އައްޑޫ ސިޓީން މާލެ ފޮނުވި ބަލިމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާގުޅިގެން އައްޑޫ ސިޓީ 14 ދުވަހަށް ލޮކްޑައުން ކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ އައްޑޫ ސިޓީގެ މޭޔަރަށް އެޑްރެސް ކުރައްވާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފޮނުވި ބަޔާނުގައި ވަނީ، އައްޑޫ ލޮކްޑައުންގެ ހާލަތަށް ގެނެސްފައިވަނީ، އައްޑޫގައި އުޅޭ މީހަކު ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.

އެގޮތުން އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން އައްޑޫގެ ރަށްރަށަށް އަރައި ފޭބުން މަނާކުރުމާއި، އައްޑޫގެ މަގުމައްޗަށާއި އާންމު ތަންތަނަށް ނިކުތުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.

އައްޑޫއިން މިއަދު ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު އެމީހާއަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެއްކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދިޔުމުން އައިޖީއެމްއެޗްގެ ޕްރޮޓްކޯލާއި އެއްގޮތަށް ބަލިމީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމުންނެވެ/

އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުންދާއިރު މިހާތަނަށް އެމީހާއާއި ޑައިރެކްޓް ކޮންޓެކްޓުވި 26 އަށް ވުރެ ގިނަމީހުން ފާހަގަކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އޭގެތެރޭގައި ހަތް ޑޮކްޓަރަކާއި 10 ނަރުހަކުވެސް ހިމެނޭ ކަމަށް އިކުއިޓޯރިއަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.