އެއީ އާރޓެމިޒިއާ ނަމަކަށްކިޔާ ގަހެއްގެ ދިޔަ ބޭނުންކޮށްގެން އުފައްދާ ބުއިމެކެވެ. އާރޓެމިޒިއާއަކީ އެތައްސަތޭކަ ވައްތަރެއް ހިމެނޭ ޑޭޒީ އާއިލާގެ ގަހެކެވެ. އާރޓެމިޒިއާއަކީ މެލޭރިއާބޭސް އުފެއްދުމަށްވެސް ބޭނުންކުރާ ގަހެކެވެ.

މިގަހުގެދިޔަ ބޭނުންކޮށްގެން މަޑަގަސްކަރައިން އުފައްދާ ބުއިމަށް އެގައުމުން ދީފައިވާ ނަމަކީ "ކޮވިޑް-އޯގަނިކްސް" އެވެ.

މަޑަގަސްކަރައިން ދައުވާކުރާ ގޮތުގައި، އެ ބުއިމަކީ ކޮވިޑް-19 ބަލިން ފަސޭހަވާ ބުއިމެކެވެ. އެއީ، ކޮވިޑް ބައްޔަށް ފަރުވާލިބޭ ބުއިމެކެވެ. އަދި އެ ބުއިމުން ބަލިޖެހުމުން ދުރުކޮށްދެއެވެ.

މިބުއިން މަޑަގަސްކަރައިގައި ރަސްމީގޮތުން އިފްތިތާހް ކޮށްދެއްވާފައިވަނީ މިދިޔަމަހު އެގައުމުގެ ރައީސް އެންޑްރީ ރަޖޮއިލީނާއެވެ.

ޕްރެސް ކޮންފަރެންސެއްގައި މި ބުއިން އިފްތިތާހް ކޮށްދެއްވި ދުވަހު ރައީސް ރަޖޮއިލީނާ ވިދާޅުވީ، އެ ބުއިމުގެ ސަބަބުން ކޮވިޑް-19 ބަލިޖެހުނު ދެމީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ.

"ކޮވިޑް-އޯގަނިކްސް" އިފްތިތާހް ކޮށްދެއްވުމަށްފަހު މަޑަގަސްކަރައިގެ ރައީސް އެންޑްރީ ރަޖޮއިލިނާ އޭގެ ފުޅިއެއް ހިއްޕަވަނީ:

"ކޮވިޑް-އޯގަނިކްސް" އަކީ މަޑަގަސްކަރައިގެ ސަރުކާރުން ހިންގާ މަލަގަސީ އިންސްޓިޓިއުޓް އޮފް އެޕްލައިޑް ރިސާޗްއިން އުފައްދާ ބުއިމެކެވެ.

ރައީސް އެންޑްރީ ރަޖޮއިލީނާ މި ބުއިން އިފްތިތާހްކޮށްދެއްވި ފަހުން އެގައުމުން ގެންދަނީ މީގެ އެތައްހާސް ފުޅިއެއް އުފައްދައި، ބާޒާރަށް ނެރެމުންނެވެ.

މަޑަގަސްކަރައިގައި މީގެ ފުޅިއެއް ވިއްކަނީ އެމެރިކާގެ ސާޅީސް ސެންޓަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯގެ އިންޒާރާއެކުވެސް މަޑަގަސްކަރައިން މިހާރުވަނީ "ކޮވިޑް-އޯގަނިކްސް" އެހެން ގައުމުތަކަށް އެކްސްޕޯޓްކުރަން ފަށާފައެވެ.

ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ، މަޑަގަސްކަރައިން ބުނިނަމަވެސް، މި ބުއިމަކީ ކޮވިޑް-19 ބައްޔަށް ޝިފާއެއް ލިބޭ ބުއިމެއްކަން އަދި ހޯދިފައި ނުވާކަމަށެވެ.

އަދި އާރޓެމިޒިއާ ގަހުގެ މާއްދާއެއް މެލޭރިއާ ބޭސް އުފެއްދުމަށް ބޭނުންކުރި ނަމަވެސް، ސީދާ އެ ގަހަކީ އޭގެ ޒާތުގައި މެލޭރިއާއަށް ފަރުވާލިބޭ ގަހެއް ނޫންކަން ޑަބްލިޔޫއެޗްއޯއިން ފާހަގަކުރެއެވެ.

އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިންވެސް ބުނެފައިވަނީ، މަޑަގަސްކަރައިން އުފައްދައިގެންއުޅޭ ބުއިން ފަރުވާތެރިކަމާއެކު ޓެސްޓްކުރަންޖެހޭ ކަމަށެވެ.

ޑަބްލިޔޫއެޗްއޯއިން އިންޒާރު ކޮށްފައިވަނިކޮށް، މަޑަގަސްކަރައިންވަނީ މިބުއިން އެފްރިކާގެ އެތައް ގައުމަކަށް މިހާރުވެސް ބޭރުކޮށްފައެވެ.

އެގޮތުން، އެފްރިކާގެ ގައުމުތައް ކަމަށްވާ އިއުއެޓޯރިއަލް ގިނީ، ސެންޓްރަލް އެފްރިކަން ރިޕަބްލިކް، ރިޕަބްލިކް އޮފް ކޮންގޯ، ޑީއާރް ކޮންގޯ، ލައިބީރިއާ އަދި ގިނީ-ބިސާއުއަށް މަޑަގަސްކަރައިން މިހާރަށްވެސް ވަނީ އެތައްހާސް ފުޅިއެއް ހިލޭ ފޮނުވައިދީފައެވެ. ގިނީ-ބިސާއުއަށް 16،000 ޑޯޒް ފޮނުވާފައިވާއިރު، އެގައުމުންދަނީ އެފްރިކާގެ އިތުރު 14 ގައުމަކަށް އެ ބުއިން ފޮނުވަމުންނެވެ.

އެފްރިކާގެ ގިނަ ގައުމުން މިހާރު ގެންދަނީ މިބުއިން ގަތުމަށް އޯޑަރުވެސް ދެމުންނެވެ. އެގޮތުން، ވިޔަފާރި އުސޫލުން މަޑަގަސްކަރައިން ބޭރުކުރި ފުރަތަމަ ޝިޕްމަންޓް ފޮނުވާފައިވަނީ ޓެންޒޭނިއާއަށެވެ.

ލައިބީއާގެ ޑެޕިއުޓި އިންފޮމޭޝަން މިނިސްޓަރ އިއުޖީން ފާރގޯން ވިދާޅުވީ، އެގައުމަށް ލިބިފައިވާ "ކޮވިޑް-އޯގަނިކްސް" ބުއިން އާންމުންނަށް ބެހުމުގެކުރިން އިތުރު ޓެސްޓްތަކެއް ހެދުމަށް ހަމަޖެހިފައި ނުވާކަމަށެވެ.

އޭނާގެ ވިދާޅުވީ، އެފްރިކާގައި މިނޫންވެސް ވަރަށް މަޝްހޫރު އެތައް ހަކީމީ ބޭސްތައް އުފައްދައިގެން ބޭނުންކުރާ ކަމަށާއި، އެފަދަ ބޭސްތަކަކީ ޑަބްލިޔޫއެޗްއޯއިން ޓެސްޓްކޮށްފައިވާ ބޭސްތަކެއް ނޫން ކަމަށެވެ.

"މަޑަގަސްކަރައަކީ އެފްރިކާގެ ގައުމެއް. އެހެންކަމުން، އަޅުގަނޑުމެންވެސް ކުރިއަށްދާނީ އެފްރިކާގެ ގައުމެއްގެގޮތުގައި. އެފްރިކާގެ ހަކީމީ ބޭސްތައް ބޭނުންކުރުމާއިގެން އަޅުގަނޑުމެން ކުރިއަށްދާނަން"
އިއުޖީން ފާރގޯން

އެހެން ނަމަވެސް، ޑަބްލިޔޫއެޗްއޯގެ އެފްރިކާ ރީޖަންގެ ވެރިޔާ މަޓްޝިޑިސޯ މޮއޭޓީ ވަނީ، މަޑަގަސްކަރައިން އުފައްދައިގެންއުޅޭ ބުއިމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ "ކޮވިޑް-އޯގަނިކްސް" ބުއީމާ ކޮވިޑް-19 ބަލި ނުޖެހޭނޭ ކަމަށް މީހުންނަށް ހީވެ، އުޅެވޭގޮތަކުން އެންމެންގެ މެދުގައި ބަލިގަނޑު ފެތުރުމުގެ ނުރައްކާ އެބައޮތް ކަމަށެވެ.

އެފްރިކަން ޔޫނިއަނުން ބުނެފައިވަނީ، މަޑަގަސްކަރައިން އުފައްދައިގެން އުޅޭ "ކޮވިޑް-އޯގަނިކްސް" ގެ ޓެކްނިކަލް ޑޭޓާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމައުލޫމާތު ލިބުމުން އެފްރިކާ ސީޑީސީއާ ހިއްސާކުރާނޭ ކަމަށެވެ.