އޮޑިދޯނިފަހަރު ބަނުމަށް ބޭނުންވާ ސާމާނުން ނަގާ ޑިއުޓީ ކުރިއަށް އޮތް 3 އަހަރަށް މައާފުކުރުމަށް ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ހުށަހެޅި ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެެވެ.

މި ރިޕޯޓަކީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ކުރަމުން އަންނަ ކަންކަމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ކޮމިޓީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅުންހުރި ފަރާތްތަކުން މިހާލަތުގައި ކުރަންޖެހޭ ކަންކަން ކަނޑައަޅައި ހޯމަދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓެކެވެ.

އެ ރިޕޯޓުގައި މަސްވެރިކަން ކުރާ ދޯނިފަހަރު އިތުރުކުރުމުގެ ގޮތުން ސަރުކާރުން މަސްދޯނިތައް ބަނދެ އެ ދޯނިފަހަރު ބާޒާރަށް ނެރެ، ލުއި ލޯނުގެ ގޮތުގައި މަސްވެރި ރަށްރަށަށް ނުވަތަ މަސްވެރިކަން ކުރާ ފަރާތްތަކަށް ދޫކުރުމުގެ އިންތިޒާމް ހަމަޖެއްސުން ހިމެނެެވެ.

އަދި މަސް ފިނިކޮށް ބެލެހެއްޓުމަށް ސްޓޯރޭޖް ކެޕޭސިޓީ ރަށްތަކުގައި އިތުރުކޮށް އެކަމުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރަންވެސް ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

މަސްވެރިން ބާނާ މަސް ގަންނަ މިންވަރު އިތުރުކުރުމަށްޓަކައި މަސް ކުންފުނިތަކަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެ ކުންފުނިތަކުގެ ގާބިލުކަން އިތުރުކުރުމާއި، މަސްވެރިކަން ކުރިއެރުވުމަށްޓަކައި މި ދަނޑިވަޅަކީ މި ސިނާއަތަށް އެންމެބޮޑު ހޭދައެއް ކުރަންވީ ދަނޑިވަޅުކަމާއި، މަސްވެރިކަން ކުރާ އުޅަނދުތައް ބަންނަން ފަށައި އެ މަސައްކަތް ކޮންމެވެސް ސަބަބަކާހުރެ ނުނިމިހުރި އުޅަނދުތައް ނިންމުމަށްޓަކައި އެފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ދިނުމަށްވެސް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރަށް ދަނޑުވެރިކަމުގެ އުފެއްދުންތަކާއި ރަށްރަށުގައި ބާނާ ފަރުމަސް ސަރުކާރަށް ގަނެވޭނެ ގޮތެއް ކަނޑައެޅުމަށް ވެސް ރިޕޯޓްގައި ކޮމިޓީން ވަނީ ސަރުކާރަށް ހުށަހަޅާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ބޮޑުކަންނެލީގެ މަސްވެރިކަމަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ސަރުކާރުން ވަނީ 100 މިލިއަން ރުފިޔާގެ ފެސިލިޓީއެއް ގާއިމްކޮށްދީފައިކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދުމުގެ މަގުސަދުގައި ސަރުކާރުން އެކުލަވާލި ފެސިލިޓީ މެދުވެރިކޮށް އެޕްލައި ކޮށްފައިވާ ކުންފުނިތަކަށް ސަރުކާރުން ފާއިސާ ދޫކުރަމުންދާ ކަމަށާއި އެގޮތުން 4 ކުންފުންޏަކަށް މިހާތަނަށް 20 މިލިއަން ރުފިޔާ ދޫކޮށްފައިވާނޭ ކަމަށް މިނިސްޓަރު ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ފާއިސާ ދޫކުރަނީ ކޮންމެ 10 ދުވަހަކުން ކަމަށާއި އެގޮތަށް ނިންމީ ކުންފުނިތަކުން މަސް ގަންނަ އަދަދަަށް ބަލާފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.