ކޮރަޕްޝަންގެ އަމަލުތައް ވީހާވެސް ކުޑަކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލާ އެކަން ދައުލަތުގެ ހުރިހާ އޮފީސްތަކަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރް ސޮއިކުރައްވައި ނެރުއްވާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ނިންމާ ނިންމުތަކާ ގުޅޭ ތަފްސީލު ލިޔެކިޔުމުން ފެންނަން ހުންނަންވާނެ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ކުރަމުންދާ ހުރިހާ ހަރަދުތަކުގެ ތަފްސީލު ފިނޭންސް މިނިސްޓްރީއަށް ރިޕޯޓު ކުރަމުންދާކަން އިދާރާތަކުގެ ފައިނޭންސް އެގްޒެކެޓިވުން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.

ކޮރަޕްޝަންގެ ހިރާސްތައް ކުޑަކުރުމަށް އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ބީލަން ހަވާލުކުރުމަށް ފަހު، އެކަމާގުޅޭ މައުލޫމާތު އެ އިދާރާއެއްގެ ވެބްސައިޓުން ފެންނާނެހެން ޝާއިޢުކުރުމާއި ކުއްލި ޙާލަތުގައި ކުރާ ޕްރޮކިއުމަންޓްތައް ހެދުމަށް، ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލުކުރުމުގެ ކުރިން އެކަމަށް ހުއްދަ ހޯދަންޖެހޭ ފަރާތްތަކުގެ ހުއްދަ ހޯދާއި، ލިބެން އޮތް އެންމެ ބޮޑު ވާދަވެރިކަމެއް ހޯދުމަށް ވަނީ އަންގާފައެވެ.

މީގެއިތުރަށް ކާރިސާގެ ވަގުތުގައި ހޯދާ ޚިދުމަތާއި ތަކެތި ދައުލަތަށް ހޯދަނީ، ރައްޔިތުންގެ ފުރާނައާއި، ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމުގައި، އާއްމު މަސްލަހަތު އިސްކޮށް، ކާރިސާގެ ވަގުތަށް ބަލާފައި އެކަށީގެންވާ އަގެއްގައިކަން ކަށަވަރުކުރުން ހިމެެނެއެވެ.

އަދި މަސައްކަތް ހަވާލުކުރާ ފަރާތަކީ އެފަރާތުގެ އަސްލީ މަސައްކަތުގެ އިހްތިސާސްގައި އެފަދަ މަސައްކަތް ހިމެނޭ މީހެއްކަން ޔަގީންކުރުން، އަދި އެއީ މަސައްކަތް ކުރުމަށް ފަންނީ އަދި މާލީގޮތުން ގާބިލު ފަރާތެއްކަން ކަށަވަރުކުރުމައި މަސައްކަތް ކުރަމުންދާއިރު، ލިބޭ ކުރިއެރުން ރަނަގަޅަށް ބަލަމުންދިއުމާއި ދައުލަތުން ޚަރަދުކުރަންޖެހޭ ކަންކަމުގެ ބާރުތައް އެކަކުގެ އަތުގައި ނުބޭއްވުމާއި، ޒިންމާތައް ވަކިކޮށް އެކި ފަރާތްތަކާ ހަވާލުކުރުމަށް މިނިސްޓަރ ނެރުއްވި ސަރކިއުލާގައި ވެއެވެ.

އަދި ނިންމާ ނިންމުންތައް ލިޔެކިޔުމުން ފެންނަން އެގޮތުން ނިންމުންތައް ނިންމާ ސަބަބުތަކާއި ނިންމުން ނިންމާ ފަރާތާއި، ނިންމުމާއި ގުޅުންހުރި މައުލޫމާތު ރައްކާކުރުން، އަދި ހާލަތު ނިމުނު ނަމަވެސް ލިޔުންތައް ރައްކާކޮށް، ބޭނުންވެއްޖެ ހާލަތެއްގައި ބެލޭނެހެން ހުރުން މުހިންމު ކަމަށްވެސް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

ކުރާ ޚަރަދުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓަރީއަށް ރިޕޯޓްކުރުމުގެ އިތުރަށް އެ ރިޕޯޓްތަށް ގަވާއިދުން ލިބެމުންދާކަން އެއިދާރާއެއްގެ ފައިނޭންސް އެގްޒެކެޓިވް ކަށަވަރުކުރުމަށްވެސް ވަނީ އަންގާފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އެމަޖެންސީ ޕްރޮކިއުމަންޓްގެ ހާލަތުގެ ދަށުން ޕްރޮކިއުކުރާއިރު، އެކަކަން ކުރެވެނީ ކަނޑައަޅާފައިވާ އުސޫލުތަށް ފުރިހަމައަށް ތަންފީޒުކޮށްގެންކަން ކަށަވަރުކުރުން ވަނީ ހިމަނާފައެވެ.

އިމަޖެންސީގައި ހަދަންޖެހޭ އެއްބަސްވުންތައް ދައުލަތުގައި މާލިއްޔަތު ގަވައިދުގެ 10.52 ވަނަ މާއްދާގެ މިންގަނޑުތަކާއި އެއްގޮތަށް ހެދުން، އަދި މަސައްކަތްތުގެ މަގްސަދު ހާސިލްކުރެވޭނެފަދަ ބަޔަކާއި މަސައްކަތް ހަވާކުރުމާއި، ރައްޔިތުނާއި ދައުލަތުގެ މާލިއްޔަތަށް އެންމެ މަންފާ ބޮޑު ގޮތްތަކަށް މަސައްކަތްކުރުމަށްވެސް މިނިސްޓަރ އަމީރު ނެރުއްވި ސަރކިއުލާގައި ވަނީ ބުނެފައެވެ.

ފިނޭސް މިނިސްޓަރ މިފަދަ ސަރކިއުލާއެއް ނެރުއްވާފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވެންޓިލޭޓަރުތައް ގަތުމުގައި ބީލަމަށް ފުރުސަތު ހުޅުވާނުލާ އެކަން ކޮށްފައިވާ ވަގުތެއްގައެވެ.

މިކަމާ ގުޅިގެން މިނިސްޓަރ އަމީން ވިދާޅުވީ ވެންޓިލޭޓަރުގެ ސްޕެސިފިކޭޝަން ތައްޔާރުކޮށް ވެންޓިލޭޓަރު ހޯދުމަށް މަރޗު 18 ވަނަ ދުވަހު މިނިސްޓްރީން 3 ކުންފުންޏަކަށް ކޯޓޭޝަން ފޮނުވި ކަމަށާއި، އެ ކުންފުނިތަކަށް ކޯޓޭޝަން ފޮނުވީ ކުރިންވެސް މިނިސްޓްރީއަށް އިންސްޓްރޫމަންޓާއި މެޝިންތައް ގެންނަ އިތުބާރު ހިފޭ ކުންފުނިތަކަކަށް ވުމުން ކަމަށެވެ.

އެ ކުންފުނި ތަކަކީ، "އެސްޓީއޯ"، "މެޑްޓެކް މޯލްޑިވްސް ޕަރައިވެޓް ލިމިޓެޑް" ގެ އިތުރަށް "ނާޑް ޕްރައިވެޓް ލިމިޓެޑް" އެވެ. އެ ކުންފުނިތަކުން ފޮނުވި ކޯޓޭޝަން ބެލުމަށްފަހު އެއީ ރަނގަޅު ތަކެތިކަމާއި އަަދި ވަރަށް އަވަހަށް ގެންނަންޖެހޭ ތަކެތި ކަމަށްވުމުން، ވެންޓިލޭޓަރު ގެންނަން ހަވާލުކުރީ މެޑްޓެކް އާއި، ނާޑް ކުންފުންޏަށެވެ.

ނަމަވެސް ވެންޓިލޭޓަރުތައް އުފައްދާ ގައުމުތައް ލޮކްޑައުން ކުރުމުންނާއި، ކުންފުނިތަކުގެ މަސައްކަތްތަކަށް ދަތިވެ، އަދި ޑިމާންޑްވެސް އިތުރުވަމުންދިއުމުން ކުންފުނިތަކަށް އެތަކެތި ސަޕްލައިކުރުމުގައި ކުރިން އުއްމީދުކުރި ގޮތަކަށް އަވަހަށް ކުރިއަށްދެވެން ނެތްކަން އެންގުމުން، މިނިސްޓްރީން ކުންފުނިތަކާއި ބައްދަލުކޮށް އަވަހަށް ސަޕްލައި ލިބޭނެ ގޮތްތަތަކަކީ ކޮބައިތޯ ބަލައި އެކުންފުނިތަކުން އެދުނު ލިއުންތައް މިނިސްޓްރީން ފޯރުކޮށްދިން ކަމަށް ވަނީ ބުނެފައެވެ.