• ހައި ރިސްކް ހާލަތުގައި މިވަގުތު އޮތީ ޝުލާން ސިޓީ އެކަނި

ޗައިނާގެ ވުހާން ސިޓީން ކޮވިޑް-19 ބަލީގެ އައު ކްލަސްޓަރއެއް ފެނިއްޖެއެވެ.

ޗައިނާ ސަރުކާރުން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެގައުމުން 17 މީހަކު އަލަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން 5 މީހުންނަކީ ވުހާން ސިޓީއަށް ނިސްބަތްވާ މީހުންނެވެ.

ވުހާން ސިޓީން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ އެއް އިމާރާތެއްގައި ދިރިއުޅޭ 5 މީހުން ކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިއަދު އަލަށް ޕޮޒިޓިވްވި 5 މީހުންގެ ތެރޭގައި، އިއްޔެ ބައްޔަށް ޕޮޒިޓިވްވި އުމުރުން 89 އަހަރުގެ މީހާގެ އަނބިމީހާވެސް ހިމެނޭ ކަމަށް ވުހާން ހެލްތު އޮތޯރިޓީން ބުނެފައި ވެއެވެ.

އިއްޔެ ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހާއަކީ، ވުހާން ސިޓީގައި ހިންގާފައިވާ ލޮކްޑައުންގެ ހާލަތު އުވާލައި، އާންމު ހާލަތަށް ގެނައިތާ މަސްދުވަހަށްވުރެ ގިނަދުވަސް ވީފަހުން އެ ސިޓީން ޕޮޒިޓިވްވި ފުރަތަމަ މީހާއެވެ.

ވުހާން ސިޓީއަކީ ކޮވިޑް-19 ބަލި އެންމެ ފުރަތަމަ ފެތުރޭންފެށި ރަށެވެ. އެތައް ދުވަހެއްގެ ލޮކްޑައުންއަށްފަހު ވުހާން ސިޓީއާއި ޗައިނާގެ އެހެން ހިސާބުތަކުގައިވެސް ވިޔަފާރިތައް ހުޅުވައި، މީހުންވަނީ މަސައްކަތަށް އެނބުރި ނުކުމެފައެވެ.

އަލަށް ބަޔަކު ޕޮޒިޓިވްވުމާ ގުޅިގެން ވުހާން ސިޓީގައި އަލުން ބަލި ފެތުރޭން ފަށާފާނެ ކަމުގެ ބިރާއި ކަންބޮޑުވުން އުފެދިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ވުހާން ހެލްތު އޮތޯރިޓީން ބުނެފައިވަނީ، ލޮކްޑައުން އުވާލި ނަމަވެސް، ސިއްހީ ރައްކާތެރިކަމަށާއި، ބަލި ފެތުރުން ހުއްޓުވަން ކުރެވޭ މަސައްކަތްތަކަށް ހުއްޓުމެއް ގެނެސްފައި ނުވާނޭ ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ވުހާން ސިޓީން އަލަށް ޕޮޒިޓިވްވި 5 މީހުންނަކީވެސް، ކުރިން ޕޮޒިޓިވްވެ، ނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެންނާތީ މޮނިޓަރ ކުރާގޮތަށް ދޫކޮށްލެވިފައިވާ މީހުންގެ ތެރެއިން ބައެކެވެ.

ޗައިނާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ބަލީގެ އަލާމާތްތައް ނުފެންނަނަމަ އެފަދަ މީހުން ބަލިޖެހިފައިވާ މީހުންގެ ލިސްޓުގައި ނުހިމަނައެވެ.

ނަމަވެސް، އަލާމާތްތައް ނުފެންނާތީ މޮނިޓަރ ކުރާގޮތަށް ދޫކޮށްލެވިފައިވަނީ ކިތައް މީހުންކަމެއް ޗައިނާ ސަރުކާރުން ހާމައެއް ނުކުރެއެވެ.

ބަލިފެތުރުން މަޑުޖެހުމަކަށް އައިފަހުން ވޭތުވެދިޔަ ދެމަސްދުވަހުގެ ތެރޭގައި ޗައިނާގައި ބަލީގެ އައު ކްލަސްޓަރތައް ފެނިފައިވަނީ އާންމުން ދިރިއުޅޭ އިމާރާތްތަކުންނާއި، ހޮސްޕިޓަލްތަކުން ކަމަށް ޗައިނާ ސަރުކާރުން ހާމަކޮށްފައި ވެއެވެ.

އެގޮތުން، ޗައިނާގެ އުތުރު އިރުމަތީ ޖިލިން ޕްރޮވިންސްގެ ޝުލާން ސިޓީންވެސް މިހާރުވަނީ ބަލީގެ އައު ކްލަސްޓަރައެއް ފެނިފައެވެ.

ޝުލާން ސިޓީއަކީ ޗައިނާގައި، ބަލީގެ ހާލަތާއި ގުޅިގެން ނާޒުކު ކަމަށް މިވަގުތު ކަނޑައަޅާފައިވާ ހަމައެކަނި ސިޓީއެވެ. އެ ސިޓީގެ 600،000 ރައްޔިތުން މިވަގުތު ތިބީ ގޭގައި ބަންދުގެ ހާލަތުގައެވެ. ކަބޯތަކެތި ގަންނަން ގެއިން ބޭރަށް ދެވެނީ ކޮންމެ ދުވަހަކު، ކޮންމެ ގެއަކުން އެކަކަށެވެ.

ޗައިނާގައި ބަލިޖެހުނު މީހުންގެ ރަސްމީ އަދަދެއް ކަމަށް ސަރުކާރުން ބުނެފައިވަނީ 82،918 އެވެ. މިބަލީގައި 4،633 މީހުން މަރުވެފައި ވާއިރު، 79،167 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.