ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސް ނުލިބެނީ ޕްރެކްޓިސް ނުކުރާ ދުވަސްވަރަކަށްވާތީ ކަމަށާއި ޕްރެކްޓިސްތައް ފެށުމުން އެފައިސާ ދޫކުރާނެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި މަހްލޫފް ވިދާޅުވީ، ގައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އެލަވަންސްގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރައްވާ ކަމަށެވެ.

މަހްލޫފް ވިދާޅުވީ، ގައުމީ ޓީމުތަކުގައި 328 ކުޅުންތެރިން މިހާރުވެސް އެބަތިބި ކަމަށެވެ.

އަންހެން އަދި ފިރިހެން ކުޅުންތެރިން ތަފާތު ކުރުމެއްނެތި ކޮންމެ މަހަކު 5،000 ރުފިޔާ ދެމުންދާއިރު، އެއީ ކުޅުންތެރިންގެ މުސާރައެއް ނޫން ކަމަށާއި އެއީ ކުޅުންތެރިން ގައުމީ ޓީމަށް އެރުމާއެކު، ކުޅުންތެރިންގެ ހާޒިރީއާއި ފަރިތަކުރުންތައް ދާގޮތަށް ބެލުމަށްފަހު ދެވޭ އެއްޗެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ މަހުލޫފު-- ފޮޓޯ: ރައީސް އޮފީސް

މަހްލޫފް ވިދާޅުވީ ފުޓްބޯޅަ ޓީމުތަކުގެ ކޯޗުންނަށް ދެމުން އައި އެލަވަންސަކީ ވެސް ކްލަބުތަކާއެކު ހެދިފައިވާ އެއްބަސްވުމެއްގެ ތެރެއިން ދެވޭ އެއްޗެއް ކަމަށާއި ވުޒާރާއިން ފައިސާ ދޫކުރާނީ ސީދާ ކްލަބަށް ކަމަށެވެ.

ރާއްޖޭގައި ހަލުވިކަމާއެކު، ކޮވިޑް-19 ފެތުރެމުންދާތީ ރާއްޖޭގެ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވަނީ މެދުކަނޑާލައިފައެވެ. އަދި ބައެއް މުބާރާތްތައް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.