• ވުހާން ސިޓީގެ 11 މިލިއަން ރައްޔިތުން ޓެސްޓްކުރަނީ
  • އެމެރިކާ ހުޅުވާނުލުމަށް ޑރ. އެންތަނީ ފައުސީގެ އިންޒާރު
  • ލޮކްޑައުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދު 'ވާގިނެތިފައި'

އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އިތުރުވަމުން ދިއުމާއެކުވެސް ރަޝިޔާ، ޗައިނާ، އިންޑިއާ އަދި ދުނިޔޭގެ އެހެންވެސް ބައެއް ގައުމުތަކުން ގެންދަނީ، ލޮކްޑައުންގެ ހާލަތަށް ލުއިދޭން ފަށާފައެވެ.

އެކަމަކު، ސިއްހީ ތަޖުރިބާކާރުން ގެންދަނީ، ވައިރަސްގެ ހާލަތަށް މަޑުޖެހުން އައިސްފައިވާ ގައުމުތަކުގައިވެސް އަލުން ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދެއްވަމުންނެވެ.

ކޮރޯނާވައިރަސްގެ ސަބަބުން ޖެހޭ ނުރައްކާތެރި ކޮވިޑް-19 ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވުހާން ސިޓީގައި އަލަށް މީހުން ޕޮޒިޓިވްވާން ފަށާފައިވާއިރު، ދެކުނު ކޮރެއާއިންވެސް ވަނީ އިތުރު ކޭސްތައް ފެންނަން ފަށާފައެވެ.

ވުހާން ސިޓީން ކޮވިޑް-19 ބަލީގެ އައު ކްލަސްޓަރ ފެންނާން ފެށުމާ ގުޅިގެން ޗައިނާ ސަރުކާރުން މިހާރުވަނީ ވުހާން ސިޓީގެ މުޅި އަބާދީ ޓެސްޓްކުރުމަށް ނިންމާފައެވެ.

ވުހާން ސިޓީގެ މުޅި އާބާދީއަކީ 11 މިލިއަނެވެ.

ވުހާން ސިޓީގެ ހެލްތު އޮތޯރިޓީން ބުނެފައިވަނީ، އެކި ޑިސްޓްރިކްޓްތަކުގެ އިދާރާތަކާ ހަވާލުކޮށްގެން މުޅި ވުހާން ސިޓީގެ އެންމެން 10 ދުވަސްތެރޭ ޓެސްޓްކޮށް ނިންމަން ޕްލޭނެއް އެކަށައަޅަމުންދާ ކަމަށެވެ.

ރަޝިޔާގައި ބަލިޖެހުނު މީހުންގެ އަދަދު 232،000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު، ސަރުކާރުންވަނީ ލޮކްޑައުންގެ ހާލަތަށް ލުއިދޭން ފަށާފައެވެ.

ރަޝިޔާ މިހާރުވެފައިވަނީ، އެމެރިކާ ފިޔަވައި ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ކޮވިޑް-19 ބަލިޖެހިފައިވާ މީހުން ތިބި ގައުމަށެވެ. ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފްވެސް ވަނީ ޕޮޒިޓިވްވެފައެވެ.

އެމެރިކާއިން ބަލީގައި މަރުވި މީހުންގެ އަދަދު 80،900 އަށް އަރާފައިވާއިރު، ބަލި ޖެހުނު މީހުންގެ އަދަދު 1.3 މިލިއަނަށް އަރާފައި ވެއެވެ.

އެމެރިކާއިން އިގްތިސާދު އަލުން ހުޅުވާލަން ފަށާފައިވާއިރު، އެކަން އެގޮތަށް ނުކުރުމަށް އެމެރިކާގައި ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ އެންމެ އިސް މޭސްތިރި ޑރ. އެންތަނީ ފައުސީވަނީ އިންޒާރުވެސް ކުރައްވާފައެވެ.

އަނެއްކޮޅުން، ދުނިޔޭގެ އެންމެބޮޑު ލޮކްޑައުންގެ ގޮތުގައި ބެލެވިފައިވާ އިންޑިއާ ސަރުކާރުން މިއަދުވަނީ ވަކި އަދަދެއްގެ ރޭލު ދަތުރުގެ ޚިދުމަތް ފަށާފައެވެ.

އިންޑިއާގައި ބަލިޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށްބޮޑަށް މައްޗަށް ގޮސްފައިވާއިރު، ހޯމަދުވަހު އެކަނިވެސް 3،600 މީހުން ޕޮޒިޓިވްވެފައި ވެއެވެ.

މިއާއެކު، އިންޑިއާގައި ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 70،756 އަށް އަރާފައެވެ. މަރުވި މީހުންގެ އަދަދު އުޅެނީ 2،293 ގައެވެ.

ވަރަށްބޮޑަށް ފަރުވާތެރި ފިޔަވަޅުތަކެއް އަޅައިގެން އީރާނުންވަނީ ލޮކްޑައުންގެ ހާލަތަށް ލުއިދޭން ފަށާފައެވެ. އެގޮތުން، މިދިޔަ މާޗްމަހުގެ ތެރޭގައި ބަންދުކުރި ހުރިހާ މިސްކިތްތައް މިއަދުވަނީ ތިންދުވަހުގެ މުއްދަތަށް ހުޅުވާލާފައެވެ.

ކޮވިޑް-19 ބަލީގައި އީރާނުން މިހާތަނަށް 6.733 މީހުން މަރުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ އަދަދުވަނީ 110،767 އަށް އަރާފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް މިހާތަނަށް އެންމެ ކާމިޔާބު އޮޕަރޭޝަނެއް ހިންގާފައިވާކަމުގެ ކްރެޑިޓް ލިބިފައިވާ ދެކުނު ކޮރެއާގައިވެސް އަލުން ބަލި ފެތުރޭން ފަށާފައި ވެއެވެ. ބަލި ފެތުރޭން ފަށާފައިވަނީ ރެސްޓޯރަންޓްތަކާއި، ނައިޓްކްލަބްތައް ހުޅުވާލުމުން އެތަންތަނަށް ދިޔަ މީހުންގެ މެދުގައެވެ.

ޔޫރަޕް ސަރަހައްދުގައި މިހާތަނަށް އެންމެ ގިނަމީހުންނަށް ބަލި ޖެހިފައިވަނީ އިނގިރޭސިވިލާތުގައެވެ. އެގައުމުން 32،692 މީހުން މަރުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ އަދަދުވަނީ 226،463 އަށް އަރާފައެވެ.

ބަލީގެ ހާލަތާއި ގުޅިގެން ގައުމުތަކުން އަޅާފައިވާ ރައްކާތެރި ފިޔަވަޅުތަކުގެ ސަބަބުންނާއި، އިޖުތިމާއީ ލޮކްޑައުންތަކުގެ ސަބަބުން ދުނިޔޭގެ އިގްތިސާދުގެ ބޮޑު ބައެއް މިހާރުއޮތީ "ވާގިނެތިފަ" އެވެ.

ދުނިޔޭގެ މާރުކޭޓްތަކާއި، ވިޔަފާރިތައް ވިސްނުންތެރިކަމާއި، ރޭވުންތެރިކަމާއެކު އަލުން ހުޅުވައި، މީހުން މަސައްކަތަށް އެނބުރި ނުކުންނަން ފަށާފައިވާއިރު، ބަލިމަޑުގެ ދެވަނަ ބާނި، މާ ނުރައްކާތެރި ވެދާނެކަމުގެ ބިރުވެސް އުފެދިފައި ވެއެވެ.