ފަންނާނުންނަށް މިހާރުވެސް ސަރުކާރުން ހުޅުވާލާފައިވާ ލޯންތަކަށް ހުށައެޅޭނެ ކަމަށާއި އަދި ވަރަށް އަވަހަށް އައު ސްކީމެއް ތައާރަފް ކުރާނެކަމަށް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ ވަރަށް އަވަހަށް ގްރާންޓް ސްކީމެއް ތައާރަފްކުރައްވާނެ ކަމަށެވެ.

އެހެންކަމުން ހުރިހާ ފަންނާނުންވެސް ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ ޕެންޑަމިކްގެ ހާލަތާއި ގުޅިގެން ފްރީލާންސަރުން ނުވަތަ އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުންނަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

މިކަމާއި ގުޅިގެން މިނިސްޓަރ ޔުމްނާ ވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި ބައްދަލުކުރައްވައި ފަންނާނުންނަށް ކުރިމަތިވާ ދަތިތައް ހިއްސާކުރައްވާފައެވެ.

ބައްދަލުވުމަށްފަހު އާންމުކޮށްފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން މީގެކުރިންވެސް އިއުލާންކޮށްފައިވާ ފަދައިން ޖޮބް ސެންޓަރާއި އެސްޑީއެފްސީ މެދުވެރިކޮށް ފަންނާނުންނަށް ލޯނަށް ހުށައެޅޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ފައްޔާޒު ދެއްވާފައިވާ ކަމަށެވެ.

އަދި ކޮވިޑް-19 އާއި ގުޅިގެން އާމްދަނީގެ ހާލަތަށް ބަދަލު އަައިސްފައިވާ އެކިއެކި މީހުންނަަށް އަމާޒުކޮށްގެން ވަަރަށް އަވަހަށް ގްރާންޓް ސްކީމެއް ތައާރަފްކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވާފައިވާ ކަމަށެވެ. މިސްކީމަށް ފަންނާނުނަށްވެސް ކުރިމަތިލެވޭނެ ކަމަށެވެ.

އަދި ވަޒީފާގެ ހާލަތަށް ބަދަލުއައިސްފައިވާ ފަންނާނުން އިކޮނޮމިކް މިނިސްޓްރީން ގާއިމްކޮށްފައިވާ ޖޮބް ސެންޓަރުގައި ރަޖިސްޓްރީވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރަށް، ގްރާންޓް ސްކީމްގައި ބައިވެރިވާން ބޭނުންވާ ފަންނާނުން އެކަމަށް ބޭނުންވާ ލިޔެކިޔުންތައް ހޯދަައި ތައްޔާރުކޮށްފައި ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން މިހާލަތު ކުރިމަތިވިއިރު، ކުރަމުންދިޔަ މަސައްކަތާއި މަސައްކަތްކުރި ތަން އެނގޭނެ ފަދަ ލިޔުންތައް ތައްޔާރުކޮށް ބެހެއްޓުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެމުއްދަތުގައި އާމްދަނީ ލިބެމުންދިޔަކަން އެނގޭނެ ލިޔެކިޔުންތައް ހޯދައި ތައްޔާރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.