލްޑިވްސް އާ ގުޅިގެންނެވެ.