އަންނަ ޖޫންމަހުގެ 3 ވަނަ ދުވަހުން ފެށިގެން ބައިނަލްއަގްވާމީ ދަތުރުފަތުރަށް އިޓަލީ ހުޅުވާލަން، އިޓަލީ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން، ބޭރު ގައުމުތަކުން އިޓަލީއަށް މީހުން އައުމާއި، ގައުމުން ބޭރަށް މީހުން ފުރައިގެންދިއުން އާންމުކޮށް ހުޅުވާލުމަށް، އިޓަލީ ސަރުކާރުން އެކަށައެޅި ނިންމުމުގައި ވެއެވެ.

ބައިނަލްއަގްވަމީ ދަތުރުފަތުރަށް އިޓަލީ ހުޅުވާލަން ނިންމިއިރު، ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.

އިޓަލީ ވެފައިވަނީ، ބަލިފެތުރުން ހުއްޓުވަން ދުނިޔޭގައި އެންމެ ހަރުކަށި އަދި އާދަޔާޚިލާފް ފިޔަވަޅުތައް އެޅި ގައުމުތަކުގެ ތެރޭގައެވެ.

ލޮކްޑައުންގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކަށް އަވަހަށް ލުއިދިނުމަށް އިޓަލީގެ ބައެއް ރީޖަންތަކުން އެދުނު ނަމަވެސް، ބޮޑުވަޒީރު ގިއުސެޕް ކޮންޓޭ ވިދާޅުވީ، ގައުމު އާންމު ހާލަތަށް ގެންނާނީ މަޑުމަޑުން ކަމަށެވެ. އޭގެ ބޭނުމަކީ، ބަލިމަޑުކަމުގެ ދެވަނަ ބާއްޏެއް ނަގާފާނެތީ ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް-19 ބަލީގައި އިޓަލީން 31،610 މީހުން މަރުވެފައި ވާއިރު، މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދުވަނީ 223،885 އަށް އަރާފައެވެ.

އިޓަލީން ކޮވިޑް-19 ބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.

އިޓަލީ މިހާރުވެފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް ފިޔަވައި، މުޅި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަމީހުންނަށް ބަލިޖެހިފައިވާ ގައުމަށެވެ.

އިޓަލީއަކީ ބަލި ފެތުރުން ހުއްޓުވުމަށް ޔޫރަޕުން ލޮކްޑައުންގެ ހާލަތު އިޢްލާންކުރި ފުރަތަމަ ގައުމެވެ. މިހާލަތަށް އިޓަލީން ކިރިޔާވެސް ލުޔެއް ދީފައިވަނީ މި މެއިމަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ. އެ ދުވަހުން ފެށިގެން ފެކްޓަރީތަކާއި ޕާކްތައް އަލުންވަނީ ހުޅުވާފައެވެ.

އާންމު ފިހާރަތަކާއި، ވިޔަފާރިތައް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވަނީ މެއިމަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ.

އަދި އިޓަލީގެ އެކިއެކި ރީޖަންތަކަށްވެސް އެދުވަހުން ފެށިގެން ލުއިދޭން ސަރުކާރުންވަނީ ނިންމާފައެވެ. މާނައަކީ، އިޓަލީގެ އާންމުންނަށް އެމީހުންގެ އާއިލާއާއި ރަހްމަތްތެރިންނަށް ޒިޔާރަތް ކުރުމުގެ ހުއްދަވެސް އެދުވަހުން ފެށިގެން ލިބިގެންދާނެއެވެ.

އެހެންނަމަވެސް، އިޓަލީގެ އެތެރޭގެ އެއް ރީޖަނުން އަނެއް ރީޖަނަށް މީހުން ދަތުރުކުރުމާއި، ބައިނަލްއަގްވާމީ ދަތުރުތަކަށް ހުޅުވާލާނީ ޖޫންމަހުގެ 2 ގައި ފާހަގަކުރާ އިޓަލީގެ ޖުމްހޫރީ ދުވަހަށްފަހު ޖެހިގެން އަންނަ ޖޫންމަހުގެ 3 ވަނަ ދުވަހު ކަމަށް އިޓަލީ ސަރުކާރުންވަނީ ކަނޑައަޅާފައެވެ.

އިޓަލީ ސަރުކާރުން ބުނެފައިވަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމާއެކު، ހުރިހާ ރީޖަންތަކަށްވެސް އިގްތިސާދީ މަސައްކްތްތައް އަލުން ފެށިދާނޭ ކަމަށެވެ.

ހަމައެއާއެކު، ބަލީގެ ހާލަތު މޮނިޓަރ ކުރުމުގެ މަސައްކަތް ނޭޝަނަލް ހެލްތު އޮތޯރިޓީން މެދުނުކެނޑި ކުރިއަށް ގެންދާނޭ ކަމަށްވެސް ބުނެފައި ވެއެވެ.