ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ތޫނު އެއްޗަލުން ހަމަލާދިން މައްސަލާގައި ފުލުހުން ހިންގި ތަހްގީގުން އެމައްސަލާގައި ދައުވާކުރުމަށް އިތުރު ކުރިއެރުންތައް ހޯދުމުގެ މަސައްކަތްކުރަމުން އަންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފޮލިސް ކޮމިޝަނަރ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ފުލުހުން ކުރި ތަހްގީގާއި މިކަމުގައި ފުލުހުން އަމަލުކުރިގޮތް އަލުން ބެލުމަށްޓަކައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ގާނޫނީ ވަކީލަކާއި، ފުލުހުންގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ޕެނަލެއް ބާއްވާފައިވާ ކަމަށެވެ.

މިމައްސަލާގައި ފުލުހުން އެކަށީގެންވާވަރުގެ ތަހްގީގެއް ހިންގާފައިވާ ކަމަށާއި، ދައުވާކުރުމަށް އެކަށީގެންވާ ހެކި ހޯދުމާއި، އިތުރު ކުރިއެރުންތައް ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްއާއެކު މަސައްކަތް ކުރެވެމުންދާކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލާފައި ތިބޭ މުއްދަތުގައި މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ހައިކޯޓުން ނެރެފައިވާ މޮނިކޮމް އަމުރުގެދަށުން އެމީހުން މޮނިޓަރ ކުރެވެމުންދާ ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ބަޔަކު ފަތުރުވެރިންތަކަކަށް ތޫނު އެއްޗަކުން ހަމަލާދިނީ މިދިޔަ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ ހަމަލާގައި ޗައިނާ ދެ ފަތުރުވެރިޔަކަށާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކު ވަނީ ޒަހަމްވެފައެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައްސަލައާގުޅޭ މައުލޫމާތު ދެއްވަމުން ފުލުހުންގެ ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް، އެސްސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އެ ހަމަލާއަކީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަރުކަށި ސެލްއެއްގެ މެންބަރުންތަކެއް ހިންގި އަމަލެއް ކަމަށެވެ.

އެއީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ދެވުނު ހަމަލާއެއްކަން ތަހުގީގަށް ލިބުނު މައުލޫމާތުތަކުން ކަށަވަރުވެފައިވާ ކަމަށް ވެސް ރިޔާޒު އޭރު ވަނީ ވިދާޅުވެފައެވެ.

މި އަމަލަކީ މައިގަނޑު ގޮތެއްގައި 2019 ވަނަ އަހަރުގެ ތެރޭގައި ރ. މަޑުއްވަރީގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ފަރާތުން ހިންގި ހާއްސަ އޮޕަރޭޝަންގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅެ، އެފިކުރު ފެތުރުމަށް މަސައްކަތްކުރާ ފަރާތްތައް ހައްޔަރުކޮށް، އެފަދަ ބައެއް ފަރާތްތަކުގެ ދަރިންނާމެދު އިހުމާލުވާ މައްސަލަތަކުގައި އެކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާތީ އެކަމާ ހިތްހަމަނުޖެހިގެން އެކަމާ ގުޅޭގޮތުން މެސެޖެއް ދިނުމަށާއި އަދި އެކަމާ ގުޅޭގޮތުން ކުރަމުންދިޔަ މަސައްކަތްތައް ހުއްޓުވުމަށް މަޖުބޫރުކުރުވުމުގެ ގޮތުން ކުރި ކަމެއްކަން ތަހުގީގަށް ހޯދުނު ހޯދުންތަކުން މިހާތަނަށް އެނގުނު."
އެސްސިޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު

މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްފަހު އެޕްރީލް މަހުގެ 19 ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާނެ ކަމަށް ފުލުހުން މީގެކުރިން ވަނީ ބުނެފައެވެ.

ނަމަވެސް ދައުވާ ކުރަން ފޮނުވާފައިވަނީ ކިތައް މީހުންނަށް ކަމެއް އަދި އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތަކެއް ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.