ޗައިނާއާ އެއްކޮށް ގުޅުން ކަނޑާލަން ޖެހިދާނޭ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރުގަދަ އިންޒާރެއް ކުރައްވައިފިއެވެ.

ޓްރަމްޕްގެ އިންޒާރު މިއައީ، ކޮރޯނާވައިރަސްގެ މައްސަލާގައި އެމެރިކާއާއި ޗައިނާއާ ދެމެދު ހިނގަމުންދާ އަރާރުންތައް ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ފޮކްސް ބިޒްނަސް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ޗައިނާއާ ދެކޮޅަށް ކުރެއްވޭނެ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ޗައިނާއާއެކު އޮތް ހުރިހާ ގުޅުންތައް ކަނޑާލުންވެސް ހިމެނޭ ކަމަށެވެ.

"ޗައިނާއާއެކު އޮތް ހުރިހާ ގުޅުންތައް ކަނޑާލައިފިއްޔާ 500 ބިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރެވޭ"
ޓްރަމްޕް

ޓްރަމްޕް ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އޭނާއާ ދެމެދުގޮތް ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް، މިދަނޑިވަޅުގައި ޝީއާ އެއްވެސް ވާހަކައެއް ދައްކަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު މިފަހުން އަރާރުންތައް ފެށުނީ، ކޮވިޑް-19 ބަލީގެ ވައިރަސްގެ އަސްލު އައިތަނަކާ މެދުގައެވެ.

އެމެރިކާއިން ބުނަމުންދަނީ ވައިރަސްއަކީ ޗައިނާގެ ލެބޯޓަރީއަކުން އުފެއްދި އެއްޗެއް ކަމަށެވެ. ޓްރަމްޕް ވިދާޅުވަނީ، އެ ވައިރަސްއަކީ ވުހާން ސިޓީގެ ލެބޯޓަރީއަކުން ބޭރުވި އެއްޗެއްކަމުގެ ހެކިވެސް އެބަހުރި ކަމަށެވެ. ޗައިނާއިން ބުނަނީ މިއީ އެމެރިކާގެ އުފެއްދުމެއް ކަމަށެވެ.

ޗައިނާއާ ގުޅުން ކަނޑާލަން ޖެހިދާނޭ ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ދެއްވި އިންޒާރާ ގުޅިގެން ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ޝާއޮ ލިޖިއާން ވިދާޅުވީ، ދެގައުމުގެ ރައްޔިތުންގެ އަސާސީ މަސްލަހަތަށްޓަކައި އެމެރިކާއާއި ޗައިނާއާ ދެމެދުގެ ގުޅުން ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެކަމަކީ، ދުނިޔޭގެ ސުލްހައާއި ހަމަޖެހުމަށްވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

"މިއީ، މި ބަލިމަޑު ހާލަތާ ކުރިމަތިލުމުގައާއި، މިބަލީގެ މައްޗަށް ވީހާވެސް އަވަހަކަށް ކާމިޔާބުހޯދުމާއި، ބަލިމީހުންނަށް ފަރުވާދިނުމާއި، އިގްތިސާދާއި، އުފެއްދުންތެރިކަން އަލުން ކޮޅަށްޖެހުމަށް ޗައިނާއާއި އެމެރިކާ ގުޅިގެން މަސައްކަތްކުރަންޖެހޭ ވަގުތެއް. އެކަމަށްޓަކައި އެމެރިކާއާއި ޗައިނާ އެބަޖެހޭ ބައްދަލުވެސްވާން"
ޝާއޮ ލިޖިއާން

ކޮވިޑް-19 ބަލީގެ މައްސަލާގައި އެމެރިކާއާއި ޗައިނާގެ އަރާރުންތައް ހޫނުވެގެން މިދަނީ، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުންތަކަށް ދިއުމަށް މަޝްވަރާތައްވެސް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ކޮވިޑްގެ މައްސަލާގައި ވިޔަފާރީގެ މަޝްވަރާތަކަށްވެސް ހިޔަނި އެޅިފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.