އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ ބޯޑުގައި އޭޝިއާ ތަމްސީލްކުރާ މެމްބަރަކަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހް (އަފޫ) ދެވަނަ ދައުރަކަށް އިންތިޚާބުވެ މަޤާމު ދިފާއުކޮށްފިއެވެ.

އިންތިހާބުގައި އަފްލާހުގެ ނަން މިމަގާމަށް ނޮމިނޭޓްކޮށްފައިވަނީ އީރާނުންނެވެ.

އަފްލާހް މަޤާމު ދިފާއުކުރީ ސައުދީ އަރަބިއްޔާއިން ވާދަކުރި މަންދޫބާއި ވާދަކޮށް ހުރިހާ ވޯޓެއް ހޯއްދަވައިގެންނެވެ.

މިމަގާމަށް އަފްލާހު އެންމެ ފުރަތަމަ އިންތިޚާބުވީ 2018 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. މިމަގާމާއެކު އައިސީސީގައި ހިމެނޭ އޭޝިއާގެ 21 ގައުމު ތަމްސީލް ކުރައްވާނީ އަފްލާހްއެވެ.

އަފްލާހު ތަމްސީލްކުރާ އެސޯސިއޭޓް މެމްބަރުންނަކީ ފުލް މެމްބަރުން ފިޔަވައި ދެންތިބޭ 16 މެމްބަރުންނެވެ.

އޭޝިއާއިން ފުލް މެމްބަރުންނަކީ އިންޑިއާ، ބަންގްލަދޭޝް، އަފްޣާނިސްތާން، ޕާކިސްތާން އަދި ސްރީލަންކާއެވެ. އެގައުމުތަކުގެ މަންދޫބުން ޗީފް އެގްޒެކެޓިވް ބޯޑުގައި ހިމެނެއެވެ.

ކްރިކެޓުގެ ބޯޑް އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް އަފްލާހް އިންތިހާބުވީ 2016 ގައެވެ.

އޭނާގެ ދައުރުގައި މިހާތަނަށް ރާއްޖޭގެ ކްރިކެޓަށް ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. ހާއްސަކޮށް ސަރުކާރުގެ އެހީގައި ރާއްޖޭގެ ކްރިކެޓް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް އަފްލާހްގެ ދައުރުގައިވަނީ ކޮށްފައެވެ.