އީރާނުގެ ހުރިހާ މިސްކިތްތައް މާދަމާ ހުޅުވާލަން އީރާނު ސަރުކާރުން ނިންމައިފިއެވެ.

މިއީ، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ފެށުމަށް ސަރުކާރުން އެކުލަވާލާފައިވާ ޕްލޭންގެ ދަށުން އަޅާ ފިޔަވަޅެއް ކަމަށް އީރާނުގެ ރަސްމީ ނޫސް އޭޖެންސީ، އައިއާރްއައިބީން ބުނެފައި ވެއެވެ.

މިސްކިތްތައްވެސް ހުޅުވާލައި، އައި ލޮކްޑައުންއަށް ލުއިދޭން އީރާނުން ފަށާފައިވާއިރު، އީރާނުގެ ބައެއް ސަރަހައްދުތަކުގައި ބަލިޖެހޭ މީހުންގެ އަދަދުތައް އަދިވެސް މަތިވަމުންދާ ކަމަށް އެގައުމުގެ މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

އީރާނުގައި މިހާތަނަށް ކޮވިޑް-19 ބަލީގައި 6،685 މީހުން މަރުވެފައި ވާއިރު، ބަލިޖެހުނު މީހުންގެ އަދަދު 109،286 އަށް އަރާފައި ވެއެވެ.

ބަލީގެ ހާލަތު ރަނގަޅު އީރާނުގެ 180 ސިޓީއާއި، ޓައުންތަކުގައި ހުރި މިސްކިތްތަކުގައި މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދުވަނީ ޖަމާއަތުގައި ކޮށްފައެވެ. މިސްކިތްތަކުގައި ހުކުރު ނަމާދު މިކުރީ ދެމަސްދުވަސް ވަންދެން ބަންދުކުރުމަށްފަހުގައެވެ.

އެހެންނަމަވެސް، ވެރިރަށް ތެހެރާނާއި، އަދި ބޮޑެތި އެހެން ބައެއް ސިޓީތަކުގެ މިސްކިތްތައް ހުޅުވުމުގެ ހުއްދަ އީރާނު ސަރުކާރުން މިދިޔަ ހަފްތާގައި ދީފައެއް ނުވެއެވެ.

ވައިރަސްގެ ނިޝާނެއްނެތް ސަރަހައްދުތަކުން 132 މިސްކިތް ހުޅުވުމުގެ ހުއްދަ ސަރުކާރުން މިދިޔަ ހޯމަދުވަހު ދީފައިވާއިރު، އެ ސަރަހައްދުތަކުގެ ސްކޫލްތައްވެސް އަންނަ ހަފްތާގައި ހުޅުވަން ނިންމާފައިވާ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ އިއްޔެ ވިދާޅުވެފައި ވެއެވެ.