މިއަދުން ފެށިގެން ބާޒާރުކުރެވޭނީ ހަފްތާއަކު އެއްފަހަރު ކަމަށް ފުލުހުން ބުނެފިއެވެ.

ބާޒާރުކުރުމަށް ދޫކޮށްފައިވާ ހުއްދަތަކަށް ބަދަލެއް ގެނެސް އެކަމާ ގުޅޭ ގޮތުން ފުލުހުން ކޮށްފައިވާ ޓްވީޓުގައި ވަނީ ބާޒާރަށް ދެވޭނީ ހަފްތާއަކު 1 ފަހަރު ކަމަށް ކަނޑައަޅާފައިވާ ކަމަށާއި ވިޔަފާރި ކުރާ މީހުންނަށް ކަނޑައެޅިފައިވާ އާ ގަޑިތައް އާ މެސެޖަކުން ލިބޭނެ ކަމަށެވެ. އަދި ކުރިންހެން އަލުން ރަޖިސްޓަރީީ ކުރަން ނުޖެހޭނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދާއިރު އެޗްޕީއޭ އިން ލަފާކުރާގޮތުން މި މަހުގެ ފަހުކޮޅު މި ބަލީގައި ޕީކަށް ދާނެއެވެ. މިހާތަނަށް މި ބަލީގައި 4 މީހަކު ރާއްޖެއިން ވަނީ މަރުވެފައެވެ. މިކަމާ ގުޅިގެން ގިނަ ފިޔަވަޅުތަކެއްް ސަރުކާރުން ގެންދަނީ އަޅަމުންނެވެ. މިގޮތުން އިއްޔެ ވަނީ ސިނަމާލެ ބްރިޖް ވެސް ވަކި ގަޑިތަކެއްގައި ބަންދުކުރާ ގޮތަށް ހަމަޖައްސާފައެވެ.

ކޮވިޑް-19 ފެތުރުންް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ރެއިން ފެށިގެން ކޮންމެ ރެއަކު 1:00 އިން ފެށިގެން ހެނދުނު 9:00 އަށް ސިނަމާލެ ބުރިޖުން އާންމުންނަށް ދަތުރުފަތުރު ނުކުރެވޭ ގޮތަށް ބަންދުކޮށް ފުލުހުން ދަނީ މޮނިޓަރކުރަމުންނެވެ. ކުރިއަށް އޮތް 2 ހަފްތާއަށް މިގޮތަށް އަމަލު ކުރާނެ ކަމަށް ފުލުހުން ބުނެއެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޖަމާއަތުގައި ނަމާދުކުރުން މަޑުޖައްސާލުމަށް ނިންމާފައި އޮތް އޮތުން މިމަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފައިވާއިރު މާލޭގެ ލޮކްްޑައުންގެ މުއްްދަތުވެސް ވަނީ މިމަހުގެ 28 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައެވެ.