ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަލަސްތީނުގެ މާބަނޑު އަންހެނަކު ސިއްހަތު ރަނގަޅު ފިރިހެން ކުއްޖަކު ވިހައިފިއެވެ.

އެ އަންހެންމީހާ ރޭ ފަތިހު ވިހާފައިވަނީ ހުޅަނގު އައްސޭރީގެ ރާމަﷲ ގެ ހޮސްޕިޓަލަކަށް ކަމަށް ފަލަސްތީނު މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

ފަލަސްތީނު މެޑިކަލް ކޮމްޕްލެކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އަދި އަންހެންމީހާ އޭނާގެ ދަރިފުޅަށް ދިން ނަމަކީ "ތައީމް" ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އަންހެމީހާގެ ނަމެއް ފަލަސްތީނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެ އަންހެންމީހާ ކަރަންޓީނު ކޮށްފައި ހުރީ ހޮޓަލެއްގައެވެ.

ނަމަވެސް، އޭނާ ބަނޑުގައި ރިއްސާންފެށި ޚަބަރު ލިބުމާއެކު، ހޮސްޕިޓަލުގެ ޗައިލްޑްބާރތު، އިންޓެންސިވް ކެއަރ، އިންޓާނަލް ކެއަރ ޑިޕާޓްމަންޓުތަކުގެ މެމްބަރުން ވަގުތުން ހޮޓަލަށްގޮސް އަންހެންމީހާ ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓްކުރި ކަމަށް ފަލަސްތީނު މެޑިކަލް ކޮމްޕްލްކްސްއިން ބުނެފައި ވެއެވެ.

އަންހެންމީހާ އެޑްމިޓްކުރެވުނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެޑްމިޓްކުރާ ޚާއްސަ ޑިޕާޓްމަންޓްގައި ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އަންހެންމީހާ ވިއްސުމުގެ ކަންކަން ކުރިއަށްދިޔައީ އޭނާގެ ފަރާތުން އެހެންމީހުންނަށް ބަލި ނުފެތުރޭގޮތަށް ރައްކާތެރި ޚާއްސަ ފިޔަވަޅުތަކެއް އަޅައިގެން ކަމަށްވެސް ބުނެފައި ވެއެވެ.

އަދި ވިހެއުމާއެކު ތުއްތު ދަރިފުޅު ހަވާލުކުރެވުނީ ކޮރޯނާވައިރަސްގެ ޚާއްސަ އިންޓެންސިވް ކެއާރ ޓީމާ ކަމަށްވެސް ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އަންހެންމީހާ ވިހެއި ތުއްތު ކުއްޖާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން ބުނި ނަމަވެސް، އެ ކުއްޖާ ކޮވިޑް-19 އަށް ޓެސްޓްކުރިކަމެއް އަދި ހާމައެއް ނުކުރެއެވެ.