ވިލާ ގޭސް އަތޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިލާ ހަކަތައިގެ ފައިނޭންޝަލް ކޮންޓްރޯލާ މަހުމޫދު ރަމީޒް އަބްދުއްރަހްމާން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ވިލާ ގޭސް އަތޮޅުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާއިރު ޓެސްޓު ދަތުރެއް އުތުރުގެ ރަށްތަކަށް ކޮށްފައިވާ ކަމަށެވެ.
އުތުރުގެ އަތޮޅުތަކަށް ގޭސް ފޯރުކޮށްދިނުމަށްފަހު ދެކުނު ރަށްތަކަށްވެސް ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ވިލާ ގޭހުން ކުރަމުންގެންދާނެ ކަމަށް ރަމީޒް ވަނީ ވިދާޅުވެފައެވެ. ރަށްރަށަށް ގޭސް ފޯރުކޮށްދިނުމުގައި އެއްވެސް މެދުކެނޑުމެއްނެތި މި ޚިދުމަތް ދެމުންގެންދާނެކަން ފާހަގަކުރައްވައި މަހުމޫދު ވިދާޅުވީ ހުސް ފުޅިތަކަށް ގޭސް ރީފިލްކުރުމަށްފަހު އަނެއްކާވެސް ރަށްރަށަށް ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންގެންދާނެ ކަމަށެވެ.
މަހުމޫދު ވިދާޅުވީ ވިލާ ގޭސް އަތޮޅުތަކަށް ޑެލިވަރީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރު ހުއްޓިފައިވުމުގެ ސަބަބުން ރަށްރަށަށް ގޭސް ލިބުމުގައި ދަތިތަކެއް އުޅޭކަން ފާހަގަކުރެވިފައި ވާތީ ކަމަށެވެ.
ރަށްރަށަށް ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ވިލާ ގޭހުގެ ފަރާތުން ދެމުންގެންދާ ހިދުމަތެއްކަން ފާހަގަކުރައްވައި މަހުމޫދު ރަމީޒް ވަނީ ކުރިއަށް އޮތް ތަނުގައި ރަށްރަށަށް ގޭސް ލިބުމުގައި އެއްވެސް ދައްޗަކާ ކުރިމަތިލާން ނުޖެހޭނެކަމުގެ ޔަގީންކަން ދެއްވާފައެެވެ.