ގއ. ކަނޑުހުޅުދޫގެ ބޭރު ތޮއްޓާއި، ބަނދަރުގެ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓިސީސީ އިން ކުރިއަށްގެންދިއަ މި ޕްރޮޖެކްޓަކީ 37.2 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ގއ. ކަނޑުހުޅުދޫގައި އެމްޓީސީސީން ގާއިމްކޮށްފައިވާ ބަނދަރަކީ ދިގުމިނުގައި 414 މީޓަރު ހުންނަ ބަނދަރެއް ކަމަށެވެ. އަދި 220 މީޓަރުގެ ރިވެޓްމެންޓަކާއެކު، 10 މީޓަރުގެ ދިގުމިނުގެ ބޭރު ތޮއްޓެއް ގާއިމްކޮށްފައިވާނެ ކަމަށެވެ.

ގއ. ކަނޑުހުޅުދޫގައި ގާއިމްކޮށްފައިވާ ބޭރު ތޮށި

މީގެ އިތުރަށް މި ބަނދަރު ކައިރީގައި 2,310 ސްކޮޔަރ މީޓަރުގެ ޕޭވްމެންޓެއް ގާއިމްކޮށް، ހާބަރު ލައިޓް ހަރުކޮށްފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 27 މާޗް 2019 ގައެވެ. މި މަސައްކަތް ހަވާލުކުރީ 350 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

މި މަސައްކަތް ނިންމާލާފައިވަނީ، މަސައްކަތް ނިންމަން ކަނޑައެޅި ތާރީހަށްވުރެ ކުރިން ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.