ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ވަގުތުތަކުގައި އަމަލުކުރާނެ ހާއްސަ އިޖްރާއާތްތަކެއް ބަޔާން ކުރުމަށްޓަކައި، ޖިނާއީ އިޖްރާއާތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

މި އިސްލާހް މަޖިލީހަށް ހުށަހެޅުއްވީ، ފޮނަދޫ ދާއިރާގެ މެންބަރު އަދި ޤާނޫނީ ވަކީލް މޫސާ ސިރާޖު އެވެ.

މި އިސްލާހު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައި ވަނީ، ކޮވިޑް-19އާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި އެނޫންވެސް އެފަދަ ކުއްލި ނުރައްކަލުގެ ޙާލަތްތަކާއި ކާރިސާގެ ޙާލަތްތަކުގައި ޢަމަލުކުރާނެ ޚާއްޞަ އުޞޫލުތަކެއް، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކޮށްފައިނެތުމުގެ ސަބަބުން އެފަދަ ޙާލަތެއްގައި އެ ޤާނޫނުގައި ބަޔާންކުރާ ޢާންމު އިޖުރާއަތުތައް ހިންގުމަށް ދަތިވާތީ، ކަމާގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އިޖުރާއަތުތަކެއް ބަޔާންކުރުމަށްޓަކައި ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި މި ބިލްގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާއެއް އިއުލާން ކޮށްފައިވާ ހާލަތްތަކުގައި، މީހުން ހައްޔަރު ކުރުމާއި ޝަރީއަތް ކުރުމާއި ބަންދާއި މެދު ގޮތެއް ނިންމުމުގައި ޚާއްސަ އިޖްރައާތުތަކަށް އަމަލު ކުރުމުގެ ބާރު، ޕްރޮސެކިއުޓާ ޖެނެރަލް އާއި، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ލިބިދޭ ގޮތަށެވެ.

މީގެ އިތުރަށް، ހަައްޔަރު ކުރެވޭ މީހަކު ނުވަތަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ މީހަކު، ފުލުހުންގެ މަރުކަޒަށް ހާޒިރުކުރެވޭފަދަ ހާލަތެއް ނެތްނަމަ، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދައާއެކު ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނަކަށް އެ މީހަކު ގެންދެވިދާ ކަމަށް ބިލްގައި ވަނީ ބުނެފައެވެ.

މީގެ އިތުރަށް ހާއްސަ ހާލަތުގައި ބަންދާމެދު ގޮތެއް ނިންމުމަށް، ބާއްވާ މަޖިލިސްތައް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދިއުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވާ ކަމާއި، އަދި ހާއްސަ ހާލަތުގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަންވެސް ވީޑިއޯ ކޮންފަރެންސް މދުވެރިކޮށް ހޯދޭ ގޮތަށްވެސް ބިލްގައި ވަނީ އިސްލާހު ހުށަހަޅާފައެވެ. އަދި ހާއްސަ ހާލަތުގައި މުއްދަތު ގުނުމުގައި އަމަލުކުރާނެ އުސޫލުވެސް ވަނީ ހިމަނާފައެވެ.

ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މިވަގުތު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާތީ، ސަރުކާރު އޮފީސްތަކާއި ކޯޓުތައް މިވަގުތު ވަނީ ބަންދުކޮށްފައެވެ.

ނަމަވެސް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތަކާއި ބަންދުގެ މުއްދަތު ޖެހުމާއި ކޯޓު އަމުރު ނެރުން ފަދަ ކަންކަން ދަނީ ކޮށްދެމުންނެވެ. އަދި މި ފަހުން އޮންލައިންކޮށް ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ކައިވެނިކޮށްދޭ ގޮތަށްވެސް ފެމެލީ ކޯޓުން ވަނީ ނިންމާފަ އެވެ.