ފްރީ ލާންސަރުންގެ ކަންބޮޑުވުންތަކުގެ ވާހަކަތައް ފާހަގަވެގެން އައީ މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ސީޒަނުން ވިދާލި ހަަސަން އިރުފާން (ޒަކިއްޓެ) ގެ ވީޑިޔޯއަކުންނެވެ.

ހުރިހާ ފްރީލޭންސަރުންނަށް ދޭނެ ވަރަށް ފައިސާ ނެތްކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވި ކަމަށް ބުނެ ޝާއިއުކޮށްފައިވާ ޚަބަރާއި ގުޅިގެން ޒަކިއްޓެ ވަނީ އެކަމާ އެންމެ ހިތްހަމަނުޖެހޭ ކަމަށްބުނެ ޝުއޫރު ފާޅުކޮށްފައެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެފައިވަނީ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފްރީލާންސަރުންގެ ގޮތުގައި މަސައްކަތްކުރާ ބަޔަކީ ކޮބައިކަން ދެނެގަތުން ކަމަށާއި ފްރީލާންސިންގ މަސައްކަތްތަކަކީ ކޮބައިކަމާއި އެކަމުގައި ބޯޑަރލައިނެއް އަޅަންޖެހެނީ ކިހާ ހިސާބަކުންކަން ދެނެގަތުން ކަމަށެވެ.

އަދި އެއީ ވަރަށް ގިނަ އަދަދެއްގެ މީހުން ކަމަށާއި އެއެންމެނަށް ފައިސާ ނުވަތަ މުސާރަދޭ މިންވަރަށް ފައިސާ ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ޒަކިއްޓެ ސޯޝަލް މީޑިޔާގައި އާންމުކޮށްފައިވާ ވީޑިޔޯގައި ބުނެފައިވަނީ މިއީ މުޅި ދުނިޔެއަށް ދިމާވެފައިވާ ދަތި އުނދަގޫ ވަގުތެއް ކަމަށާއި ހުރިހާ ފްރީލާންސަރުންނަށް ދޭ މިންވަރަށް ފައިސާ ނުހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެހެންނަމަވެސް، ކޮންމެވެސް ކަހަލަ ޕްލޭނެއް އޮންނަންވާނެ ކަމަށް ޒަކިއްޓެ ވަނީ ބުނެފައެވެ.

https://www.instagram.com/p/B_qQg7ZpEBO/

ފްރީލާންސަރުންގެ ގޮތުގައި މަސައްކަތްކުރާ ވަރަށް ގިނަ ބަޔަކު އުޅޭ ކަމަށާއި އެއީ ހަމައެކަނި އެކްޓަރުންނާއި މިޔުޒިޝަނުން ކަމަށް ގަބޫލުކޮށްގެން ނިންމާލެވެން ނެތް ކަމަށެވެ. މޭކްއަޕް އާޓިސްޓުންނާއި، ޓެކްސީ ޑްރައިވަރުންނާއި، ޓުއަރގައިޑުންގެ އިތުރަށް ޑައިވަރުންނާއި ކޭކުއަޅާ މީހުންނަކީވެސް ފްރީ ލާންސަރުންކަން ވަނީ ފާހަގަކޮށްފައެވެ.

ފްރީ ލާންސަރުން ބޭނުންކުރަނީ ސިޔާސީ ނުވަތަ ސަރުކާރުގެ ބޭނުންތަކަށް. ކެމްޕެއިނަށް ލަވަ ހެދުމަށް، ލަވަ ކިޔުމަށް، ފޮޓޯ ނެގުމަށް
ހަސަން އިރުފާން (ޒަކިއްޓެ)

މިފަދަ ކަންބޮޑުވުންތަކާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ ވަނީ ބައެއް ފޮޓޯގްރާފަރުންނާއި ބައްދަލުކުރައްވާފައެވެ. މިނިސްޓަރ ބައްދަލުކުރައްވައި ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވީތީ މިނިސްޓަރަށް އަންނަނީ ޝުކުރު އަދާކުރަމުންނެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރ އަހުމަދު މަޚްލޫފް ވިދާޅުވީ، މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ މިހާލަތުގައި ވާނެ ކަމެއްނޫން ކަމަށެވެ.

ވީނިއުސްއިން ކުރި ސުވާލަަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ މަޚްްލޫފް ވިދާޅުވީ ފްރީލާންސަރުންގެ ކަންބޮޑުވުންތައް އެބޭފުޅާއާ ހަމައަށް އައިސްފައިވާ ކަމަށާއި ފްރީލާންސަރުންގެ ހާލަތު އަންދާޒާ ކުރެވޭ ކަމަށެވެ.

މާލީ އެހީތެރިކަން ފޯރުކޮށްނުދެވުނު ކަމުގައިވިޔަސް، ކިރިޔާވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއް އޮތިއްޔާ އެކަމާއި ގުޅުންހުރި އިދާރާތަކާއި ސަރުކާރާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވިއެވެ.

"ޒުވާނުންނާއި ގުޅުންހުރި މިފަދަ ހުރިހާ ކަމެއް އެބަ ގުޅޭ ޔޫތު މިނިސްޓްރީއާ. އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އެހީތެރިކަން ފޯރުކޮށްދޭނަންކަން. އަޅުގަނޑުގެ ފަރާތުން ލިބެންޖެހޭ ހުރިހާ އެއްބާރުލުމެއް ލިބޭނެކަން.
ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް

މުޅި ދުނިޔެއަށް ދިމާވެފައިވާ ޕެންޑަމިކްގެ މިހާލަތުގައި ވަރަށް ގިނަ ބައެއްގެ ވަޒީފާތައް ގެއްލި، ނުވަތަ މުސާރަ އުނިކުރެވިފައިވާއިރު ސަރުކާރުން އަންނަނީ ޖޮބް ޕޯޓަލް މެދުވެރިކޮށް ޝަކުވާތަކާއި ކަަންބޮޑުވުންތައް ދެނެގަނެ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހަމަ މިއުސޫލުން ފްރީލާންސަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ނުވަތަ ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ހަރުދަނާ އުސޫލެއް ގެންގުޅެންޖެހޭ ކަމަށް އެމީހުން ދެކެއެވެ.