ނައިބް ރައީސް ފައިސަލް ނަސީމް މިނިސްޓަރ އޮފް އެޑިއުކޭޝަންގެ އިސްވެރިންނާއި ބައްދަލުކުރައްވައި ކިޔަވާކުދިންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމުކުރެވިގެން ކުރިޔަށްދާގޮތުގެ މައުލޫމާތު އޮލުންފިލުއްވައިފިއެވެ.

އޮންލައިންކޮށް ބޭއްވި މިމަޝްވަރާ ބައްދަލުވުމުގައި ނައިބް ރައީސް ވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ މި ދަތި ހާލަތުގައި އެޑިއުކޭޝަން މިނިސްޓްރީން ދެމުންގެންދާ ޚިދުމަތްތަކާއި ކިޔަވާކުދިންގެ ކަންކަން ބެލެހެއްޓުމުގައި ކަންކަން އިންތިޒާމުކުރެވިގެން ކުރިޔަށްދާގޮތުގެ މަޢުލޫމާތު ހޯއްދަވާފައެވެ.

އެގޮތުން މި ހާލަތުގައި ސްކޫލުކުދިންގެ ކިޔެވުމުގެ ކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާގޮތާއި އިމްތިހާނުތައް ބޭއްވުން ފަދަ ކަންކަމާމެދު އަމަލުކުރާނެ ގޮތްތަކާއި އަދި ދަރިވަރުންގެ ކަންކަން މިދުވަސްވަރު ބެހެއްޓުމަށް ރޭވިފައިވާ އިންތިޒާމުތަކާ ބެހޭގޮތުން ނައިބް ރައީސް މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން މިހާލަތުގައި ޓީޗަރުންނާއި އަދި ދަރިވަރުންނަށް އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހުރި ދަތިތައް އޮޅުންވިލުއްވައި ޓެލި ކްލާސްތަކާއި އޮންލައިން ކްލާސްތައް ގެންދިއުމުގައި ކަންކަން ރޭވިފައިވާ ގޮތުގެ މަޢުލޫމާތުވެސް ހޯއްދެވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް އެޑިއުކޭޝަންއާއި އެޑިއުކޭޝަން ދާއިރާގެ އިސްވެރިން ވަނީ ކޮވިޑް-19 ގެ ހާލަތަށްފަހު ސްކޫލުތައް ހުޅުވޭއިރު ކަންކަން ކުރިޔަށް ގެންދާނެ ގޮތުގެ ޕްލޭންތަކާ ބެހޭގޮތުން ވެސް މައުލޫމާތު ހިއްސާކުރައްވާފައެވެ.

އެގޮތުން ސްކޫލުތައް ދެން ހުޅުވޭއިރު އިންތިޒާމުކުރަންޖެހޭ ކަންކަމާއި ރައްކާތެރިކަމުގެ ގޮތުން އަޅަން ރޭވިފައިވާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މިނިސްޓަރ އޮފް އެޑިއުކޭޝަންއާއި އަދި ދާއިރާގެ އިސްބޭފުޅުން މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ނައިބް ރައީސް ފައިސަލް ވަނީ މިހާލަތުގައި މަސައްކަތް ކުރާއިރު ތައުލީމީ ދާއިރާގެ ހުރިހާ ފަރާތްތަކުންވެސް އެކަކު އަނެކަކާ ގުޅިގެން މަސައްކަތްކޮށް ދިމާވާ މައްސަލަތައް ހައްލުކޮށްގެން ކަންކަން ކުރިޔަށް ގެންދިއުމަށާއި ސިއްހީ މާހިރުންގެ އިރުޝާދާ އެއްގޮތަށް ކަންކަން ބައްޓަންކުރައްވައިގެން ކުރިޔަށް ގެންދިއުމަށް ހުރިހާ ފަރާތްތަކުގެ ކިބައިން އެދިވަޑައިގެންފައެވެ.