ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ދެވަނަ ފަހަރަށް ހުށަހެޅުއްވުމުން ވެސް އެ ބިލު ބަލައިނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ނާއިބުރައީސް އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ހުށަހެޅުއްވި މި ބިލުގައި މިހާރު ދިމާވެގެން އުޅޭ ދަތި ހާލަތުގައި ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށާއި އަދި އިތުރު ކަންތައްތަކެއް ވެސް ހިމަނާފައި ވެއެވެ.

މީގެ ކުރިންވެސް މި ބިލު ބަލައިނުގަތީ ދައުލަތުގެ އާމްދަނީއަށް އަސަރުކުރާ ކަންކަން ހިމެނޭތީ ކަމަށް ބުނެއެވެ. ދައުލަތުގެ އާމްދަނީއަށް އަސަރުކުރާ ކަންކަން ހިމެނޭ ބިލުތައް ސަރުކާރުގެ ފަރާތުން ނޫނީ ހުށަނޭޅޭނެ ކަމަށް މަޖިލީހުގެ ގަވާއިދު ބުނެއެވެ.

ކުރިން ހުށަހެޅުއްވި ބިލު އިސްލާހު ކުރައްވައި އަލުން ހުށަހެޅުއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވާތީ މެންބަރު ސައީދު ވަނީ ދެވަނަ ފަހަރަށްވެސް ބިލު ހުށަހަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މާވަށު ދާއިރާގެ މެންބަރު ހުށަހަޅުއްވަން ބޭނުންފުޅުވާ ބިލަކާ ގުޅޭގޮތުން ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް އެ ބިލު ބަލައިނުގަނެވޭނެކަން އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ.

އިއްޒަތްތެރި މެންބަރު އަރިހުގައި ދަންނަވަން އަޅުގަނޑަށް ޖެހެނީ މި ބިލަކީ މިތަނުގެ ގަވާއިދު، މަޖިލީހުގެ ގަވާއިދު ވަރަށް ސަރީހަ އިބާރަތުން ބުނާ ފައިސާއާ ގުޅޭ ބިލެކޭ. އިއްޒަތްތެރި މެންބަރަށް ހުށަހެޅެން ނެތް ބިލެކޭ. އެއިރެއްގައި ސަރުކާރުގައި ތިއްބަވާ ބޭފުޅުން ނުވަތަ ސަރުކާރުގައި ތިއްބަވާ ނުވަތަ ސަރުކާރު ހިންގަވާ ޕާޓީގެ ފަރާތުން ހުށަހެޅޭ ގޮތަށް މި މަޖިލީހުގެ ގަވާއިދު އޮތް މައްސަލައެއް. އެހެންވީމަ އަޅުގަނޑަށް އިއްޒަތްތެރި މެންބަރުގެ ބިލު ބަލައިގަނެވެން ނެތް ވާހަކަ ހިތާމަޔާއެކު ދަންނަވަން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މި ބިލު ބަލައިނުގަތުމުން ކަންބޮޑުވުން ފާޅުކުރައްވައި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެއީ މިހާރު ދިމާވެފައިވާ ހާލަތުގައި އިޖުތިމާއީގޮތުން ކޮންމެހެންވެސް ބޭނުންތެރި ބިލެއް ކަމަށެވެ. ބިލު ބަލައިނުގަތުމަކީ މިހާލަތުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ބީރައްޓެހި ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަކަށް ހަމަ އެއްގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ މިކަހަލަ ހާލަތެއްގައި މަޖިލީހުގެ ވަކި ކަންތައްތަކެއް ނުވަތަ ގަވާއިދުތަކެއް ހުރި ކަމަށް ބައްލަވާފައި އެ ބިލު ބޭރުކޮށްލެއްވުން. ބިލު ބޭރުކޮށްލެއްވުމަކީ ވަރަށް ޑިމޮކްރެސީގެ އުސޫލުތަކާ ބީރައްޓެހި މިކަހަލަ ހާލަތެއްގައި އަޅުގަނޑުމެން މަސައްކަތް ކުރުމުގެ އުސޫލުތަކާ ތަންކޮޅެއް ބީރައްޓެހި ގޮތެއް.
މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު

މި ބިލު ބަލައިނުގަތުމަކީ ކޮވިޑްގެ ހާލަތުގައި ސަރުކާރަށް ނުވަތަ ދައުލަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އިދިކޮޅު ފަރާތްތަކުގެ ބައިވެރިވުން މަޖިލީހުގެ ތެރެއިން ވެސް ފެއިލްކޮށްލުން ކަމަށް އާދަމް ޝަރީފް ވަނީ ސިފަކުރައްވާފައެވެ.

އެކަމަށް ރައްދުދެއްވައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ ވާދަވެރި ފަރާތްތައް ބައިވެރިނުކޮށް މަޖިލީހުގެ އެއްވެސް ކަމެއް ކުރިއަށް ނުދާނެ ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ސިއްހީ ޚިދުމަތް ދިނުމާއި އެހެނިހެން ކަންކަން ކުރުމަށް ދައުލަތުގައި ފައިސާ އެބަހުރި ކަމަށާއި ޕެންޝަން ފަންޑުގައި އަތްލާން ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. ގައުމެއްގެ ޕެންޝަން ފަންޑުގައި އަތްލުމުން އެގައުމެއްގެ މާޒީ އެކީގައި ދިޔައީ ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯއެއްގެ ދަށުން ހިނގާ ސަރުކާރަކުން ޕެންޝަން ފަންޑަށް މިފަދަ ގޮތެއް ހެދުމަށް އެއްބަސްވުން އެއީ ވަރަށް ދަތިކަމަކަށް ވާނެ. އަޅުގަނޑަށް މި ބިލު ނުގެނެވުނީ މި ބިލަކީ ފައިސާއާ ގުޅުންހުރި ބިލަކަށް ވާތީ. އެއްވެސް ހާލެއްގައި މިހިނގަމުންދާ ކަންކަމުގައި އިއްޒަތްތެރި މެންބަރުން ބައިވެރިނުކުރުމުގެ ކުޑަ ވިސްނުމެއް ވެސް އަޅުގަނޑުގެ ނެތް.
ރައީސް ނަޝީދު

ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހެދުމަށް މާވަށު ދާއިރާގެ މެންބަރު ދެފަހަރުމަތިން ބިލު ހުށަހެޅުއްވުމުން ވެސް ބަލައިނުގެން އަނބުރާ ފޮނުވާލާފައިވާއިރު، ކޮވިޑް-19 އާ ގުޅިގެން އެތައް ބަޔަކަށް ވަނީ މުސާރަ ކުޑަވުން ނުވަތަ މުސާރަ ނުލިބުން ނުވަތަ ވަޒީފާ ގެއްލުމާ ކުރިމަތިލާންޖެހި، އާމްދަނީ ލިބޭނެ ހުރިހާ ދޮރެއް ބަންދުވެފައެވެ. އެހެންކަމުން ވަޒީފާ އަދާކޮށްގެން ޕެންޝަން ފަންޑަށް ރައްޔިތުން ޖަމާކޮށްފައި ހުރި ފައިސާގެ ބޭނުން މިއަށްވުރެ ބޮޑު ހާލަތެއް އަދި ނާންނަ ކަމަށް ބުނެ އެ ފައިސާ ނެގޭ ގޮތް ހެދުމަށް އެތައް ބަޔަކު ދަނީ ގޮވާލަމުންނެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ މިހާރު ދިމާވެފައިވާ އިގުތިސާދީ މައްސަލަތަކާ ގުޅިގެން ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެފަދަ ވިސްނުމެއް ގެންގުޅުމީ ބުއްދިވެރިކަމަކަށް ނުވާނެ ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ޕެންޝަން ފަންޑުގައި ނުޖެހި އެހެން ގޮތްގޮތުން ރައްޔިތުންނަށް ލުއިތައް ހޯދައިދިނުން ކަމަށެވެ.