• އިންޑިއާގައި ބަލި ފެތުރުމުގެ އިލްޒާމު ސަރުކާރާއި މީޑިއާއިން އަޅުވަނީ މުސްލިމުންގެ ބޮލުގައި

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ބަލި ޖެހުނު މީހުންގެ އަދަދަށްވުރެ އިންޑިއާއިން ބަލި ޖެހުނު މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން މިއަދު އާންމުކުރި މައުލޫމާތު ބުނާގޮތުން، އެގައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 85،940 އަށް އަރާފައެވެ. އަދި މި ބަލީގައި 2،752 މީހުންވަނީ މަރުވެފައެވެ.

ހަމަ އެއާއެކު، ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 26،400 މީހުން ފަސޭހަވެފައިވާ ކަމަށްވެސް އިންޑިއާއިން ހާމަކޮށްފައި ވެއެވެ.

ކޮވިޑް-19 ބަލި އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ބަލި ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ 82،933 މީހުންނެވެ. ޗައިނާއިން ބަލީގައި މަރުވެފައިވަނީ 4،633 މީހުންނެވެ.

އިންޑިއާއިން އެންމެ ގިނަ މީހުންނަށް ބަލި ޖެހިފައިވަނީ މަހާރަޝްޓްރާ ސްޓޭޓުންނެވެ. އެ ސްޓޭޓުން 29،100 މީހުންނަށް ބަލި ޖެހިފައިވާއިރު، ޓެމިލް ނާޑޫއިން 10،108 މީހުންނަށް، ގުޖަރާތުން 9،931 މީހުންނަށް އަދި ވެރިރަށް ނިއުދިއްލީން 8،895 މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެބޮޑު ލޮކްޑައުންއެވެ.

ބަލި ފެތުރުން ހުއްޓުވަން އިންޑިއާ ސަރުކާރުން މުޅި އިންޑިއާ ލޮކްޑައުންކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި އޮންނަތާ 54 ދުވަސް ވެފައިވާއިރު، ލޮކްޑައުންގެ މުއްދަތު އަނެއްކާވެސް އިތުރުކުރުމާމެދު ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދުގެ ވަގުތެއްގައި ގޮތެއް ނިންމަވާނޭ ކަމަށް ޚަބަރުތައް ބުނެއެވެ.

ކޮވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު އިންޑިއާގައި ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައިވާއިރު، އިންޑިއާގެ ގިނަ މީޑިއާތަކުން މި ބަލި އިންޑިއާގައި ފެތުރުމުގެ އިލްޒާމު އަޅުވަމުން ގެންދަނީ އިންޑިއާގެ މުސްލިމުންގެ ބޮލުގައެވެ.

އިންޑިއާގެ އިސްލާމީ ޖަމާއަތެއް ކަމަށްވާ ތަބްލީޣީ ޖަމާއަތުން ނިއުދިއްލީގައި ބޭއްވި ބައްދަލުވުމަކަށް ޓެލެންގާނާ ސްޓޭޓުންދިޔަ ހަމީހަކު ޕޮޒިޓިވްވުމާ ގުޅިގެން، އިންޑިއާ ސަރުކާރުން ބާއްވަމުންދާ ރަސްމީ ޕްރެސް ކޮންފަރެންސްތަކުގައިވެސް ތަބްލީޣީ ޖަމާއަތުގެ ނަން ގެނެސް، އެ ވާހަކަ ދައްކަން ފަށާފައި ވެއެވެ.

އެކަމަކު، ތަބްލީޣީ ޖަމާއަތުން ނިއުދިއްލީގައި ބައްދަލުވުން ބޭއްވީ އިންޑިއާ ލޮކްޑައުންއަށް ދިއުމުގެކުރިންނެވެ.

އިންޑިއާގެ ގިނަ މީޑިއާތަކުންނާއި، ވަކިވަކި ނޫސްވެރިންވެސް ގެންދަނީ، ކޮވިޑް-19 ބަލި އިންޑިއާގައި ފެތުރުމުގެ އަސްލަކީ ތަބްލީޣީ ޖަމާއަތް ކަމަށް ބުނެ އަދި އެކަމުގެ އިލްޒާމު ޖުމްލަކޮށް މުސްލިމުންގެ ބޮލުގައި އަޅުވަމުންނެވެ.

އިންޑިއާގެ މީޑިއާގެ އަމަލުތައް ހުރިގޮތުން، އިންޑިއާގެ ނިކަމެތި މުސްލިމުންނަށް އެތައް އަނިޔާއަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. އެގޮތުން، ހިޖުރަވެރިންގެގޮތުގައި އުޅޭ މުސްލިމުންނާއި، ގާޑިޔާތައް ހިންގާ ފަރާތްތަކާއި، އުނގު ވިޔަފާރިކުރާ އަދި ކުދިކުދި ކަޑަތައް ހުޅުވައިގެންއުޅޭ މުސްލިމުންނަށް ނުރައްކަލާ ކުރިމަތިލާންޖެހިފައި ވެއެވެ.

ސިއްހީ ނިޒާމުގެ ބަލިކަށި ވާހަކަ، ޓެސްޓްކުރުމާއި، ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތު އާންމުންނަށް ގަވާއިދުން ނުދެވޭ ސަބަބާމެދު އިންޑިއާގެ ބޮޑެތި މީޑިއާތަކުން ސަރުކާރާ ސުވާލެއް ނުކުރެއެވެ. ސަރުކާރުން އެކަމުގެ އިލްޒާމު މުސްލިމުންގެ ބޮލުގައި އެޅުވުމުން ގިނަ މީޑިއާތަކުން އެހެން ވާހަކައެއް ނުދައްކައެވެ.

އިންޑިއާގެ ސޯޝަލް މީޑިއާގައިވެސް މުސްލިމުންނާ ގުޅޭގޮތުން ބޮޑެތި ދޮގުތައް ހަދައިގެން ތަފާތު ވާހަކަތައް ފަތުރަމުން ގެންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.