• ހާލަތު ރަނގަޅުވި ބައެއް ގައުމުތަކުގައި ބަލިޖެހޭ މީހުން ގިނަވަނީ
  • އިގްތިސާދުތައް ސަލާމަތްކުރުމަށް ގައުމުތަކުން ލޮކްޑައުންއަށް ލުއިދެނީ
  • ދުނިޔޭގެ ލީޑަރުންނަށް ހަތަރުފަރާތުން ޕްރެޝަރ

ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮވިޑް-19 ބަލިޖެހުނު މީހުންގެ އަދަދު 4 މިލިއަނަށްވުރެ މައްޗަށް ހިނގައްޖެއެވެ.

ދުނިޔެއިން މި ބަލި ޖެހިފައިވާ ކަމަށް މިހާތަނަށް ރެކޯޑް ކުރެވުނު މީހުންގެ އަދަދު ހަތަރު މިލިއަނަށް އަރައިގެންދިޔައިރު، މި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 279،000 އަށްވުރެ މައްޗަށް ގޮސްފައެވެ. އަދި ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 1.4 މިލިއަނާ ގާތަށް ގޮސްފައެވެ.

ކޮވިޑް-19 އަށް މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައި ނުވާއިރު، އެންމެބޮޑަށް ބަލިމަޑުކަން ފެތުރުނު ގައުމުތަކުގައި ބަލިފެތުރުމުގެ ދެވަނަ ބާއްޏެއް ނަގާފާނެކަމުގެ ކުލަވަރުތައް ފެނި، ގައުމުތަކުގައި ބޮޑެތި ކަންބޮޑުވުންތައް އުފެދިފައި ވެއެވެ.

ބަލީގެ ހާލަތު ކުރިން ވަރަށް ބޮޑަށް ގޯސްވެގެންދިޔަ ދެކުނު ކޮރެއާ، ޖަރުމަނުވިލާތް، ޗައިނާ އަދި އީރާނުން ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވާން ފެށުމާ ގުޅިގެން އެގައުމުތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ރައްޔިތުން ސަމާލުވުމަށް ގެންދަނީ އިރުޝާދު ދެމުންނެވެ.

ދެކުނު ކޮރެއާއިން އައު ކްލަސްޓަރތައް ފެނިފައިވާއިރު، ލޮކްޑައުންއަށް ދިން ބައެއް ލުއިތައް ސަރުކާރުންވަނީ އުވާލާފައެވެ.

ޖަރުމަނުގައި ބަލި ޖެހިފައިވާ މީހުންގެ ކިބައިން އެހެން މީހުންނަށް ބަލި ފެތުރެމުންދާއިރު، ޗައިނާއިން އަލަށް ބަލި ޖެހުނު މީހުންގެ އަދަދު 10 ދުވަސްތެރޭ ފުރަތަމަ ފަހަރަށް މިއަދުވަނީ ދެ އަކުރުގެ އަދަދަކަށް އަރާފައެވެ.

އެމެރިކާ، އިނގިރޭސިވިލާތް، ރަޝިޔާގައިވެސް ބަލީގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ.

ހާލަތު ރަނގަޅުވާން ފެށުމާއެކު، ދުނިޔޭގެ ބައެއް ގައުމުތަކުންވަނީ، ބަލި ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތައް ފިޔަވަހިތަކެއްގެ ތެރެއިން ލުއިދޭން ފަށާފައެވެ.

ބަލިމަޑުކަމުގެ ދެވަނަ ބާނި ނަގާފާނެކަމުގެ ބިރާއެކުވެސް ގައުމުތަކުން ކާފިއުއާއި، ލޮކްޑައުންގެ ހާލަތަށް ލުއިދޭން ފަށާފައިވަނީ އިގްތިސާދުތައް އިނދަޖެހުމުން ސަލާމަތްކުރުމުގެ އުންމީދުގައެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުގައި ބަލީގެ ހާލަތު ވަރަށް ބޮޑުތަނުން ރަނގަޅުވަމުންދާ ކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. ފަރަންސޭސިވިލާތް، ސްޕެއިން، ބެލްޖިއަމްފަދަ ގައުމުތަކުން ބުނެފައިވަނީ، މިއީ ބަލި ފެތުރުން ހުއްޓުވަން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ.

އެހެން ނަމަވެސް، ޔޫރަޕްގެ އިއްތިހާދުން ގެންދަނީ، އީޔޫގެ ގައުމުތައް ދަތުރުވެރިންނަށް އަދި ހުޅުވާ ނުލުމަށް އަންގައި އިންޒާރުކުރަމުންނެވެ.

ބަލިމަޑު ހާލަތާއި ގުޅިގެން އެތައް މިލިއަން ބައެއްގެ ވަޒީފާތައް ގެއްލި، ވިޔަފާރިއާއި ސިނާއަތްތައް ހުއްޓާލަން މަޖުބޫރުވެ، މުޅި ދުނިޔޭގެ އިގްތިސާދަށް އެކަމުގެ ލޮޅުންތައް އަރާފައި ވެއެވެ. މިކަންކަމަށް ހައްލު ހޯދައި، މި ވަޅުގަނޑުން އަރައިގަނެވޭނެ މަގެއް ހޯދުމަށް ދުނިޔޭގެ ލީޑަރުންނަށް ހަތަރުފަރާތުންދަނީ ބޮޑެތި ފިއްތުންތައް ކުރިމަތިވަމުންނެވެ.