އިނގިރޭސިވިލާތަށް އަންނަ ހުރިހާ އެންމެން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުކުރަން ރާވަމުންދާ ކަމަށް އިނގިރޭސި ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ރާވަމުންދާކަން އިނގިރޭސި ސަރުކާރުންވަނީ، އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ އެއަރލައިންތައް ތަމްސީލުކުރާ ޖަމްއިއްޔާ، އެއަރލައިންސް ޔޫކޭއަށް އަންގާފައެވެ.

އިނގިރޭސިވިލާތަށް ބޭރުން އަންނަމީހުން ކަރަންޓީނުކުރަން ރާވަމުންދާކަމަށް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ދަ ޓައިމްސް ނޫހުންނެވެ.

އެނޫހުން ބުނެފައިވަނީ، ސަރުކާރުން ރާވަމުންދަނީ ވައިގެ މަގުންނާއި އަދި ކަނޑުމަގުން އިނގިރޭސިވިލާތަށް އަންނަ ހުރިހާ އެންމެން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނު ކުރުމަށެވެ.

ބޭރުން އަންނަ އިނގިރޭސިވިލާތުގެ ރައްޔިތުންވެސް އައިސޮލޭޝަނަށް ދާންޖެހޭގޮތަށް ސަރުކާރުން ނިންމާފައިވާ ކަމަށް ޓައިމްސް ނޫހުން ބުނެފައި ވެއެވެ.

މި ޕްލޭން، ބޮޑުވަޒީރު ބޮރިސް ޖޯންސަން އާދިއްތަދުވަހު އިޢްލާން ކުރައްވާނޭ ކަމަށްވެސް ނޫހުން ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުން، ބޭރުން އަންނަ އެންމެން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާންޖެހޭ ޕްލޭނަށް އަމަލުކުރަން ރާވަމުންދަނީ ކުރިއަށްއޮތް ޖޫންމަހުގެ ކުރީކޮޅުން ފެށިގެންނެވެ.

އެގޮތުން، އިނގިރޭސިވިލާތަށް އަންނަ އެހެން ގައުމުތަކުގެ މީހުންނާއި، އަދި އިނގިރޭސި ރައްޔިތުންވެސް، އިނގިރޭސިވިލާތުގައި އެމީހުން އައިސޮލޭޓްވާނެ އެޑްރެސް ކަމާބެހޭ ފަރާތްތަކަށް ކުރިން އަންގަންޖެހޭކަމަށް ޓައިމްސް ނޫހުން ބުނެފައި ވެއެވެ.

އިނގިރޭސި އެއަރޕޯޓް އޮޕަރޭޓަރުން ބުނެފައިވަނީ، ބޭރުން އަންނަ އެންމެން 14 ދުވަހަށް ކަރަންޓީނު ކުރާނަމަ އޭވިއޭޝަން ސިނާއަތަށް އަގުނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނޭ ކަމަށެވެ. އަދި އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނޭ ކަމަށް ބުނެފައި ވެއެވެ.

ބޭރުން އަންނަ އެންމެން ކަރަންޓީނުކުރަން އިނގިރޭސިވިލާތުން ރާވަމުންދާއިރު، އެގައުމު މިހާރު ވެފައިވަނީ ޔޫރަޕް ސަރަހައްދުން ބަލީގައި އެންމެ ގިނަމީހުން މަރުވި ގައުމަށެވެ.

ކޮވިޑް-19 ބަލީގައި އިނގިރޭސިވިލާތުން މިއަދުގެ ނިޔަލަށް 31،241 މީހުން މަރުވެފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދުވަނީ 211،364 އަށް އަރާފައެވެ.