މިވަގުތަކީ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ އަދި ވަޒީފާ ނެތް ފަރާތްތަކަށް އެލަވަންސެއް ހަމަޖެއްސުމަށް އެންމެ މުހިންމު ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިމިވަނީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭ ޑޭގެ މުނާސަބަތުގައި މަސައްކަތްތެރިންނަށް ތަހުނިޔާ ފޮނުއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ރައީސް ނަޝީދު މިފަދައިން ގޮވާލެއްވިއިރު މިނިމަމް ވޭޖުގެ ގޮތުގައި 6،400 ރުފިޔާ ހަމަޖެއްސުމަށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން އިކޮނޮމިކް މިނިސްޓަރަށް ވަނީ ލަފާދީފައެވެ.

މީގެއިތުރުން ޓޫރިޒަމް ދާއިރާއާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400 އާ 8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށްވެސް އެ ބޯޑުން ވަނީ މިނިސްޓަރަށް ވަނީ ލަފާ އަރުވާފައެވެ.

ކުޑަ އުޖޫރަ ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން މަޖިލީހަށް ފޮނުވި ރިޕޯޓް ދިރާސާކުރުމަށް އިގްތިސާދީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށް ވާއިރު މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައަޅައި، އިއުލާނު ކުރައްވާނެ ކަމަށެވެ. އަދި މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި މިނިމަމް ވޭޖު ކަނޑައެޅޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ފެބްރުއަރީ މަސް ނިމިގެން ދިޔައިރުވެސް މިނިމަމް ވޭޖު ކަނޑައަޅައި އިއުލާނު ކޮށްފައި ނުވާތީ އާންމުންގެ ގިނަ ފާޑުކިޔުންތަކެއް މިނިސްޓަރަށް ވަނީ އަމާޒުވެފައެވެ.

މިނިމަމް ވޭޖް ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކަނޑަނޭޅުނީތީ އިކޮނޮމިކް މިނިސްޓަރ މަޢާފަށް އެދެވަޑައިގެންފައި ވާއިރު މިނިސްޓަރ ފައްޔާޒް ވިދާޅުވަނީ، މިނިމަމް ވޭޖު ކަނޑަނޭޅިވަނީ މަޖިލީހުގެ ލަފަޔެއް ނުލިބިގެން ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގެ މައްސަލަ ދިރާސާކޮށް ހުށަހަޅާފައިވާ ރިޕޯޓާއިމެދު މަޗު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ގޮތެއް ކަނޑައެޅުމަށް މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ވަނީ ނިންމާފައެވެ. ނަމަވެސް މިހާތަނަށް އައިއިރު މިނިމަމް ވޭޖާއިމެދު އަދިވެސް އޮތީ ގޮތެއް ނުނިންމިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ތިންމަސް ދުވަސް ވަންދެން ފަސްހާސް ރުފިޔާ ދޭން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މިވަގުތު އިގްތިސާދަށް ކުރާ އަސަރުގެ ސަބަބުން އާންމު ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމައްޓަކައި ޚާއްސަ ސްޓިމިއުލަސް ޕެކޭޖެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ.

އެގޮތުން 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ މަތިން އާމްދަނީ ލިބުނު ރިޒޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ލޯނަށް އެދެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

އަދި 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބުނު ވިޔަފާރިތަކަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ލިބޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ. އަދި އަމިއްލަ މަސައްކަތްކުރާ ފަރާތަކަށްވެސް އެސްޑީއެފްސީ މެދުވެރިކޮށް ލޯނަށް އެދެވޭނެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މި ލޯނުތައް ދޫކުރުމަށް ނިންމާފައިވަނީ 6 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައެވެ. މި ލޯންތައް އަނބުރާ ދެއްކުމަށް 3 އަހަރާއި 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެ ކަމަށް ސަރުކާރުން މީގެކުރިން ވަނީ ބުނެފައެވެ.

ދުނިޔޭގެ މަސައްކަތްތެރީންގެ ދުވަސް މިއަހަރު ފާހަގަކުރާއިރު ދުނިޔޭގެ އެތައްހާސް މަސައްކަތްތެރިންނެއްގެ ވަޒީފާ ވަނީ ގެއްލިފައެވެ.