އިންޑިއާ ކަނޑަށް ވާގޮތަށް އޮންނަ އިރުމަތީ އެފްރިކާގެ ޖަޒީރާ ގައުމެއް ކަމަށްވާ މޮރިޝަސްގައި ކޮވިޑް-19 ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބު ވަމުންދާކަމަށް އެގައުމުން ހާމަކޮށްފިއެވެ.

މޮރިޝަސް ސަރުކާރުންވަނީ، ވައިރަސްއާ ދެކޮޅަށް ކުރެވޭ މަސައްކަތުގެ ކާމިޔާބީ އިޢްލާން ކޮށްފައެވެ.

މޮރިޝަސްއިން މިހާތަނަށް 332 މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވާއިރު، ބަލީގައި މަރުވެފައިވަނީ 10 މީހުންނެވެ.

ބާކީތިބި 322 މީހުން މިހާރުވަނީ ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާ ކަމަށް މޮރިޝަސް ސަރުކާރުން ބުނެއެވެ.

އަދި އަލަށް އިތުރު މީހަކު ޕޮޒިޓިވް ނުވަތާ 17 ދުވަސް ވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް، ގައުމުން ބޭރުން އައި، އެގައުމުގެ 220 ރައްޔިތަކު އަދިވެސް ކަރަންޓީނުގައި އެބަތިބި ކަމަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްނަސްއިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

1.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މޮރިޝަސްއަކީ އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ހަރުކަށި އުސޫލުތަކުގެ ލޮކްޑައުންގެ ހާލަތު ހިންގާފައި ގައުމެވެ.

އެގޮތުން، އެގައުމުގެ ހުރިހާ ސުޕަރމާކެޓްތައް ފުރަތަމަ 10 ދުވަހަށް އެއްކޮށް ބަންދުކުރި ނަމަވެސް، އެ މުއްދަތު މިހާރުވަނީ ޖޫންމަހުގެ އެކެއްގެ ނިޔަލަށް ދިގު ދަންމާލާފައެވެ.

"އައު ޕޮޒިޓިވް ކޭސްއެއް ނުފެންނަތާ މިއަދަށް މިވީ 17 ދުވަސް. މިވަގުތު އަޅުގަނޑުމެންގެ ގައުމުގައި އެކްޓިވް އެއްވެސް ކޭސްއެއްނެތް"
ހެލްތު މިނިސްޓަރ ކައިލޭޝް ޖަގަތުޕާލް
މޮރިޝަސްގެ ފުލުހުން މަގުމަތި ބަލަހައްޓަނީ:

ހެލްތު މިނިސްޓަރ ކައިލޭޝް ޖަގަތުޕާލް ވިދާޅުވީ، ކޮވިޑް-19 އާ ދެކޮޅަށް ކުރެވޭ މަސައްކަތް ކާމިޔާބުވަނީ އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ، ސުޕަރމާރކެޓުތައް ބަންދުކޮށް، ބޯޑަރުވެސް ބަންދުކޮށް، މީހުން ގެތަކުގައި ބައިތިއްބައި، ގައުމު ލޮކްޑައުންގެ ހާލަތަށް ގެންނައުމަކީ ސަރުކާރުން ކޮންމެހެން އަޅާންޖެހުނު ފިޔަވަޅުތަކެއްކަން ރައްޔިތުން ވަރަށް ރަނގަޅަށް ގަބޫލުކުރި ކަމަށެވެ.

"އެކަމަކު މި ހަނގުރާމަ އަދި އަޅުގަނޑުމެންނަށް ކާމިޔާބެއް ނުކުރެވޭ. ވަރަށް ބޮޑަށް ފަރުވާތެރިވެ ތިބެންޖެހޭ"
ހެލްތު މިނިސްޓަރ ކައިލޭޝް ޖަގަތުޕާލް

ލޮކްޑައުންގައި އޮތްނަމަވެސް، މޮރިޝަސް ސަރުކާރުން މިހާރުވަނީ، ބޭކަރީތަކާއި، އެއްގަމުމަސް ވިއްކާ ފިހާރަތަކާއި، ކަނޑުމަސް ވިއްކާ ތަންތަންފަދަ، އަސާސީ ޟަރޫރީ ތަކެއްތި ވިއްކާ ބައެއް ފިހާރާތައް މާދަމާއިން ފެށިގެން އަލުން ހުޅުވުމުގެ ހުއްދަ ދީފައެވެ.

އެހެން ނަމަވެސް، ގިނަ ވިޔަފާރިތަކާއި، ޝޮޕިންގ ސެންޓަރުތަކާއި، މާރުކޭޓުތަކާއި، ބާރތައް ހުޅުވުމުގެ ހުއްދަ އަދިވެސް ދީފައެއް ނުވެއެވެ.