ކޮވިޑް-19ގެ ހާލަތުގައި ފިހާރަތައް ހުޅުވާފައި ބެހެއްޓުމަށް ހުއްދަ ހޯދުމަށްފަހު ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި، އެކަންކަން ތަކުރާރު ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

މާލެ ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ފުލުހުންގެ ހުއްދަ ލިބިގެން ވިޔަފާރި ކުރަން ނުކުންނަ މީހުންނަށް ވިޔަފާރިކުރެވޭ ގޮތަށް ހެނދުނު 9 އިން ރޭގަނޑު 12 އަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ވަމީ އުސޫލު ކަނޑައަޅާފަ އެވެ.

މިވަގުތުތަކުގައި ދުރާލައި ފުލުހުންގެ ފާސް ހޯދައިގެން އާއްމުން ވިޔަފާރިކުރަންދާއިރު، ފިހާރަތައް ބަންދުކޮށްފައި ހުންނަ ކަމުގެ ޝަކުވާ ބައެއް އާއްމުން ކުރެއެވެ.

ފުލުހުންގެ އިދާރާއިން މިއަދު ބުނީ، ފިހާރަ ހުޅުވާފަ ބެހެއްޓުމަށް ހުއްދަ ހޯދުމަށްފަހު ފިހާރަތައް ބަންދުކޮށްފައި ހުންނަކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރަށް ފިހާރައިގައި މަސައްކަތްކުރުމަށް ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް މީހުން ފިހާރަތަކުގައި ތިބޭކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެގޮތަށް ޢަމަލުކުރާނަމަ ފުލުހުން ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެެވެ.

ލޮކްޑައުންގެ ހާލަތުގައިވެސް ޒަރޫރީ ބޭނުންތަކަށް ފިހާރައަށް ދިއުމަށް، ފުލުހުން ދޭ ޚާއްސަ ހުއްދައެއްގެ ދަށުން ވަކި ދުވަސްތަކެއްގެ ވަކި ވަގުތުތަކެއްގައި ކޮންމެ ގޭބިސީއަކުން ވެސް އެކަކަށް ބޭރަށް ނުކުމެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އެގޮތަށް ނިކުންނައިރު ފިހާރަތައް ބަންދުކޮށްފައި ހުންނަކަމަށް ބައެއް އާއްމުން ބުނެއެވެ.