އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެއަށް ގެންނާނެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިންގައި ތިބި ދިވެހިން ގެންނާނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ފްލައިޓް ދަތުރުކުރާނީ މާލެ ދިއްލީ، ޓްރިވެންޑްރަމް އަދި މާލެއަށް ކަމަށާއި ފްލައިޓް ޖައްސާ 2 ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިޔުމުގައި ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

އަދި މި ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ފްލައިޓްއިން ދަތުރުކުރާ ފަރާތްތަކުން އަންނާނީ ޓިކެޓް ގަނެގެން ކަމަށާއި ޓިކެޓިންގެ މަސައްކަތް ކުރިއަށްގެންދާނީ މޯލްޑިވިއަން އިން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އަދި މި ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެކަން ހާމަކޮށް މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއަށް މިފަދަ ފްލައިޓްތައް ބާއްވާނެ ކަމަށެވެ. ނަމަވެސް ހާލަތާ ގުޅޭ ގޮތުން ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.