ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ މެޑިކަލް ފެސިލިޓީ އަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެ ގެނެސްފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްގީ ކުރަމުން އަންނަ ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ބައެއް ސާމާނު ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ރާއްޖެ ގެނެސްފައިވަނީ ބަންގްލަދޭޝްގެ ގައުމީ އެއާލައިން ބިމަން އެއާލައިންގެ ފްލައިޓެއްގައި ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

އެ ފްލައިޓުގައި މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ސާމާނުގެ އިތުރަށް އެހެނިހެން ސިއްހީ ހިދުމަތްދޭ ސާމާނު ވެސް ގެނެސްފައިވާ ކަމަށް ގައުމީ އެއާލައިނުން ބުނެއެވެ. ބިމާން އެއާލައިންސް ރާއްޖެ އައިސްފައިމިވަނީ މޯލްޑިވިއަން އާއި ގުޅިގެން ރާއްޖޭގައި ތިބި 500 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ގެނައުމުގެ ހާއްސަ އޮޕަރޭޝަނެއްގެ ދަށުންނެވެ.

ހުޅުމާލޭ ގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކުރުމަށް ސަރުކާރުން ނިންމީ އެޕްރީލް މަހުގެ 8 ވަނަ ދުވަހުގައެވެ. އެކަން އިއުލާން ކުރައްވާ ކޮވިޑް-19ގެ ޚާއްސަ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީ ހަދާ މެޑިކަލް ފެސިލިޓީއަށް 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި އަދި އެތަނަށް ބޭނުންވާ އެކިކަހަލަ ސިއްހީ އާލާތްތައް ހޯދުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށެވެ. އެތަން ނިމޭއިރު 300 އެނދުގެ ކެޕޭސިޓީ ބިލްޑިންގ އަކާއި ސާވިސް ބިލްޑިންގްއެއްގެ އިތުރުން އެކޮމޮޑޭޝަން ބިލްޑިންގއެއް ހުންނާނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ކޮވިޑް އާއި ގުޅިގެން ބަންގްލަދޭޝް އިންވެސް ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ވެފައެވެ. އެގޮތުން އެގައުމުން ރާއްޖެ އަށް 100 ޓަނުގެ ހިލޭ ކާބޯތަކެތި ދީފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ކާޑުގެ ބާވަތްތަކާއި، ރާއްޖޭގައި ކެއުުމަށް އާއްމުކޮށް ބޭނުންކުރާ މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ބޭހުގެ ބާވަތްތަކެވެ.

އަދި ރާއްޖެ އަށް އެހީވާން ބަންގްލަދޭޝްގެ މެޑިކަލް ޓީމެއް ވެސް ރާއްޖެ ވަނީ އައިސްފައެވެ. އަދި ބަންގްލަދޭޝްގެ އަސްކަރިއްްޔާގެ މަތިންދާބޯޓެއްގައި ވަނީ، ބަންގްލަދޭޝް އަދި ނޭޕާލްގައި ތިބި ދިވެހިންތަކެއް ވެސް އަނބުރާ ގައުމަށް ގެނެސްދީފައެވެ.