ރާއްޖެއަކީ އާބާދީއަށް ބަލާއިރު ތެލެސީމިއާ ކެރިއަރުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ތެލެސީމިއާގައި ވާގޮތަށް ބަލާއިރު ލޭގައި ހިމެނޭ ހީމޮގްލޮބިން (އެޗް.ބީ) ފުރިހަމައަށް އުފައްދާ ނުދެއެވެ. ހީމޮގްލޮބިން އަކީ ލެއަށް ރަތްކުލަ ގެނެސްދީ އަދި ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާއެވެ. މިމާއްދާ އުފެދިފައިވަނީ ދެބީޓާ އަދި ދެ އަލްފާ ޗެއިން ގުޅިގެންނެވެ. ބީޓާ ޗެއިން އުނިވުމުން ވަނީ ބީޓާ ތެލްސީމިއާ އަށެވެ. އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލެސީމިއާ އަށެވެ.

މީގެ ތެރެއިން ދިވެހިރާއްޖޭގައި އެންމެ އާންމު ވައްތަރަކީ ބީޓާ ތެލެސީމިއާ އެވެ. ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާލާއިރު ރާއްޖޭގައި ހަ މީހަކުން އެކަކު ކެރިއަރަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގައި ތެލަސީމިއާ ވާރުތަކުރާ ފަސް ވައްތަރެއް އުޅެއެވެ. އެއީ:

ބީޓާ ތެލަސީމިއާ ކެރިއަރ (ފިޔާތޮށި ކާޑު)

އަލްފާ ތެލަސީމިއާ - އަލްފާ ޕްލަސް އަދި އަލްފާ ޒީރޯ (ރީނދޫ ކާޑު)

އެޗްބީ އީ ކެރިއަރ (ފެހި ކާޑު)

އެޗްބީ ޑީ ކެރިއަރ (ދަނބު ކާޑު)

އެޗްބީ އެސް ކެރިއަރ - ސިކްލް ސެލް ކެރިއަރ (ނޫ ކާޑު)

.ތެލެސީމިއާ ކުއްޖެއްގެ ފަރާތުން ފެންނަ އަލާމާތްތަކުގެ ގޮތުގައި، ޢުމުރުން 6 މަހާއި 12 މަހާ ދެމެދު ކުއްޖާ ދޮންފޫޑުވެ، ލޭމަދުކަން ފާހަގަވުމާއި، ޢުމުރާ އެކަށީގެންވާ ވަރަށް ބޮޑުނުވުން އަދި ބަލި ބުރަކޮށް ހުންނަކަން ފާހަގަކުރެވުމާއި، ޗިސްމޭ އަދި ހުންކޮށި ދުޅަވެ ބަނޑު ފުއްޕާގޮތްވުމާއި، ހަށިގަނޑުގެ ބައެއް ކަށިތައް ފާޅުވުން، ޚާއްޞަކޮށް ބޮލުގެ ނާށިގަނޑު ފާހަގަ ކުރެވެއެވެ.

ތެލަސީމިއާ ކުއްޖަކަށް ބޭނުންވާ ފަރުވާއަކީ ދަތި އުދަނގޫ ފަރުވާތަކެކެވެ. އެގޮތުން ބަލިކުއްޖާގެ ގަޔަށް މަދުވެގެން މަހަކު އެއްފަހަރު ލޭ އަޅަންޖެހޭއިރު އެކަމަށް ބޭނުންވާ ލޭ ހޯދުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވާ ފަހަރު އާދެއެވެ.

ގަވާއިދުން ބޭސް ބޭނުން ނުކޮށްފިނަމަ، ހިތުގެ ބައްޔާއި، ހަކުރުބަލި ފަދަ ނުރައްކާތެރި ބަލިތައް ޖެހޭ ގޮތް ވެސް މެދުވެރިވެއެވެ. 1992 އިން 2015 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 30 އިންސައްތަ ސްކްރީން ކުރެވުނުއިރު އޭގެ ތެރެއިން 16.2 އިންސައްތަ އަކީ ބީޓާރ ތެލެސީމިއާ ކެރިއަރުންނެވެ. ކެރިއަރުންނަކީ ލޭ އަޅަންޖެހޭ ބަޔަކަށް ނުވިއަސް ދެ ކެރިއަރުން ކައިވެނި ކޮށްގެން ލިބޭ ކޮންމެ ކުއްޖަކީ ލޭ އަޅަންޖެހޭ ކުއްޖަކަށް ވުމުގެ 25 އިންސައްތަ ފުރުސަތު އޮވެއެވެ.

ލޭ ބޭނުންވާ ކުދިންނަށް ލޭ އާންމުކޮށް ހޯދަނީ އެކިއެކި ކޭމްޕްތައް ބާއްވައިގެންނާއި، ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނާއި އާންމު ފަރާތްތަގެ އެހީތެރިކަމާއި އެކުގައެވެ. ނަމަވެސް މުޅި ދުނިޔެއަށް ދިމާވެފައިވާ ބިރުވެރި ނުރައްކާތެރި ކޮވިޑް-19ގެ ސަބަބުން ލޭ ހޯދުމުގައި އެތަކެއް ގޮންޖެހުންތަކެއް ދިމާވެ ލޭ ހޯދުމުގައި އެތައް ތަކުލީފެއް މިއަދު ވަނީ އުފުލަން ޖެހިފައެވެ.

ތެލެސީމިޔާ ޕޭޝަންޓުންގެ ގޮތުގައި މުޅި ރާއްޖޭގައި ޖުމްލަ 635 ތިބިއިރު މީގެ ތެރެއިން 300 އެއްހާ ކުދިން ފަރުވާ ހޯދަމުން ދަނީ މޯލްޑިވިއަން ބްލަޑް ސާރވިސްއިންނެވެ. އެކުދިންނަށް ހަފްތާއެއްގެ މައްޗަށް ގާތްގަނޑަކަށް 160 ޔުނިޓްގެ ލޭ ބޭނުންވާ ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސްއިން ބުނެއެވެ.