ޖިނާއީ ޝަރީޢަތްތަކާގުޅޭ ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހުތޫރަތްތެރި ހާލަތުގައިވެސް ޖިނާއީ ޢަދުލުގެ ނިޒާމް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 ގެ ސަބަބުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، މިހާލަތުގައި ކޯޓުތަކުގެ ޝަރީއަތް ހިންގުމަށް ބުރޫއަރައި ޝަރީއަތްތައް ވަނީ މެދުކެނޑިފައެވެ. އަދި އެކަން ހައްލުކުރުމަށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔުމުގެ ގަވައިދެއް ސުޕްރީމް ކޯޓުން އެކުލަވާލައި، އެއާ އެއްގޮތަށް މާދަމާ ޝަރީއަތްތައް ފަށަން ކުރިމިނަލް ކޯޓުން ތައްޔާރުވެފައިވާއިރު އެކަމުގައި ޤާނޫނީ ބޭފުޅުންގެ ޚިޔާލު ތަފާތުވެފައިވަނިކޮށެވެ.

ބަންޑާރަނައިބު އިބްރާހިމް ރިފްއަތު މިއަދު ކުރެއްްވި ޓްވީޓުގައި ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި، އެނޫންވެސް އެފަދަ ކުއްލި ނުރައްކަލުގެ ހާލަތްތަކާއި ކާރިސާގެ ހާލަތްތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލުތަކެއް، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި ބަޔާންކޮށްފައިނެތުމުގެ ސަބަބުން އެފަދަ ޙާލަތެއްގައި އެ ޤާނޫނުގައި ބަޔާންކުރާ ޢާންމު އިޖުރާއަތުތައް ހިންގުމަށް ދަތިވާތީ، ކަމާގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އިޖުރާއަތުތަކެއް ބަޔާންކުރުމަށްޓަކައި އެ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވާނެ ކަމަށެވެ.

އެ ބިލްގެ މަގުސަދަކީ ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްފަހުގައިވެސް، ޖިނާޢީ ޝަރީއަތްތައް މެދުނުކެނޑި ހިންގޭނެ އުސޫލެއް ގާއިމްކޮށްދިނުމަށްޓަކައި ހުށަހެޅި އިސްލާހެއް ކަމަށްވެސް ބުނެފައިވެ އެވެ.

އެގޮތުން ވީޑިއޯ މެދުވެރިކޮށް ޝަރީއަތުގެ މަޖިލިސްތައް ކުރިއަށްގެންދެވޭނެ އުސޫލު ކަނޑައަޅާފައިވާނެ ކަމަށާއި، އެގޮތުން ހައްޔަރުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސްތަކާއި، އާއްމު މަޖިލިސްތައް، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދެވޭނެ އުސޫލުވެސް އެ ބިލްގައިވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުުރަށް ހައްޔަރުކުރުމަށްފަހު އަމަލުކުރާ އިޖުރާއައްތަކާއި، ބަނދުގަ ބެހެއްޓުމަށް އަމަލުކުރާ ބައެއް އިޖުރާއަތްތައްވެސް އެފަދަ ޚާއްސަ ހާލަތްތަކަށް ރިޢާޔަތްކޮށް ތަޢާރަފުކުރުމަށްވެސް ބިލްގައި ހިމެނިފައިވާ ކަމަށް ވަނީ ބުނެފައެވެ.

ޖިނާޢި އިޖުރާއަތުގެ ޤާނޫނުގެ އިތުރަށް، ޖިނާޢީ ކުށް ކަނޑައެޅުމުގެ ޚާއްސަ ގާނޫނުތަކުގެ ކަނޑައަޅާފައިވާ ދަޢުވާކުރުމުގެ މުއްދަތާއި، އިސްތިއުނާފު ކުުރުމުގެ މުއްދަތުތައް ގުނުމުގައި އަމަލުކުރާ ގޮތް ބަދަލުކުރުމަށްވެސް އިސްލާހުތައް ބިލްގައި ހިމެނޭނެ ކަން ބަންޑާރަނައިބު ވަނީ ފާހަގަކުރައްވާފައެވެ.

ސަރުކާރުގެެ ފަރާތުން މަޖިލީހަށް މި މެއި މަހުގެ 5 ދުވަހު ބިލް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު ޤާނޫނީ ވަކީލް މޫސާ ސިރާޖު އެވެ.