ފްރޮންޓްލައިންގައި މަސައްކަތްކުރާ 5 ފުލުހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ އިމްރާން އަބދުﷲ ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ފްރޮންޓްލައިންއަށް ނިކުމެ މަސައްކަތުގައި ހަރަކާތްތެރިވާ ފުލުހުންނަކީ މި ބައްޔަށް އެންމެ ބޮޑަށް ހުށަހެޅިގެންދާ އެއް ބަޔަކަށް ވާނެ ކަމުގައެވެ.

އެހެންކަމުން މިހާތަނަށް 5 ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، 170 އަށްވުރެ ގިނަ ފުލުހުން ކަރަންޓީންކުރެވިފައިވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން އަބްދުﷲ ވިދާޅުވީ މިބައްޔަށް އެންމެ ބޮޑަށް ހުށަހެޅިގެންދާ އެއް ބަޔަކީ ފުލުހުން ކަމަށްވާއިރު، ފުލުހުންގެ ފަރާތުން މި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށް އާއިލާތައް ކައިރިއަށް ނުގޮސް ވަކިން ތިބެވޭނެ އިންތިޒާމު އެކަށީގެންވާ ވަރަށް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުން އަމަލުކުރަންޖެހޭ ހާއްސަ އެސްއޯޕީއެއް އެކުލަވާލާފައިވާނެ ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އަދި ޕޮޒިޓިވް ކޭސްތައް އިތުރުވުމާއި، ލިބޭ އެހެނިގެން މައުލޫމާތުތަކާއެކު އެސްއޯޕީއަށް ބަދަލު ގެންނަމުންދާކަން ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އަދި އާއިލާގެ ގާތަށް ނުގޮސް ތިބުމަށް ފުލުހުންނަށް އިރުޝާނު ދީފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލެ ސަރަހައްދު ލޮކްޑައުންއަށް ދިއުމާއެކު ރައްޔިތުންނަށް ބޭނުންވާ އެތައް ހިދުމަތެއް ފޯރުކޮށްދިނުމުގައި ރެއާއިދުވާލު ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

އެގޮތުން ގޭގެއަށް ބޭނުންވާ ތަކެތި ޑެލިވަރ ކޮށްދިނުމާއި، މާލެ ސަަރަހައްދު މޮނިޓަރކުރުން ފަދަ އެތައްކަމެއް ފުލުހުން ގެންދަނީ ކުރަމުންނެވެ.