ކަރަންޓީނު ފެސިލިޓީތަކަކީ ދަނޑިމާރުއަޅައިގެން ބަލަހައްޓާ ތަންތަނެއް ނޫންކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެ އެވެ.

އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް މިފަދައިން ވިދާޅުވެފައި މިވަނީ ހެރެތެރެ ރިސޯޓުގައި ކަރަންޓީނު ކޮށްފައިތިބި ބަޔަކު އެތަނުން ފިލައިގެން އުޅެނިކޮށް އެމީހުން ހޯދާފައިވާ ވަގުތެއްގައެވެ.

ފައިރޫޝް ކުރެއްވި ޓްވިޓުގައި ވިދާޅުވީ، ކަރަންޓީނު ފެސިލިޓީތަކަކީ ޖަލުތަކެއް ނޫން ކަމަށާއި އެ ތަންތަނަަށް ގެންދާމީހުން ފަރުދީޒިންމާ އަދާކުރަންޖެހޭ ކަމަށެވެ. އެއީ ދަނޑިމާރު އަޅައިގެން މީހުން ބަލަހައްޓާ ތަންތަނެއްވެސް ނޫންކަމަށް ޓްވީޓުގައި ވެއެވެ.

ކަރަންޓީން ފެސިލިޓީ ތަކަށް ގެންދެވޭ ފަރާތްތަަކަކީ އަމިއްލައަށް އެ ތަންތަނުގައި ތިބެން އެއްބަސްވެގެން ދާ ފަރާތްތަކުގެ ޒިންމާއެއްވެސް ވާކަމަށް ފައިރޫޝް ވިދާޅުވިއެވެ.

"މީގެ މާނައަކީ އެހެންމީހުން ނުރައްކަލުގެ ތެރެއަށް ހުށަހަޅާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު ފުލުހުން ނާޅާނެ ވާހަކައެއްވެސް ނޫން."
އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް

މިއީ، ކޮވިޑަށް ޚާއްސަކޮށްގެން ގާއިމްކޮށްފައިވާ ފެސިލިޓީތަކުން ބަޔަކު ފިލި ފުރަތަމަ ފަހަރެވެ.

ހެރެތެރެ ރިސޯޓުގައި ކަރަންޓީނު ކޮށްފައި ތިއްބާ ފިލި 5 މީހުން މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ހާމަކުރާއިރު މިމީހުންގެ ތެރެއިން 3 މީހަކު ހޯދާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި އަނެއް 2 މީހުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި ފިލި މީހުންގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީ ހުޅުދޫ ދެމިހަކާއި ފުވައްމުލައް ސިޓީގެ ތިންމީހެކެވެ. އެމީހުން ފިލައިގެން ގޮސް އަރާފައިވަނީ ހުޅުދޫއަށް ކަމަށްވެސް މައުލޫމާތު ލިބެއެވެ.