ޕެންޝަން ފަންޑުގައިހުރި ފައިސާ މިވަގުތު ބޭނުންކުރުމަކީ ބުއްދިވެރިކޮށް ކުރެވޭ ކަމަކަށް ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީރު ވިދާޅުވީ، ކޮވިޑް-19 ގެ މިހާލަތުގައި ދިމާވަ އެކިއެކި ކަންކަމަށް ވަގުތީ ހައްލު ހޯދައިދިނުމަށް ޕެންޝަން ފަންޑުގައި ނުޖެހި އެހެނިހެން ގޮތްގޮތުން ލުއިތައް ހޯދައިދިނުމަށް މިވަގުތު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ޕެންޝަން ފަންޑުގައިހުރި ފައިސާ މިވަގުތު ބޭނުންކުރުމަކީ އެންމެ ބުއްދިވެރި ގޮތްކަމުގައި ދެކިވަޑައި ނުގަންނަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ޕެންޝަން ފަންޑުން ދުރާލާ ފައިސާ ނެގުމަކީ އެއްވެސް ގައުމަކުން އަމަލުކުރާ އުސޫލެއް ނޫން ކަމަށެވެ. މިއީ ޕްރޮވިޑެންޓް ފަންޑެއް ނޫން ކަަމަށާއި، ބޮޑެތި ކަންކަން ޖެހޭވަގުތު ޕްރޮވިޑެންޓް ފަންޑުން ފައިސާ ނެގުނަސް ޕެންޝަން ފަންޑުން ފައިސާ ނުނެގޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ޕެންޝަން ފަންޑަކީ އެ ފަންޑަށް އެމީހަކު ލާ އެއްޗަކާއި، އެމްޕްލޯޔަރު ލާ އެއްޗަކާ އެއްކޮށް އިންވެސްޓް ކުރެވޭ އެއްޗެއް. އޭގެ މާނައަކީ ކޭޝް ގޮތުގައި ހުންނަ އެއްޗެއް ނޫން އެއީ. ޕެންޝަން އޮފީހުން އޭތި އެކި އެކި ފަންޑުތަކުގައި އިންވެސްޓް ކޮށްގެން އޭގެއިން އިތުރަށް މި ހޯދަނީ ރިޓަޔަރމެންޓް އޭޖަށް ދިޔައީމަ އެ އެންމެންނަށް އެ ދޭންވާ އެތި ދެވޭނެ ގޮތަކަށް އިތުރުކޮށްގެން ހޯދުން. އެހެންވީމަ ކޮންމެ ފަހަރަކު ކަމެއް ޖެހޭއިރަށް ޕެންޝަން ފަންޑުން އެ ލާރި ނެގުމަކީ އެހާ ރަނގަޅު ކަމެއް ނޫން އަދި ފަސޭހަކަމެއްވެސް ނޫން.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

އެހެންނަމަވެސް ކުރިއަށް އޮތްތަނުގައި ދިމާވާ މިފަދަ ހާލަތްތަކުގައި ބެނުންކުރުމަށް ޕެންޝަން ފަނޑެއްގެ ބަދަލުގައި ޕްރޮވިޑެންޓް ފަންޑެއް ތައާރަފުކޮށްފިނަމަ މިފަދަ ދަތި ވަގުތުތަކުގައި ބޭނުންކުރާނެ ފައިސާ ހުންނާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ޕެންޝަން ފަންޑު ދެމިއޮތްހާހިނދަކު ޕެންޝަން ފަންޑުގައި އަމަލުކުރަން އޮންނަ އުސޫލުން އަމަލުކުރަމުން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، މުސާރަ ނުލިބުންފަދަ ކަންކަމާ ކުރިމަތިލާންޖެހިފައިވާތީ ޕެންޝަން ފަންޑުގެ ދަށުން އެކަންކަން ހަމަޖައްސައިދިނުމަށް ގިނަބަޔަކު ގެންދަނީ ގޮވާލަމުންނެވެ.