ކޮވިޑް-19 އިން އަރައިގަތުމަށް އައްޑޫ ސިޓީއަށް ދިމާވާ ދަތިތަކާއި، އެ ސިޓީގެ ހޮސްޕިޓަލަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު މަޝްވަރާކުރައްވައިފި އެވެ.

އައްޑޫ ސިޓީއަށް މިވަގުތު ދިމާވެފައިވާ ދަތިތައް ހައްލު ކުރަން ކުރެވެންހުރި މަސައްކަތްތަކަކީ ކޮބައިތޯ، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު، ފައިޞަލް ނަސީމް މަޝްވަރާކުރައްވާފައި ވަނީ، އެސިޓީގެ ރައްޔިތުން މަޖިލީހުގެ 7 މެންބަރުންނާއި، ހޮސްޕިޓަލުގެ އިސްވެރިންނާއި ބައްދަލުކުރައްވާ ބޭއްވި މަޝްވަރާގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ބައްދަލުކުރެއްވުމުގައި ސަރުކާރުގެ ފަރާތުން ޞިއްޙީ ދާއިރާގެ މަޢުލޫމާތު ދެއްވުމަށް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ، އައްޑޫ ސިޓީގެ 7 ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުން އަރިހުން އެބޭފުޅުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ވަކިވަކީން އައްސަވާފައި ކަމަށް ރައީސް އޮފީހުން ބުނެވެ.

އެގޮތުން އައްޑޫގައި ވީއެންމެ އަވަހަކަށް ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް އައްޑޫސިޓީގެ ހުރިހާ މެންބަރުން އެދިވަޑައިގެންނެވި ކަމަށް ވަނީ ބުނެފައެވެ. އަދި އެބޭފުޅުންގެ ދާއިރާތަކުގެ ރައްޔިތުންގެ ތެރެއިން މިވަގުތު މާލެއިން ނުވަތަ ރާއްޖޭން ބޭރަށް ފަރުވާ ހޯދުމަށް ދާން ބޭނުންވާ ފަރާތްތަކާމެދު ޢަމަލުކުރާނެ އުސޫލުތަކާބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރަށް އެސިޓީގެ ރަށްރަށަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމާ ގުޅޭގޮތުންނާ، އައްޑޫސިޓީގައި ހަމަޖައްސަވާފައިވާ ކަރަންޓީން ފެސިލިޓީސްގެ ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް އެޅެންހުރި ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި އަދި ހޮސްޕިޓަލުގެ ފަރާތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސަރުކާރުން އެކަންކަން ބައްލަވަމުން ގެންދަވާނެކަމަށާއި، އެން.އީ.އޯ.ސީ މެދުވެރިކޮށް އައްޑޫސިޓީއަށް ފޮނުވަން ބޭނުންވާ ތަކެތި ފޮނުވޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމުގައި ވިދާޅުވެފައެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަމީން ވަނީ ރަށްރަށަށް ކޯވިޑް-19 އާއި ގުޅިގެން ބޭނުންވާ ހުރިހާ މެޑިކަލް ސާމާނު ފޯރުކޮށްދެވިފައިވާކަން ޔަޤީންކޮށްދެއްވާފައެވެ.

މީގެ އިތުރަށް މި ހާލަތުގައި އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާކަމަށާއި އެގޮތުން އޮންލައިންކޮށް ޑަކްޓަރުންނަށާއި ނަރުހުންނަށް މިހާރުވެސް ތަމްރީނު ދެއްމުންގެންދަވާކަމަށާއި، އަދި އިތުރަށް އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅުވާނަމަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ގުޅިގެން އެ އެހީތެރިކަން ފޯރުކޮށްދެވޭނެގޮތް އިންތިޒާމުކުރައްވާފައި ވާކަމުގައި ވެސް މިނިސްޓަރ ވިދާޅުވި އެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހުރިހާ ބޭފުޅުންވެސް ގުޅިގެން މަސައްކަތްކުރެއްވުމަށް އެދިވަޑައިގެންފައެވެ.