ފުލުހުންނަށް އިންޒާރުދީ މުދަލަށް ގެއްލުންދިން މައްސަލައެއްގައި އދ. ފެންފުށިން 7 ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ، މިމަހުގެ 2 ވަނަ ދުވަހު 23:30 ހާއިރު އދ. ފެންފުށީގައި 7 މީހުންގެ ގުރޫޕަކުން ވެގެން ފުލުހުންނަށް އިންޒާރުދީ ފުލުހުންގެ މުދަލަށް ގެއްލުންދީ، ބިރުދެއްކި މައްސަލައިގައި އެރޭ އެކަކު ހައްޔަރުކުރި ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން މެއި މަހުގެ 3 ވަނަ ދުވަހު 6 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، 26އ. އާއި، 34އ. 37އ. 32އ. އަދި 31އ. ގެ މީހަކާއި 22އ. އާއި 27އ. ގެ ފިރިހެނެކެވެ.

ފުލުހުންގެ އިދާރާއިން ބުނީ މިހާދިސާ ހިނގަން މެދުވެރީ، ފެންފުށީގައި މަސްތުވާތަކެތީގެ ބޭނުންކުރާ ބަޔަކު މަގުމަތިން ހުއްޓުވައި ޗެކްކުރުން ގިނަވުމާއި، މާލެ ނުވަތަ އެހެން ރަށަކުން ފެންފުއްޓަށް ގެންދާ ފޮށިގަނޑުތަކުގެ ތެރޭގައި އެމީހުންނަށް އެޑްރެސްކޮށް ފޮނުވާ ތަކެތި މާގިނައިން ފުލުހުން ޗެކްކުރާ ކަމަށްބުނެ އެކަމާއި ހިންހަމަ ނުޖެހިގެން ކަމަށެވެ.

އެ މައްސަލައިގައި ޕޮލިސް ސްޓޭޝަން އެއްވެ ފުލުހުންނަށް ބިރުދައްކައި އެ ސްޓޭޝަންގެ ދޮރު ހަލާކުކޮށްލާފައިވާކަމަށް ފުލުހުން ބުނެއެވެ.

އެ އިދާރާއިން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި 7 މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް އދ. އޮމަދޫ މެޖިސްޓްރޭޓް ކޯޓުން، 2 މީހަކަށް 5 ދުވަހުގެ މުއްދަތު އަދި 5 މީހަކަށް 10 ދުވަހުގެ މުއްދަތު ޖަހައިދީފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންގެ އިދާރާއިން ދަނީ ތަހުގީގު ކުރަމުންނެވެ.