ފޯނު ބިލު ނުދެއްކުނު ނަމަވެސް ހިދުމަތް މެދުކަނޑާނުލުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ދިރާގު އަދި އޫރީދޫއަށް އިލްތިމާސް ކުރައްވައިފިއެވެ.

ކޮވިޑް-19 ގެ ޕެމްޑަމިކް އާއި ގުޅިގެން އިގްތިސާދީ ގޮތުން މުޅި ދުނިޔެ ވަނީ އަނދަވަޅެއްގެ ތެރޭގައެވެ. އަދި މިފަދަ ހައްސާސް ވަގުތު ތަކުގައި އާންމު ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތަކުން މަހުރޫމް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަންނަނީ ދެމުންނެވެ.

އެހެންނަމަވެސް ފޯނު ބިލާއި، ނެޓް ބިލްގެ ޚިދުމަތް މެދުކަނޑާލާތީ އާންމު ގިނަ ރައްޔިތުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އެގޮތުން ޓްވިޓާގައި މީހަކު މިނިސްޓަރ ޓެގް ކުރައްވާފައިވާ ޓްވީޓަކަށް ރައްދުދެއްވައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ މިހާލަތުގައި އިންޓަނެޓާއި ފޯނުބިލު ނުދެއްކޭ މީހުންގެ ޚިދުމަތް މެދުކަނޑާލުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ނުފެންނަ ކަމަށެވެ. އަދި މުވާސަލާތީ ޚިދުމަތްދޭ ދިރާގާއި އޫރީދޫ އިން ދެމުންދާ އެއްބާރުލުން ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވިއެވެ.

ނަމަވެސް އުނދަގޫ ދަތި ވަގުތުގައި ޚިދުމަތް މެދުކަނޑާނުލައި ކުރިއަށްގެންދަވައިނަމަ އެކަން ވަރަށްބޮޑަށް ބަލައިގަންނާނެ ކަމަށްވެސް މިނިސްޓަރ ފައްޔާޒު ވިދާޅުވި އެވެ. އަދި އިރާދަފުޅުން އެންމެންނަށް އެކީގައި މިކަމުން އަރައިގަނެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއް މިވަގުތު ލޮކްޑައުން ކޮށްފައިވާ އިރު ޒަރޫރީ ގިނަ ބޭނުންތަކުގެ އިތުރަށް ޑޮކްޓަރަށް ދެއްކުން ފަދަ ޚިދުމަތް ހޯދަން ޖެހިފައި ވަނީ އިންޓަނެޓް މެދުވެރިކޮށެވެ.

އެހެންކަމުން ނެޓް ބިލް ބޮޑުވާ ކަމުގެ ޝަކުވާ އަދި ނެޓް ސްލޯ ކަމުގެ ޝަކުވާ އިންތިހާއަށް ރައްޔިތުން އަންނަނީ ކުރަމުންނެވެ. އަދި އިގްތިސާދީ ގޮތުން ބަނަ ދުވަސްތަކެއް ވޭތު ކުރަމުންދާ މި ވަގުތުގައި އަމިއްލަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކުޑަ ކުރުމުގެ ޝަކުވާވެސް މުވައްޒަފުން އަންނަނީ ކުރަމުންނެވެ.

އެގޮތުން ސަރުކާރުން ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ވަޒީފާއާބެހޭ މައްސަލަތައް ހުށައެޅުމަށް ގާއިމްކޮށްފައިވާ ޕޯޓަލް، ޖޮބް ސެންޓަރަށް މިހާތަނަށް އެއްހާހަށް ވުރެ ގިނަ މީހަކު ރަޖިސްޓްރީކޮށް މައްސަލަ ހުށަހަޅާފައިވާކަން ސަރުކާރުން ވަނީ ހާމަކޮަށްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލޭ މީހުންނަށް 3 މަސް ދުވަހުގެ މުއްދަތަކަށް އެލަވެންސެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ އިރު އެ އެލަވެންސް ލިބޭނީ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް އެކަނި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓްރީން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދިވެހި މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ނުވަތަ ނޯޕޭ ނަގަން މަޖުބޫރުކޮށްފައިވާ ވިޔަފާރިތަކަށް ނުވަތަ ރިސޯޓުތަކަށް، ރާއްޖޭގެ އިގްތިސާދަށާއި، ވިޔަފާރިތަކަށް ދިމާވަމުންދާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ދޭން ކަނޑައަޅާފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން، ލޯނު ލިބޭގޮތް އަދި ހަމަނުޖެހޭ ކަމަށެވެ.