އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، 11ވަނަ (އައިއޯއައިޖީ) 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ފުރުސަތު ލިބިފައިވާއިރު ގޭމްސްއަށް ތައްޔާރުވުމުގެ މަސައްކަތް މިއަހަރު ނުފެށިއްޖެ ނަމަ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި 2023 ގެ މުބާރާތް ބޭއްވުމަށް ނިންމީ މިދިޔަ އަހަރު އޮތް އައިއޯއައިޖީ ކައުންސިލް ބައްދަލުވުމުގަ އެވެ.

މިއީ ބައިނަލްއަގުވާމީ ގޭމްސް އެއް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ގޭމްސްއަށް ތައްޔާރުވުމަށްޓަކާ ރަައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް ކޮމިޓީއެއް އެކުލަވާލާ މިދިޔަ އަހަރު މަސައްކަތްތައް ފެށިކަމުގައި ވީނަމަވެސް ރާއްޖޭގައި ވެސް ކޮރޯނާވައިރަސް ފެތުރި މުޅި ރާއްޖެ އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓި ގޭމްސް އަށް ތައްޔާރުވުމަށްޓަކައި ފެށި މަސައްކަތްތަކުގެ އިތުރުން ރާއްޖޭގައި ކުޅިވަރުގެ ގިނަ ހަރަކާތްތަކެއްވެސް މިވަނީ ހުއްޓާލާފައެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ގިނަ މަސައްކަތްތަކެއް ހުއްޓިފައިވާ މިދަނޑިވަޅުގައި މި ގޭމްސް އަށް ތައްޔާރުވާނެ ގޮތާއި މެދު ކޮންމެ ދުވަހަކުވެސް ވިސްނަވާ ކަމަށެވެ.

އެގޮތުން ގޭމްސް އަށް ތައްޔާރުވުމުގެ ގިނަ މަސައްކަތްތައް މިއަހަރުގައި ކުރާ ގޮތަށް ނިންމާފައި އޮތް ނަމަވެސް، މިވަގުތު ފެންނަ މަންޒަރުތަކުން ފެނިވަޑައިގަންނަވަނީ މިކަމަކީ ވަރަށް ދުރުގައި އޮތް ކަމެއްގެ ގޮތުގައި ކަމަށެވެ.

އެހެންކަމުން މިއަހަރުގެ ތެރޭގައި ގޭމްސް އަށް ތައްޔާރުނުވެވިއްޖެނަމަ، ބޮޑު ގެންޖެހުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ގޭމްސް އަށް ތައްޔާރުވުމުގެ މަސައްކަތް މިހާރު ހުއްޓުމަކަށް އައިސްފައިވާއިރު ސަރުކާރުން ކުރިން ނިންމާފައި އޮތީ މިއަހަރުގެ ތެރޭގައި ރާއްޖޭގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ފެށުމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން 2023 ވަނަ އަހަރުގެ ގޭމްސް ކުރިޔަށްގެންދިއުން ކަމަށްވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، އެޕޫލަކީ 2023 ވަނަ އަހަރުގެ ގޭމްސް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު މީގެ ކުރިން ވަނީ ދެއްވާފަ އެވެ. އަދި ވ. އަތޮޅުގައި އިންޑޯ ވޮލީ ކޯޓެއް އަޅައިދޭނެ ކަމަށާއި އެ އަތޮޅުގައި އައިއޯއައިޖީގެ ފިރިހެން ވޮލީ މެޗެއް ކުޅުމުގެ އިންތިޒާމު ހަމަޖެއްސުމަކީ އަމާޒެއް ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ އަހަރު މޮރީޝިއަސްގައި ކުރިއަށް ގެންދިޔަ އައިއޯއައިޖީ ގައި ރާއްޖޭގެ އެތްލީޓުންވަނީ ޖުމްލަ 15 މެޑައްޔެއް ކާމިޔާބު ކޮށްފައެވެ.

މުބާރާތުގައި ވާދަކުރުމަށް ފުރުމުގެ ކުރިން ހޯދުމަށް ކަނޑައެޅީވެސް މަދުވެގެން 15 މެޑައްޔެވެ. މި މުބާރާތުގައި ރާއްޖެ އިން 10 ކުޅިވަރެއްގައި ވާދަކުރިއިރު ޓޭބަލް ޓެނިހުންނާއި ބެޑްމިންޓަން އިން ޖުމްލަ 4 ރަން މެޑައްޔެއް ހޯދާފައި ވާއިރު މި ދެކުޅިވަރާއި ބީޗްވޮލީބޯޅައިން ވަނީ ޖުމްލަ 4 ރިހިމެޑަލްވެސް ހޯދާފައެވެ. އަދި މި ކުޅިވަރުތަކުގެ އިތުރުން އެތްލެޓިކްސް ހިމެނޭހެން ޖުމްލަ 7 ލޯ މެޑައްޔެއްވެސް ވަނީ ހޯދާފައެވެ.