ފިތުރުއީދާއި ގުޅިގެން ލިބޭ 5 ދުވަހުގެ ބަންދުގެ މުއްދަތުގައި މުޅި ސައުދީ އަރަބިއްޔާ އެއްކޮށް ލޮކްޑައުންކޮށް، 24 ގަޑިއިރުގެ ކާފިއު ހިންގަން ސައުދީ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން، ސައުދީ އަރަބިއްޔާގެ ހުރިހާ ސިޓީތަކާއި، ރީޖަންތަކުގައިވެސް 24 ގަޑިއިރު ކާފިއު ހިންގާފައި ބޭއްވުމަށް ސަރުކާރުން ވަނީ ނިންމައި އެކަން އިޢްލާން ކޮށްފައެވެ.

އެގޮތުން، މުޅި ގައުމު ލޮކްޑައުންކޮށް 24 ގަޑިއިރު ކާފިއު ހިންގުމަށް ނިންމާފައިވަނީ މެއިމަހުގެ 23 އިން 27 އަށެވެ. އެއީ، ސައުދީ އަރަބިއްޔާއަށް ރަމަޟާންމަހުގެ 30 ވަނަ ދުވަހުން ފެށިގެން އިތުރު 5 ދުވަހުގެ މުއްދަތަށެވެ.

ސައުދީ ސަރުކާރުގެ ދާޚިލީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެއި 23 ގައި ފުލް ލޮކްޑައުންއަށް ގޮސް، ކާފިއު ހިންގި ނަމަވެސް، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން މިހާރުވެސް އަޅާފައިވާ ފިޔަވަޅުތައް އަދިވެސް ދެމިއޮންނާނޭ ކަމަށެވެ.

އެގޮތުން، އިޖުތިމާއީ ގައިދުރުކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ފަސްމީހުންނަށްވުރެ ގިނައިން މީހުން އެއްތަންވުން މަނާކޮށްފައި އޮތްއޮތުން ދެމިއޮންނާނޭ ކަމަށް ދާޚިލީ ވުޒާރާއިން ބުނެފައި ވެއެވެ.

އަދި ރަސްގެފާނުގެ ޝާހީ އަމުރުފުޅާއި، ދާޚިލީ ވުޒާރާއިން ކުރިން ނިންމާފައިވާ ނިންމުންތަކުގެ ދަށުން، އިގްތިސާދީ މަސައްކަތްތަކާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ދީފައިވާ ދޫތައް، މެއިމަހުގެ 13 އިން 22 އަށް ދެމިއޮންނާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި މައްކާ ފިޔަވައި، ސައުދީ އަރަބިއްޔާގެ އެހެން ސިޓީތަކާއި، ރީޖަންތަކުގައި މިހާރު ހިންގާފައިވާ ކާފިއުއަށް ހެނދުނު 9:00 އިން ހަވީރު 5:00 އަށް ދީފައި ލުއިވެސް ދެމިއޮންނާނޭ ކަމަށް ދާޚިލީ ވުޒާރާއިން ބުނެފައި ވެއެވެ.

މައްކާއަށް މީހުން އެތެރެވުމާއި، މައްކާއިން މީހުން ބޭރަށް ދިއުން އެއްކޮށް މަނާކޮށްފައި އޮތް އޮތުމާއި، ބަލީގެ ހާލަތު ގޯސްވެގެން އެކަހެރިކުރަން ނިންމާފައިވާ ސިޓީތަކާއި، އަވަށްތަކަށް އަޅާފައިވާ ފިޔަވަޅުތައްވެސް ދެމިއޮންނާނޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަރަބި ދުނިޔޭގެ އެންމެބޮޑު އިގްތިސާދު ކަމުގައިވާ ސައުދީ އަރަބިއްޔާ ވެފައިވަނީ ގަލްފް ސަރަހައްދުން ކޮވިޑް-19 ބަލި އެންމެ ގިނަމީހުންނަށް ޖެހިފައިވާ ގައުމަށެވެ. ވައިރަސް ފެތުރުން ހުއްޓުވަން ސައުދީ ސަރުކާރުން ގެންދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސައުދީ އަރަބިއްޔާއިން ކޮވިޑް-19 ބަލީގައި މިހާތަނަށް 264 މީހުން މަރުވެފައި ވާއިރު، ބަލި ޖެހުނު މީހުންގެ އަދަދުވަނީ 42،925 އަށް އަރާފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 15،257 މީހުން ބަލިން ފަސޭހަވެފައިވެއެވެ.

ބަލިމަޑު ހާލަތާއި ގުޅިގެން ސައުދީ އަރަބިއްޔާގެ ގިނަ ސިޓީތަކާއި ރަށްތަކުގައި ކުރިންވެސް 24 ގަޑިއިރުގެ ކާފިއު ހިންގާފައި ވެއެވެ. ކާފިއުގެ ހާލަތަށް ލުއިދީފައިވަނީ ބަރަކާތްތެރި ރަމަޟާންމަސް ފެށުމާ ގުޅިގެންނެވެ.

އެގޮތުން، ބަލީގެ ހާލަތު ބޮޑަށް ފެތުރިފައިވާ ސަރަހައްދުތައް ނޫން ސަރަހައްދުތަކުގައި ޝޮޕިންގ ސެންޓަރުތަކާއި، ވިޔަފާރިތައް ހުޅުވުމުގެ ހުއްދަދީ، ވަކި ގަޑިތަކެއްގައި އާންމުންނަށް ބޭރަށް ނުކުތުމުގެ ހުއްދަ ދީފައި ދީފައި ވެއެވެ.

ލޮކްޑައުންގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އޮތްނަމަވެސް، ކޮވިޑް ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ސިޓީތަކުގެ ތެރޭގައި މައްކާ ހިމެނެއެވެ. އެހެންވެ، މައްކާ އަދިވެސް އޮތީ އެއްވެސް ލުޔެއްނުދީ، ފުލް ލޮކްޑައުންގައެވެ.

ބަލީގެ ހާލަތާ ގުޅިގެން އުމްރާގެ އަޅުކަމަށް މީހުން އައުން ސައުދީ ސަރުކާރުން ހުއްޓުވާލީ މާޗްމަހުގެ ތެރޭގައެވެ.

މިއަހަރުގެ ޖުލައިމަހުގެ ފަހުކޮޅާ ދިމާވާ ހައްޖުގެ އަޅުކަމާމެދު ސައުދީ ސަރުކާރުން އަދިވެސް ގޮތެއް ނިންމާފައެއް ނުވެއެވެ. އެހެން ނަމަވެސް، ގައުމުތަކަށް އަންގާފައިވަނީ ހައްޖުގެ ތައްޔާރީތައް ހުއްޓާލުމަށެވެ.